ކައިވެނި ކުރުމަށް ފަހު ވަރި ވުމަކީ އެއްވެސް ދެމަފިރިޔަކު ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް ވަގުތާއި ހާލަތު ނިޔާކުރާ ކަމެއް ނުވަތަ ކަންތައްތަކެއްގެ ސަބަބުން ވަރި އާއި ހަމައަށް ދާން ޖެހެއެވެ. ވަރި ވާއިރު ބައެއް ފަހަރު ދަރިން ވެސް ތިބުމާއި އެކު ވަރި އަށް ފަހު އަދި އިތުރު އެތައް މައްސަލަތަކެއް ދިމާވެއެވެ. ދަރިން ނެތް ނަމަވެސް ވަރި ވުމަކީ އެތައް ދުވަހެއް ވަންދެން ކުރި އުއްމީދުތަކަކާއި ދެކުނު ހުވަފެންތަކަކަށް އަންނަ ނިމުމެކެވެ. އެހެންކަމުން ވަރި ވުމުގެ ކުރިން ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

މާދަމާ ނިކުންނާނެ ނަތީޖާ ބިނާވެފައި އޮންނާނީ މިއަދު ކުރެވޭ މަސައްކަތެއްގެ މައްޗަށެވެ. އެހެންކަމުން މިކިޔައި ދެނީ ވަރިވުމަށް ފަހު މާދަމާ ދިމާވެދާނެ މައްސަލައް ހައްލު ކުރުމަށްޓަކައި ވަރި އާއި ހަމައަށް ނުގޮސް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ދިމާވެފައިވާ މައްސަލައަށް ސަމާލުކަން ދިނުން

ވަރި އާއި ހަމައަށް ދާނީ ކޮންމެވެސް މައްސަލައެއް ދިމާވެގެންނެވެ. ދިމާވެފައިވާ ހަޤީޤީ މައްސަލަ އަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގެން ޖެހެއެވެ. އެއީ ބައިވެރިޔާގެ ޖިސްމާނީ ބަލިކަށި ކަމެއްގެ ސަބަބުން ކަމަށް ވީނަމަވެސް ނުވަތަ އެހެން ސަބަބަކާއި ހުރެ ކަމަށް ވީނަމަވެސް ވަރަށް ސާފުކޮށް މައްސަލަ އަކީ ކޮބައިކަން އެނގެން ވާނެއެވެ. އަދި އެކަމާއި މަޝްވަރާ ކުރެވި ދެވަނަ ފުރުސަތެއް ދެވެން އޮތް ނަމަ ދެވަނަ ފުރުސަތެއް ދީ ކަންކަން ރަނގަޅު ކުރަން ވަގުތު ދޭން ވާނެއެވެ.

އެހީ އަށް އެދުން

ވަރި ވުމުގެ ކުރިން އެކަމާއި ބެހޭ ގޮތުން އާއިލާ މެންބަރުންނާއި އަދި ރަހުމަތްތެރިންނާއި ގިނަ މީހުން މަޝްވަރާ ކުރާނެއެވެ. އެއީ ވަރަށް މުހިންމު ކަމެކެވެ. އޭގެ އިތުރުން ކަމުގެ ތަޖުރިބާކާރު ސައިކޮލަޖިސްޓެއް ނުވަތަ ކައިވެނީގެ މައްސަލަތަކުގައި ޚިޔާލު ދޭ ކައުންސިލަރެއްގެ އެހީތެރިކަން ހޯދުން ވެސް ވަރަށް މުހިންމެވެ. އެފަދަ މީހަކާއި މަޝްވަރާކޮށް ހަދަންވީ ގޮތަކާއި އަމަލުތައް ބަހައްޓަންވީ ގޮތެއް އޮޅުން ފިލުމަކީ ރަނގަޅު ނިންމުމެއް ނިންމުމަށް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ.

ގޯހެއް ހެދިފައި ވާނަމަ ޒިންމާ އުފުލުން

އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް ގޯސް ހެދޭނެއެވެ. ގޯހެއް ހެދިއްޖެ ނަމަ ދެން ކުރަން ޖެހޭނެ ކަމަކީ މަޢާފަށް އެދި އެގޯސް ރަނގަޅު ކުރުމެވެ. ހެދުނު އެންމެ ގޯހެއްގެ ޒިންމާ އުފުލަން ދެކޮޅު ހަދާ އެގޯސް ރަނގަޅު ކުރަން ބޭނުން ނުވުމުން ކައިވެނި ރޫޅި ދަރިން ނިކަމެތިވެގެން ދާން ފުރުސަތު ނުދޭށެވެ.