މިއަދު މުޅި ދުނިޔޭގައި ދެކެވެމުން ދަނީ ނުރައްކާތެރި ކޮވިޑް-19 ގެ ވާހަކައެވެ. އެތައް ގައުމެއްގެ އެތައް ރައްޔިތުންނަކަށް އެބަލީގެ އަސަރު ކޮށްފައިވާއިރު ހުދު މި ކުޑަ ދިވެހިރާއްޖެއިން ވެސް މި ވަނީ އެބަލި ޖެހިފައިވާ ހަތަރު މީހަކު ފެނިފައެވެ. މިއަދާއި ހަމައަށް އެ ބައްޔަށް ވެކްސިނެއް ހޯދިފައި ނުވާއިރު ދުވަހެއް ދުވަހަކަށް ބަލި ޖެހެމުންދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ، މީހުން މަރުވާ ނިސްބަތްވެސް އަންނަނީ އިތުރުވަމުންނެވެ. ޑޮކްޓަރުން އަންނަނީ އެ ބައްޔަށް ރައްކާތެރިވުމަށް ފިޔަވަޅުތައް ދުރާލާ އެޅުމަށް ގޮވާލަމުންނެވެ. އެއާއެކު ފެނިގެން ދަނީ ސޯޝަލް މީޑިއާގައިވެސް އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި ގުޅޭ މައުލޫމާތުތައް ބައެއް ފަރާތްތަކުން އަންނަނީ ހިއްސާ ކުރަމުންނެވެ.

  1. ލޮނުމެދު

ލޮނުމެދަކީ ކެއުމުގައި އާއްމުކޮށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. ބައެއް އެހެން ބަލިތަކަށް ވެސް ޝިފާއެކެވެ. ނަމަވެސް ލޮނުމެދަކީ ކޮވިޑް-19 އިން ދުރު ކޮށްދޭނެ އެއްޗެއް ނޫނެވެ. އެކަމަކު ލޮނުމެދަކީ ކޮވިޑް-19 އިން ދުރު ކޮށްދޭނެ އެއްޗެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ ލޮނުމެދަކީ ސިއްހަތަށް ފައިދާ ހުރި އެއްޗަކަށްވީ ނަމަވެސް، ލޮނުމެދު ކެއުމުގެ ސަބަބުން އާ ކޮރޯނާވައިރަހުން މީހުން ރައްކާތެރިކޮށްދޭ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

ބައެއް ނޫސްތަކުގައިވާ ގޮތުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޗައިނާގެ އަންހެނަކު ލޮނުމެދު ކެއި ކަމަށް ބުނެފައިވެއެވެ. އެގޮތުން އެ އަންހެން މީހާ ވަނީ 1.5 ކިލޯގެ ލޮނުމެދު ކޮވިޑް-19 އިން ސަލާމަތްވުމަށް ކައިފައެވެ. އެކަމުގެ ސަބަބުން އެ އަންހެން މީހާގެ ކަރު އެއްކޮށް ދުޅަވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށްވެސް ނޫސްތަކުގައިވެއެވެ.

2. "ހޯމް މޭޑް" ހޭންޑް ސެނިޓައިޒާ

އެންމެ ގަދައަށް ބާޒާރުގައި ވިކޭ އެއްޗަކަށް ސެނިޓައިޒާ ވެގެން ދާނެއެވެ. ސަބަބަކީ ޑޮކްޓަރުންވެސް އެކަމަށް އެންމެ ބޮޑަށް އިރުޝާދު ދޭތީއެވެ. ބައެއް ގައުމުތަކުގައި މީހުން ދިރިއުޅޭ އިމާރާތްތަކުގެ ލިފްޓުތަކުގައިވެސް ސެނިޓައިޒާ ލިބޭނެ ގޮތް ވަނީ ހަދާފައެވެ. އެގޮތަށް ވެސް އެކަން ކުރަން ޖެހުނީ ބައެއް ގައުމުތަކުން އެފަދަ ބާވަތްތައް ހުސްވާން ގާތްވުމުންނެވެ. އަދި އޭގެ ސަބަބުން އެފަދަ އެއްޗެއް ހަގީގަތުގައިވެސް ބޭނުންވާ މީހާއަށް ނުލިބޭ ހާލަތެއް އައިސްދާނެތީއެވެ.

