ކޮވިޑް-19 ގެ ސަބަބުން ކަރަންޓީނުގައި ތިބޭ މީހުންނަށް ބޭރަށް ދިއުން ގައުމުތަކުގެ ސަރުކާރުން ވަނީ މަނާ ކޮށްފައެވެ. އެގޮތަށް ކަރަންޓީނުގައި ތިބޭ މީހުން ބޭރުން އެއްޗެއް ގަންނަން ބޭނުންވިއަސް ނުދެވެއެވެ.

އެހެން ނަމަވެސް މިފަހަރު މީހަކު މިވަނީ ތަފާތު ކަމެއް ކޮށްފައެވެ. މިއީ އުތުރު އެމެރިކާގެ މެކްސިކޯގައި ދިރިއުޅެމުން އަންނަ މީހަކު ކަރަންޓީންގައި ހުރުމުން ބޭރަށް ނުދާން ކުރި ތަފާތު ކަމަކެވެ. އެންޓޯނިއޯ މުނޯޒް ނަމަކަށް ކިޔާ ފިރިހެނަކު އޭނާ "ޗީޓޯސް" ކާން ބޭނުންވެގެން ފިހާރައަށް ފޮނުވީ އޭނާ ގެންގުޅޭ ކުއްތާއެވެ.

އެންޓޯނިއޯ ފިހާރައަށް ފޮނުވި ކުއްތާ "ޗީޓޯސް" ޕެކެޓް ހިފައިގެން

އޭނާ ފޭސްބުކުގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަދަކީ އޭނާ ކަރަންޓީނުގައި ހުންނަ ތިންވަނަ ދުވަސް ކަމަށާއި ކާން ބޭނުން ވަނީ ޗީޓޯސް ކަމަށެވެ. އެގޮތުން އޭނާ ވަނީ ކުއްތާގެ ކަރުގައި ކަރުދާސް ކޮޅެއް ހަރުކޮށް ފިހާރައަކަށް ފޮނުވާފައެވެ.

އެކަރުދާސް ކޮޅުގައި ބުނެފައިވަނީ އޭނާ ފޮނުވި ކުއްތާއަށް ޗީޓޯސް ޕެކެޓެއް ހަވާލު ކުރުމަށާއި ކުއްތާއާއި މެދު ގޯސްގޮތަކަށް ކަން ކޮށްފިނަމަ ދަތް އަޅާނެ ވާހަކައެވެ. އޭނާ ވަނީ ކުއްތާގެ ކަރުގައި އޭނަ ގަންނަން ބޭނުންވި ޕެކެޓް ލިބޭނެ ވަރަށް ރުފިޔާ ވެސް ހަރުކޮށްފައެވެ.

އެ ކަރުދާސް ކޮޅު ފެނުމާއެކު ފިހާރައިގެ ހުރި މީހާ ކުއްތާގެ އަތަށް "ޗީޓޮސް" ޕެކެޓް ހަވާލު ކުރިއެވެ. އިރުތަކެއް ނުވަނީސް ކުއްތާ އޭގެ ވެރިފަރާތް ކައިރިއަށް ދިޔައެވެ.

އެންޓޯނިއޯ ބުނެފައިވަނީ އޭނާ ގެންގުޅޭ ކުއްތާ ބުނިގޮތަށް ކަންކޮށްފައިވާ ކަމަށާއި އޭނާ އެ ބޭނުންވެފައި ހުރި ވަރު ކުއްތާއަށް ވެސް އިހުސާސްވި ކަމަށެވެ. އަދި އެކަމުގައި އެއްވެސް ކަހަލަ ހާސްކަމެއް އޭނާ ނެތް ކަމަށާއި ބޭރުގައި ކިތަންމެ ގިނަ ވަގުތު ހޭދަ ކުރުމަށްފަހު ވެސް ކުއްތާ އޭނާ ކައިރިއަށް އައި ކަމަށެވެ.