ނުވަ މަހާއި ދިހަ ދުވަސް ވަންދެން ބަނޑުގައި ގެންގުޅެފައި، ބަނޑު އަޅައި ވިހި މައިމީހާ ދުރުގައި ހުރުމުން އަހަރުމެންގެ ތެރެއިން ކިތައް މީހުން އެ މައިމީހާ އާއި އާއިލާ މަތިން ހަނދާންވޭ ހެއްޔެވެ.

މައިމީހާއާއި ދުރުގައި ދިރިއުޅުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އަދި އަޅުގަނޑުމެން ބޭނުންވާ ހުރިހާ އެއްޗެއް ހޯދައި ދިނުމަށް ރެޔާއި ދުވާލު އެއްވެސް އަރާމެއް ލިބުމެއްނެތި ބުރަ މަސައްކަތް ކުރާ ބައްޕައާއި ދުރުގައި އުޅުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ.

އަދި އަޅުގަނޑުމެންގެ އެއްބަނޑު އެއްބަފަ ކޮއްކޮ މެން ނުވަތަ ދައްތަ، ބޭބެ މެން މަތިންވެސް ހަނދާންވެއެވެ. އެމީހުންނާއި ވަކިން ދިރިއުޅުމަކީވެސް އުނދަގޫ ކަމެކެވެ. އެންމެ މުއްސަނދި މީހާވެސް އާއިލާއާއި ނުލައި ވަކިން އުޅޭނަމަ، ހަގީގީ ހިތްހަމަޖެހުމާއި އުފާވެރިކަން އިހްސާސެއް ނުކުރެވޭނެ ކަން އެއީ ހުރިހާ އެންމެންވެސް ގަބޫލު ކުރާނެ ހަގީގަތެކެވެ. މިޔާއި ހިލާފަތް ކިތަންމެ ގޮތަކަށް އަތްމަތި ތަނަވަސް ނޫން މީހަކު އެމީހެއްގެ މައިންބަފައިން ކައިރީ ވެއްޖެ ނަމަ އެކަމަކާއި ހިތާމައެއް ނުކުރާނެއެވެ.

ތިބާގެ އާއިލާ ނުވަތަ މައިންބަފައިނާއި އެކީ އުޅުމުގެ ނަސީބު ލިބިފައިވާ މީހުންނަކީ ހަގީގަތުގައިވެސް ނަސީބުވެރިންނެވެ. މި ނަސީބު ދުނިޔެ މަތީގައި ކޮންމެ މީހަކަށް ލިބިގެނެއް ނުވެއެވެ. ބައެއް ފަރާތްތަކުގެ މައިންބަފައިން ދުނިޔެއާއި ވަކިވެގެން ގޮސްފައިވާއިރު ބައެއް ފަރާތްތަކުގެ މައިންބަފައިން ވަނީ ވަރިވެފައެވެ. އަދި ބައެއް ފަރާތްތަކުން ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ތިމާގެ އަމިއްލަ މައިންބަފައިންނާއި ދުރުގައި ދިރި އުޅެން ޖެހެއެވެ.

އަހަރުމެން ދިރިއުޅެމުން މިދާ ކުޑަ ރާއްޖެއަށް ބަލާއިރު ފެނިގެން ދަނީ ރަށްރަށުގެ ޒުވާން ކުދިން އުފަން ރަށުގައި ތިބި މަންމަމެން ދޫކޮށްފައި މާލެއަށް ބަދަލުވެފައިވާ މަންޒަރެވެ. އެފަރާތްތަކުން ބުނަމުން އަންނަނީ ވަޒީފާ އަދާކުރުމަށް ނުވަތަ ކިޔެވުމަށް ވެސް، އުފަން ރަށް ދޫކޮށް، މަންމަ އާއި ބައްޕައާއި ދުރުން، މާލޭގައި ނުދަންނަ ބީރައްޓެހި ބަޔަކު ކައިރީގައި ނުވަތަ ތިމާގެ ބަޔަކު ކައިރީގައި އުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

މިހެން ބަލާއިރު ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އާއިލާ ދޫކޮށް ބައެއް ކުދިން ކިޔަވަން ގޮސްފައި ތިބެއެވެ. އެކުދިންނަށް ވެސް މިއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. މީހަކާއި އިނދެގެން އެހެން ރަށަކަށް ގޮސް ވިޔަސް، އާއިލާ މަތިން ވަރަށް ހަނދާން ވާނެއެވެ.

ގިނަ ފަރާތްތަކުން އެންމެ ހަނދާންވަނީ މަންމަ އަތުން ތައްޔާރު ކުރާ މީރު ކާއެއްޗެހި ކައިގެން، ބަލި ވުމުން އަބަދު ތިމާގެ ހިދުމަތުގައި އިންނަ އިނުމެވެ. މިއީ އެހެން ދުރު ހިލޭ މީހެއްގެ ފުށުން މަދު ފަހަރަށްގައި ތިމާ އަށް ލިބޭނެ ނަސީބެކެވެ. ހަގީގަތަކީ ތިމާ މަންމައާއި ދުރު އިރު ބަލަނީ ކިތަންމެ ހިތްހެޔޮ މީހަކު ކަމުގައި ވިޔަސް، މައިމީހާ ލޯބިވާވަރަށް ލޯބި މަދު ފަހަރަކު ނޫނީ އެބަޔަކު ނުވާނެ ކަމެވެ.

މިއަދު އަޅުގަނޑުމެން ހިތާމަ ކުރަން ޖެހެނީ ގިނަ ފަރާތްތަކުން މައިންބަފައިންނާއި ދުރު ހިސާބަކަށް ދިއުމުން އެމީހެއްގެ އަމިއްލަ ނަފްސުފެނި އޮޅިފައި ތިބުމެވެ. އެބަޔަކަށް މައިންބަފައިންގެ މުހިންމުކަން ކަމެއްގައި ޖެހުނީމައި އިއުސާސް ނުކުރެވޭ ކަމެވެ. އަޅުގަނޑުމެން ބަޔަކަށް ހަދައިދިނީ އެ މައިންބަފައިންނެވެ. އަދި އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެންމެ މުހިންމު ބަޔަކީވެސް ހަމަ އެއީ އެވެ.

ކިޔުންތެރިންގެ ހިޔާލު