މިކަން މިހެން ހުރުމުން ސޯޝަލް މީޑިއާގައި "ހޯމް މޭޑް" ހޭންޑު ސެނިޓައިޒާ ޖެލް އުފައްދާނެ ގޮތްތައް މިހާރު ވަނީ ދައުރުވާން ފަށާފައެވެ. އެހެންނަމަވެސް ސައިންސުވެރިން ވަނީ އެފަދަ ރެސިޕީތަކުން ގޭގައި ރަނގަޅު ސެނިޓައިޒާއެއް އުފެއްދުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފައެވެ. ސައިންސްވެރިން ބުނީ އާއްމުކޮށް ވިއްކާ، އަލްކަހޯލް ހުންނަ ހޭންޑް ޖެލް ހަދާފައި ވަނީ ހަންގަނޑު ހިކިވެ، "ކުރަކި" ނުވާނެ ފަދަ މާއްދާތައް އެއްކޮށްގެން ކަމަށެވެ.

3. ކޮންމެ 15 މިނިޓަކު ފެން ބުއިން

ފެނަކީ އާއްމު ދިރިއުޅުމުގައި އިންސާނީ ބަލި ނުވާއިރުވެސް ވަރަށް މުހިއްމު އެއްޗެކެވެ. އިންސާނާ ދުނިޔޭގައި ހުރުމަށް ފެނަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަބަދުވެސް ފެނުގެ މުހިއްމުކަމާއި އެންމެ ފެން ފޮދަކީވެސް އިންސާނާގެ ހަށިގަނޑަށް ކިހާ ބޭނުންތެރި އެއްޗެއްކަން އަންގައިދޭ އެތައް ލިޔުންތަކެއް އިންޓަނެޓުން އަހަރެމެންނަށް ފެނިގެން ދެއެވެ.

ނަމަވެސް ކޮންމެ އެއްޗެއް ވެސް ބޯންވާނީ ވެސް ކާންވެސް ވާނީ އިންސާނީގެ ހަށިގަނޑަށް "ކަތާ" ވަރަށެވެ. ކޮވިޑް-19 އިން ރައްކާތެރުވުމަށް ކޮންމެ 15 މިނިޓަކު ފެން ބުއިމަށް ލަފާދީފައިވާ ބައެއް "ފޭކް ނިއުސް"ތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ނަމަވެސް މިހާތަނަށްވެސް ގިނައިން ފެން ބުއިމުން އެބަލިން ރައްކާތެރިވެ ސަލާމަތްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ލިބިފައެއް ނެތެވެ.

ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ ޕްރޮފެސަރު ސެލީ ބްލޫމްފީލްޑް ވަނީ އެގޮތަށް އަމަލު ކުރުމުން ވައިރަހުން ސަލާމަތް ވާނެ ކަމުގެ އެއްވެސް ހެއްކެއް އަދި ފެނިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

4. ހޫނުވުމުން ކޮރޯނާވައިރަސް ފެތުރުން ހުއްޓޭނެ

މިއީ ގިނަބައެއްގެ ހިތްތަކުގައި ނަފްރަތު އުފެދުނު އެއް ކަމެވެ. ޔުނިސެފް އަކީ އާއްމު ގޮތެއްގައި މިފަދައިން އާއްމުންނަށް ރަނގަޅު ނޫން ނުވަތަ ސައްހަ ނޫން މައުލޫމާތު ފަތުރާނެ ބައެއް ނޫނެވެ. ނަމަވެސް ޔުނިސެފުން ނެރުނު ކަމަށް ބުނާ ސައްހަ ނޫން ބަޔާނެއްގައި ވަނީ ހޫނު ފެން ބުއިމުންނާއި އަތްވަށް ނުކުމެ އުޅުމުން ވައިރަސް މަރުވާނެ ކަމަށް ބުނެފައެވެ. އަދި ވައިރަހުން ރައްކާތެރިވުމަށް އައިސް ކްރީމާ ދުރުވާން ޖެހޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ނަމަވެސް އެ ޖަމިއްޔާއިން ބުނީ އެފަދަ އެއްވެސް ބަޔާނެއް ނެރެފައި ނުވާނެ ކަމަށް ބުނެފައެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ހަށިގަނޑު ތެރެއަށް ވައިރަސް ވަނުމުން އެ ވައިރަސް ނައްތާލެވޭނީ ހަމައެކަނި ހަށިގަނޑުގެ ދިފާއީ ނިޒާމަށެވެ.

އެމެރިކާގެ ޑިއުކް ޔުނިވާސިޓީން ވަނީ އާއްމު ގޮތެއްގައި ފެންނަ ކޮރޯނާވައިރަސްތައް ހޫނު މޫސުމުގައި ފެތުރޭ މިންވަރު މަދުވި ނަމަވެސް، މިހާރު ފެތުރެނީ އާ ބާވަތެއްގެ ކޮރޯނާވައިރަހެއްކަމުން މި ވައިރަސް އަމަލު ކުރާނެ ގޮތެއް ޔަގީންކަމާ އެކު ނުބުނެވޭނެ ކަމަށް ބުނެފައެވެ.

5. މިރަކަލްމިނަރަލް ސަޕްލިމެންޓު (އެމްއެމްސް)

އެތައް ހާސް ފޮލޯވަރުންތަކެއް ޔޫޓިއުބްގައި ހުންނަ ޖޯޑަން ސަތާ ބުނީ "މިރެކްލް ވޯޓާ ސްޕްލަމަންޓް" ނުވަތަ އެމްއެމްއެސް ނަމަކަށް ކިޔާ ފެން ބުއިމުން ކޮވިޑް-19 ހަށިގަނޑުން ނެތިގެންދާނެ ކަމަށެވެ.

މި ފެނުގައި ކްލޯރިން ޑައިއޮކްސައިޑް ހިމެނެއެވެ. ދުނިޔޭގައި ކޮވިޑް-19 ވައިރަސް ފެތުރުމުގެ މާކުރިންވެސް ޖޯޑަން އާއި އެހެން ފަރާތްތަކުން ވަނީ އޭތި ޕްރޮމޯޓް ކުރަން މަސައްކަތް ކޮށްފައެވެ. އަދި ޖެނުއަރީ މަހުގައި ޖޯޑަން ސަތާ ކުރި ޓުވީޓެއްގައި ބުނީ "ކްލޯރިން ޑައިއޮކްސައިޑުން ނުވަތަ އެމްއެމްއެސް އިން ކެންސަރުގެ ސެލްތައް މަރާލުމުގެ އިތުރަށް ކޮރޯނާވެސް ހަށިގަނޑުން ނައްތާލެވޭނެ" ކަމަށެވެ.

މިދިޔަ އަހަރު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ އެމްއެމްއެސް ބުއިމުން އިންސާނާގެ ހަށިގަނޑަށް ގެއްލުންތައް ވާނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ އިތުރުން އެހެން ގައުމުތަކުގެ ހެލްތް އޮތޯރިޓީތަކުން ވެސް އެކަމާއި ގުޅިގެން އެލާޓުތައް ވަނީ ނެރެފައެވެ.

އެފްޑީއޭއިން ބުނި ގޮތުގައި އެ ޕްރޮޑަކްޓް ބޮއެގެން އެއްވެސް ބައްޔަކުން ސަލާމަތްވާނެ ކަމަށް ނުވަތަ އެއީ ބޯން ރަނގަޅު އެއްޗެއްކަމަށް ވެސް ބުނެފައި ނުވާ ކަމަށެވެ. އެފްޑިއޭއިން ބުނީ އެ ޕްރޮޑަކްޓް ބޮއެގެން ހޮޑުލުމާއި، ގިނަގިނައިން ބޭރަށް ދިއުމާއި، ގައިން ފެން ހުސްވުން ފަދަ ބަލިތަކަށް މަގު ފަހި ވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު