އިންޑިއާގައި ކައިވެނި ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ހިނގި އެކްސިޑެންޓެއްގައި އުމުރުން 20 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.

އުއްތަރްޕްރަދޭޝްގެ އަގްރާ މޮރަދްބާދް ހައިވޭގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ، ފިރިމީހާގެ ގެއަށް ކާރުގައި ދިޔަ މަގުމަތީގައެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުގައި އެ އަންހެން މީހާ އާއި އޭނާގެ ފިރިމީހާގެ އިތުރުން، ހަތަރު މީހަކާއެކު ދަތުރު ކުރަމުންދިޔަ އެ ކާރު ގޮސް ގަހެއްގައި ޖެހިގެން ހިނގި އެ އެކެސިޑެންޓްގައި އަންހެން މީހާ މަރުވިއިރު، ދެން ތިބި މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ވެފައެވެ.

މި ދެމަފިރިން ކައިވެނިކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަދި ބުރާސްފަތި ދުވަހު އެ މީހުން ފިރިހެން މީހާގެ ގެއަށް ކާރުގައި ދިއުމަށް ދަތުރު ކުރިއިރު، ކާރު ދުއްވަން އިން މީހާ އަށް ކާރު ކޮންޓްރޯލް ނުވެގެން ހޮސް މަގުގެ އެއް ފަޅީގައި ހުރި ގަހެއްގައި ޖެހިގެން އެކްސިޑެންޓް ވީއެވެ. އެ މީހުން އެކްސިޑެންޓުވުމާއެކު، އެ ސަަރަހައްދުގައި އުޅުނު މީހުން އެ މީހުން ސަލާމަތް ކުރުމަށް ނުކުތެވެ.

އެ ހާދިސާގައި އަންހެން މީހާ ފިޔަވާ އެންމެން ވަނީ ސަލާމަތްވެފައެވެ. އަންހެން މީހާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.

މި އެކްސިޑެންޓް ހިނގާދިޔަ ގޮތް ފުލުހުން ދަނީ ބަލަމުންނެވެ. އެ އަންހެން މިހާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލާފައެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު