މެސެންޖާ ގްރޫޕަކަށް ބަރަހަނާ މަންޒަރުތައް ފޮނުވުމުން ކެމްބޯޑިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ 32 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ އެމްބަސީގެ މުވައްޒަފުން ހިމެނޭ މެސެންޖާ ގްރޫޕަށް ފޮނުވި ބަރަހަނާ މަންޒަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ފޮޓޯތައްވެސް ހިމެނެއެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވަޒީފާއިން ވަކި ކުރި 32 މުވައްޒަފުންގެ ތެރޭގައި ހިމެނީ ކެމްބޯޑިއާގެ ރައްޔިތުންނާއި، އެމެރިކާ އަދި ކެމްބޯޑިއާގެ ރަށްވެހިކަން އޮންނަ މުވައްޒަފުންނެވެ. އަދި އެމީހުންގެ ތެރޭގައި ގިނައީ އިދާރީ މުވައްޒަފުންނާއި ސެކިއުރިޓީ ގާޑުން ކަމަށެވެ. އެމީހުންގެ ތެރޭގައި އެއްވެސް ޑިޕްލޮމެޓަކު ނިހިމެނެއެވެ.

މި މައްސަލަ ފެންމަތިވީ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފެއްގެ އަންހެނެނުންނަށް އެކަން އެނގުމުން އޭނާ މައްސަލަ ހުށަހެޅުމުންނެވެ. އެހިސާބުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ވެސް ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. އެގޮތުން އެމީހުންގެ ފޯނާއި އައިޑީ ކާޑުތައް އެފްބީއައި އިން ވަނީ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިކަން ހިނގާފައި ވަނީ ކެމްބޯޑިއާ އާއި އެމެރިކާގެ ގުޅުން ހީނަރުވަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ދުވަސްވަރެއްގައެވެ. އަދި އެމެރިކާއިން ކެމްބޯޑިއާގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނަމުންދާ ދުވަސްވަރެއްގައެވެ.

ކެމްބޯޑިއާ އަކީ ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ގެންގުޅުމުގެ މައްސަލަތަކާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތައް ގިނަ ގައުމެކެވެ.

 

 

ކިޔުންތެރިންގެ ހިޔާލު