އިންޑިއާގެ މަޝްހޫރު އެކްޓަރ ސަލްމާން ޚާން ކައިވެންޏަށް ތައްޔާރުވަމުންދަނިކޮށް، އެ ކައިވެނި ކުރަން ބޭނުންނުވެގެން އެ ވާހަކަ ބުނީ، ކައިވެނި ކުރަން "ފަހެއް ނޫނީ ހަ ދުވަސް" ވެފައި އޮއްވާ ކަމަށް ޕްރޮޑިއުސަރ ނަޑިއަޑްވަލާ ބުނެފިއެވެ.

ކަޕިލް ޝަރްމާ ޝޯވގައި ދުވަސްވީ ޕްރޮޑިއުސަރ ނަޑިއަޑްވަލާ ބުނީ، ސަލްމާން އޭނާގެ ކައިވެނިވެސް "މަޖަލަށް"ފަނި ކުރަން އުޅުނު ކަމަށެވެ.

ނަޑިއަޑްވަލާ ބުނީ، 1999 ވަނަ އަހަރު ސަލްމާން ކައިވެނި ކުރަން އުޅުނު ކަމަށެވެ. އަދި އެއިރު އޭނާ ހަޔާތުގެ ބައިވެރިވެރިއެއްވެސް ހުރި ކަމަށާއި، އޭނާއާ ސަލްމާން އާ ދެމީހުން ކައިވެނި ކުރަން އުޅުނީ އެއް ދުވަހެއްގައި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، އެއިރު ސަލްމާންގެ ލޯބިވެރިއެއް ހުރި ނަމަވެސް، އޭނާގެ ނެތް ކަމަށެވެ. އޭނާ ޖެހުނީ ހޯދަން ކަމަށެވެ. އަދި ދެ މީހުންވެސް ކައިވެނި ކުރަން ނިންމީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ކަމަށާއި، އެއީ ސަލްމާންގެ ބައްޕަގެ އުފަން ދުވަސް ކަމަށް އޭނާ ބުންޏެވެ.

ނަޑިއަޑްވަލާ އިތުރަށް ބުނީ، ކައިވެންޏަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށް، ސަލްމާން އޭނާ ކައިވެނި ކުރަން ބޭނުން ނުވާ ވާހަކަ ބުނި ކަމަށެވެ. އަދި އެއީ އޭނާ ކައިވެނި ކުރާނެ "މޫޑެއް ނެތް" ކަމަށް ބުނެ ކަމަށް ނަޑިއަޑްވަލާ ބުންޏެވެ.

"ހުރިހާ ކަމެއް ތައްޔާރުވެ، ކާޑުވެސް ފޮނުވާފައި ވަނިކޮށް، ސަލްމާން ބުނީ ކައިވެނި ކުރަން ބޭނުން ނުވާ ކަމަށް. އަނެއްކާ އަހަރެންގެ ކައިވެނީގެ ހަފްލާގައި އޭނާ ވަނީ، ބޭރުގައި ކާރެއް އޮތް ކަމާއި، ކައިވެނި ނުކޮށް ފިލައިގެން ދިއުމަށް ކަންފަތް ކައިރީ ސިއްރު ސިއްރުން ބުނެފައި". ނަޑިއަޑްވަލާ އެ ޝޯވގެ ތެރެއިން ބުންޏެވެ.

ނަޑިއަޑްވަލާ ސަލްމާން ކައިވެނި ކުރަން އުޅުނީ ކާކާ ކަން ހާމަނުކުރި ނަމަވެސް، ސަލްމާން ކުރިން ކައިވެންޏެއް ކުރަން އުޅުނު ކަން އޭނާ އަމިއްލައަށް ހާމަ ކުރިއެވެ. ކޮފީ ވިތް ކަރަން ޝޯވގައި ސަލްމާން ބުނީ، އޭނާ ކުރަން އުޅުނު ކައިވެނި މެދުކެނޑުނީ، އޭނާ ފާޑަކަށް ބޭވަފާ ތެރިވިކަން އެނގުމުން ކަމަށެވެ.

ސަލްމާން ވަނީ، އޭނާ ސީރިއަސް ރިލޭޝަންޝިޕްއަކަށް ދާން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ސަލްމާންއަށް މިހާރު 53 އަހަރުވެފައިވާއިރު، އޭނާ އަދި ކައިވެންޏެއްކޮށްފައެއް ނުވެއެވެ.