ހަތަރު އަހަރުން އެއް އަހަރު އަންނަ ފެބްރުއަރީ 29 ވަނަ ދުވަހު އުފަން ދުވަސް ފާހަގަކުރާ، އެއްމާބަނޑު ދެ ކުދިންގެ ފުރަތަމަ ފަހަރަށް އުފަން ދުވަސް ފާހަގަކޮށްފިއެވެ.

އިންގްލޭންޑްގެ ސިޓީއަކަށް ނިސްބަތްވާ ކޮޑީ އާއި ލިއޯ އޮފިޝަލްކޮށް އެއް އަހަރުވީ އިއްޔެއެވެ. އެއީ އެ ދެ ކުދިން އުފަންވިތާ ހަތަރު އަހަރު ފަހުންނެވެ. ކޮޑީ އާއި ލިއޯ ވިހެއީ އެމާޖެންސީ ސީ-ސެކްޝަންގައި 2016 ވަނަ އަހަރު ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

މީގެ އިތުރުން، އިންގްލޭންޑަށް ނިސްބަތްވާ 100 އަހަރުވީ މާމަ ވެރާ ބްލަންޑެލްގެ އުފަން ދުވަހަކީވެސް ފެބްރުއަރީ 29 ވަނަ ދުވަސް ކަމުން އޭނާއަށް އަދި އުފަން ދުވަސް ފާހަގަކުރެވުނީ 25 ފަހަރެވެ.

"އަހަރެން ހީކުރީ ގިނަ މީހުންނަށް މިކަން އިނގޭނެ ކަމަށް، އެކަމަކު އެ ވާހަކަތައް ނާހާ ގިނަބަޔަކުވެސް އެބަ ތިބި". ވެރާ ބުނެފައި ވެއެވެ.

ކޮޑީ އާއި ލިއޯގެ މައިންބަފައިންކަމަށްވާ ސަލީ އާއި ރޮބޭޓް ބުނިގޮތުގައި، އެ ދެމަފިރިންނަށް ލިބެން އުޅެނީ އެއްމާބަނޑު ދެ ކުދިންކަން އެމީހުންނަށް އެނގުނީ 2015 ވަނަ އަހަރު ތެރޭގައެވެ. އެކަމާއި އެ މީހުން ތިބީ ވަރަށް އުފަލުންނެވެ. އެހެން ނަމަވެސް ސެލީއަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން އޭނާ ކުރިން ވިއްސަން ޖެހުނީއެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ފެބްރުއަރީ 29 ވަނަ ދުވަހު ސެލީގެ ބަނޑުގައި އޮތް ދެ ކުދިން ޖެހުނީ އޮޕަރޭޝަންކޮށްގެން ނަގާށެވެ. އޭނާ ވިއްސަން ދީފައި ވާ ތާރީހަކީ އޭޕްރިލް މަހެވެ.

އިއްޔެ އެ ކުދިންގެ ފުރަތަމަ އުފަން ދުވަސް ފާހަގަކޮށްފައިވާއިރު، މިއީ މި ކުދިންނަށްވެސް މަދުން ލިބޭނެ ފުރުސަތެކެވެ.

ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ވިހާ ކުދިންގެ އަދަދުވެސް މަދެވެ. އެގޮތުން 1461 ކުދިންއިން އެކަކީ ފެބްރުއަރީ 29 ވަނަ ދުވަހު ވިހާ ކުދިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު