މީހުން ބުނެ އުޅޭތީ އަޑު އަހަން ޒަމާން ބަދަލުވެ ޓެކްނޮލޮޖީގެ ގޮތުން ކިތަންމެ ކުރިއެރި ކަމުގައި ވިޔަސް ލޯތްބަކީ ގަނެވޭނޭ އެއްޗެއް ނޫނޭ! އަދި އަޑުއަހަން ގާތުގައި އަނބިގޮއްޔެ ނެތި ގިނަ ދުވަސް ވަންޏާ ފިރިކަލޭގެއަށް އެހެން އަންހެނުން ފެނުން އަވަސް ވާނެޔޭ ބުނާ އަޑުވެސް!! ހަގީގަތުގައި އުމުރުން ދުވަސްވީ މީހުން ސަމާސާއަކަށް ހަދާ މިހެން ބުނަމުން އައި ކަމުގައި ވިޔަސް މީ ވަރަށް ބޮޑު ތެދެކެވެ. އެއީ ގިނަ ފަހަރަށް ދުރުގައި ތިބެ މީސް މީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން މީހަކާ ރައްޓިހިވެގެން މާ ގިނަ ދުވަހު ނޫޅެވޭތީއެވެ.

މިގޮތުން ދުރުގައި ތިބެ ޑޭޓް ކުރާނަމަ ލޯބިވެރިންގެ މެދުގައި އޮންނަ ގުޅުމަކީ ވަރަށް ނާޒުކު ގުޅުމަކަށް ވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ. ދެ ލޯބިވެރިން ދުރުގައި ތިބެ ވާހަކަ ދެއްކި ކަމުގައި ވިޔަސް ހަގީގަތުގައި އެ ދެމެދުގައިި ލޯބި އިތުރުވެގެންނެއް ނުދެއެވެ.

އެއީ އޭނާއަށް ލޯބިވެރިޔާ މެސެޖް ކުރުމުން ދުނިޔޭގައި އޭނާ ހުރިކަން ހަމައެކަނި އިހްސާސްވާތީއެވެ. ފެންނާނީ ހަމައެކަނި ލޯބިވެރިޔާ ކުރާ މެސެޖްތަކެވެ. އޭނާގެ ކުރާ އެއްވެސް ކަމެއް ނުފެންނަ އިރު އިތުބާރު މިކުރެވެނީ ބުނާ ބަސްތަކެވެ. އަދި އިވޭ އަޑުތަކަށެވެ. މަދު ފަހަރަކު ފެނުނު ކަމުގައި ވިޔަސް ފެންނާނީ ފިލްމީ ތަރިން ފިލްމުތަކުގައި ފެންނަ އުސޫލުން ސްކްރީންތަކުންނެވެ.

ވީމާ ގިނަ ފަހަރަށް ލޯބިން އެތައް ގިނަ ވައުދާއި އަހުދު ކުރި ކަމުގައި ވިޔަސް އެކަކަށް މާ ގިނަ ދުވަހު ދުރުގައި މަޑުކުރުމަކީ ވާނޭ ކަމެއް ނޫނެވެ. އެއީ ތިމާއަށް އެހެން ކުދިން ފެނި އެކުދިންގެ ރީތިކަމަށް ތައުރީފުކޮށް ހިތްދެވޭ އުސޫލުން ދުރުގައި ހުންނަ ކުއްޖާވެސް ދިގު އިންތިޒާރެއް ކުރަން އުނދަގޫ ވާނެތީއެވެ. ދިމާއަށް އެހެން ނުބުނި ކަމުގައި ވީނަމަވެސް ވަކި ހިސާބަކުން އޭނާގެ އުޅުމަށް ބަދަލުތަކެއް އަންނާނެ ކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

މިގޮތުން ތިރީގައި މިވާ ކަންތައްތަކަކީ ލޯބިވެރިޔާ ވަގު ބިޓެއް ގެންގުޅޭކަން ނުވަތަ އެހެން މީހަކަށް ހިތް ދެވިއްޖެކަން އަންގާދޭ ބައެއް ސިފަތަކެވެ.

  1. ގަވާއިދުން ވާހަކަ ދައްކާ ވަގުތުގައި ވާހަކަ ދެއްކުމަށް އުޒުރުވެރިވުން.
  2. އާދަޔާ ހިލާފަށް މަދުން ވާހަކަ ދައްކަން ފެށުން.
  3. މަދުން ވަގުތު ދިނުން.
  4. ކަންކަމުގައި ދޮގުހަދާ އޮޅުވާލުން.
  5. ވާހަކަ ދައްކާ ވައްޓަފާޅި ބަދަލުވެގެން ދިޔުން.

ސައިކޮލޮޖީ ދާއިރާގެ މާހިރުން ބުނާ ގޮތުގައި މިފަދަ ކަންތައް އާންމު ގޮތެއްގައި ފެންނަން ފަށައިފި ކަމުގައި ވާނަމަ މާ ގިނަ ދުވަހަކު ލޯބިވެރިންގެ ގޮތުގައި އެއް ދެމިއެއް ނުތިބެވޭނެއެވެ. ނަމަވެސް، ލޯންގް ޑިސްޓަންސްކޮށް އެތައް އަހަރަކު އެކުގައި އުޅެ ޒަވާޖީ ހަޔާތް އެކުގައި މީހުން ފަށާތަން މަދުން ނަމަވެސް ފެނެއެވެ. އަދި އެފަދަ މީހުން ދުރުގައި ތިބެފައި އެއްތަންވުމުން އެމީހުން ދުރުކޮށް، ދޭތެރެ ޖެއްސުމަކީ ވަރަށް އުނދަގޫ ކަމަކަށްވެސް ވެގެންދާނެއެވެ.