ޕޯޗުގަލްގައި ކުއްޖަކު ދަރިއަކު ވިހޭއިރު އެ ކުއްޖާގެ ނޭފަތާއި ލޮލެއް ނެތް މައްސަލައިގައި ސްކޭން ކުރާ ޑޮކްޓަރަކު (އޮބްސްޓްރެޓީޝިއަނަކު) ސަސްޕެންޑުކޮށްފިއެވެ.

ޕޯޗުގަލްގެ ވެރިރަށް، ލިޒްބަންގައި މިމަހުގެ 7 ވަނަ މާލެން ސިމާއޯ އާއި ޑޭވިޑް ރިބޭއިރޯ އަށް ލިބުނު ދަރިފުޅު، ރޮޑްރީގޯ ވިހެއިރު އެ ކުއްޖާގެ ނޭފަތާއި، ލޮލެއް ނެތެވެ. އަދި ބޮލުގެ ނާށިގަނޑުން ބައެއްވެސް ވަނީ އުނިވެފައެވެ. އެ ކުއްޖާގެ ބެލެނިވެރިންނަށް ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ. އެއީ އެ ކުއްޖާއަށް ބަނޑުބޮޑުއިރު، އެކުއްޖާގެ މަންމަގެ އަލްޓްރާސައުންޑް ސްކޭން ހަދަން ދާ ކޮންމެ ފަހަރަކު ކުއްޖާގެ ސިއްހަތު ރަނގަޅު ކަމަށް ޑޮކްތަރު އަރތޫރު ކަވާޅޯ ބުނެފައިވާތީއެވެ.

ކަމާބެހޭ ފަރާތްތަކުން ކަވާޅޯގެ މައްސަލަ ބެލުމަށްފަހު އޭނާ ވަނީ 6 މަހަށް ސަސްޕެންޑު ކޮށްފައެވެ. ޕޯޗުގަލްގެ މީޑިއާތަކުން ޚަބަރުފަތުރާ ގޮތުން މާލެން އާއި ޑޭވިޑް ވަނީ ތަފާތު 3 ފަހަރެއްގެ މަތިން ކަވާޅޯ މަސައްކަތް ކުރަމުންދާ ކްލިނިކަށް ސްކޭން ކުރަން ގޮސްފައެވެ. ކޮންމެ ފަހަރަކުވެސް ކުއްޖާ ދުޅަހެޔޮ ކަމަށް އޭނާ އެމީހުން ކައިރީގައި ބުންޏެވެ. 3 މަހުން ފަށައިގެން ވެސް އެކުއްޖާ ހެދި ބޮޑުވަމުން އަންނައިރު ގުވަންތަކުގެ ހުރި އުނިކަންތައް ފާހަގަކުރެވެން ޖެހޭނެ ކަމަށް ޑޮކްޓަރުން އިއްތިފާޤުވެއެވެ.

އެންމެ ފުރަތަމަ މާލެންއަށް އޭނާގެ ދަރިފުޅުގެ ގުނަވަންތަކުގައި އުނިކަމެއް ހުރެދާނެ ކަމަށް ބެލެވުނީ އޭނާ ވިހަން ކައިރިވެފައި ހުއްޓާ، ހޮސްޕިޓަލަކަށް ގޮސް އޭނާ ހެދި 5ޑީ ސްކޭނަކުންނެވެ. އަލްޓްރާސައުންޑް ސްކޭނާ ޙިލާފަށް، 5ޑީ ސްކޭނަކީ ޑިޖިޓަލްކޮށް، ހަށިގަނޑުގެ ސާފު މަންޒަރެއް ދައްކުވައިދޭ ސްކޭނެކެވެ. ނަމަވެސް ކަވާޅޯގެ ކްލިނިކަށް އަނެއްކާވެސް ގޮސް މާލެން އެވާހަކަ ބުނުމުން، ކަވާޅޯ އޭނާ ކައިރީގައި ބުނެފައިވަނީ 5ޑީ ސްކޭންތައް ދިމާނުވާނެ ކަމަށާއި، ކުއްޖާ ދުޅަހެޔޮ ކަމަށެވެ.

ރޮޑްރީގޯ ވިހެއުމަށްފަހު އޭނާ ދިރިހުންނާނެ ކަމަށް ޑޮކްޓަރުން ލަފާކޮށްފައިވަނީ މަދު ގަޑިއިރުތަކަކަށެވެ. އޭގެ ފަހުން މިހާރު 2 ހަފްތާ ވެފައިވާއިރު، ރެސްޕިރޭޓަރެއްގެ އެހީއެއްގެ ބޭނުމަކާނުލާ، އަދިވެސް އެ ކުއްޖާ ނޭވާލައިގެން މަރުނުވެ، ސަލާމަތުން ދުނިޔޭގައި އެބަހުއްޓެވެ. ނަމަވެސް ރޮޑްރިގޯގެ ބަރުދަން ކޮންމެ ދުވަހަކާ އެކު ލުއިވަމުންދާ ކަން ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ.

މާލެން އާއި ސިމާއޯ އަށް ދަރިފުޅު ލިބުމަށްފަހު، އެމީހުން ވަނީ ޕޯޗުގަލް ޕްރޮސެކިއުޓާ އޮފީހުގައި ކަވާޅޯގެ މައްސަލަ ޖައްސާފައެވެ. އެދެމަފިރިން އެމީހުންނަށް ލިބުނު ދަރިފުޅުގެ ކައިރީގައި އެމީހުންގެ ހުރިހާ ވަގުތެއް ހޭދަކުރަމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮސް

    ކިހުނެއް އެނގެނީ މީ އޭނާ ވިހޭ ކުއްޖާ ކަމެއް. ޢޮޅިހެން ނުވަތަ ގަސްދުގައި އރހެން ކުއްޖެއްވެސް ދެއްކީ ނޫންބާ؟

    12
    3