ބޮލީވުޑްގެ ތަރި، އިމްރާން ޚާންގެ އަނބިމީހާ، އަވަންތިކާ މާލިކު ޚާން އޭނާ ކައިރިން ވަރުވުމަށް ކެތްމަދުވެފައި ހުރިކަން މީސްމީޑިއާގައި ހާމަކޮށްފިއެވެ.

އުމުރުން 32 އަހަރުގެ އަވަންތިކާ މިކަން ހާމަކޮށްފައި ވަނީ އިންސްޓަގްރާމްގެ ސްޓޯރީގައި އާންމުކުރި ޕޯސްޓެއް މެދުވެރިކޮށް ހިތުގެ އުދާސްތައް ހާމަކޮށް ކުރި ޕޯސްޓެއްވެސް ދާދިފަހުން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވަނިކޮށެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައި ވަނީ "އެކަން މިއަދުން މިއަދަށް ދެކެން ބޭނުންވާ" ކަމަށެވެ.

އަވަންތިކާ އާންމުކުރި ޕޯސްޓަކީ އެމެރިކާގެ މަޝްހޫރު މިއުޒީޝަން، މޯގަން ހާޕާގެ ކޯޓެކެވެ. އެ ކޯޓުގައި ވަނީ ބައެއް ފަހަރަށް ލޯބިވާ މީހެއް ކައިރިން ދުރަށް ދާން ޖެހޭ ކަމަށާއި، އެއީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ވެދާނެ ކަމަށެވެ. އަދި މީހެއްގެ ލޯބި ހާސިލް ކުރުމަށް ހަށިގަނޑުގައި ހުންނަ ހަކަތަތައް ބޭނުން ކުރުމުގެ ބަދަލުގައި އަމިއްލަ އިޚްތިޔާރުތައް އިސްކޮށް ކުރިމަގާއި މެދު ވިސްނުން ބުއްދިވެރިވާނެ ކަމަށް އޭގައި ބުނެފައި ވެއެވެ.

މި ޕޯސްޓު އާންމުކޮށް އަވަންތިކާ އޭނާގެ އިންސްޓަގްރާމްގެ ސްޓޯރީއަށް ލުމަށްފަހު ކެޕްޝަންގައި، އެކަން މިއަދުން މިއަދަށް ދެކެން ބޭނުންވާ ކަމަށް ލިޔެފައި ވުމުން ގިނަ ބައެއްގެ ސަމާލުކަން އޭނާގެ ސްޓޯރީއަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. އެއާއެކު އޭގެ ފަހުން މާގިނައިރެއް ނުވެ އަވަންތިކާ ވަނީ އެ ޕޯސްޓު އިންސްޓަގްރާމްގެ ސްޓޯރީން ޑިލީޓުކޮށްލާފައެވެ.

އަވަންތިކާ އާއި އިމްރާން ވަރިފަށަށް އަރާފައިވާ ކަމުގެ ޚަބަރުތައް މީގެ ކުރިންވެސް ފެތުރިފައި ވެއެވެ. އެގޮތުން އެމީހުން ވަރަށް އަވަހަށް ވަރިވާން ނިންމާފައިވާ ކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައި ވާއިރު، ދެމީހުން ދިރިއުޅެނީވެސް ވަކީން ކަމަށް ވެއެވެ. އަވަންތިކާ އާއި އިމްރާންގެ ކައިވެންޏަށް ދަރިއަކުވެސް ލިބިފައި ވެއެވެ. އޭނާ މިހާރު އުޅެމުން ދަނީ ދަރިފުޅާއެކު އޭނާގެ އާއިލާ ކައިރީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިމްރާން އާއި އަވަންތިކާ އަކީ ކުޑައިރުން ފެށިގެންވެސް ލޯބިވެރިންނެވެ. ވަރަށް ގިނަ ދުވަސް ވަންދެން ޑޭޓް ކުރުމަށްފަހު މި ދެ މީހުން ކައިވެނިކޮށްފައި ވަނީ 2011 ވަނަ އަހަރުއެވެ. އަދި މި ދެ މީހުންނަށް ދަރިއަކު ލިބުނީ 2014 ވަނަ އަހަރުއެވެ.

މި ދެ މީހުންގެ ގުޅުން ހީނަރުވެ، އެ ގުޅުނު ގޯސްވަމުންދާ ކަމުގެ އަޑުތައް ގަދަވި ނަމަވެސް އެކަމާއި ގުޅޭގޮތުން ދެމީހުން އަދި އެއްޗެއް ނުބުނެއެވެ. ނަމަވެސް އަވަންތިކާ ޑިލީޓް ކޮށްލި އިންސްޓަގްރާމްގެ ޕޯސްޓުން އޭނާ ވަނީ ގިނަ ބައެއްގެ ސުވާލަށް ސާފު ޖަވާބެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު