ބަލިމަޑުކަމެއްގެ ނުރައްކާ ކުރިމަތިވާ ހިނދު، ނުވަތަ ބަލިމަޑުކަމެއް ފެތުރިގެންދާ ހިނދު، ރައްކާތެރިކަމުގެ ގޮތުން އެޅެންއޮތް ކޮންމެ ފިޔަވަޅެއްމެ ދެނެގަނެ އެކަންކަމަށް ސަމާލުކަން ދިނުމަކީ މުޙިންމު ކަމެކެވެ. އެއީ ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑަވެ އެ ބައްޔެއް ފެތުރޭ މިންވަރު ދަށްކޮށްދޭނެ ވެސް ކަމެކެވެ. އެހެންކަމުން ރައްކާތެރި ކަމުގެ ގޮތުން މިފަދަ ދުވަސްކޮޅެއްގައި އަޅަންޖެހޭ ފިޔަވަޅުތަކަށް ޚާއްސަ އިސްކަމެއް ދިނުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.

ފާއިތުވެދިޔަ ދުވަސްތަކަކީ ދުނިޔެއަށް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެގެން ގޮސްފައިވާ ދުވަސްތަކެކެވެ. މި ބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނެތްއިރު، ބަލި ފެތުރޭ މިންވަރާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ ކޮންޓްރޯލުން ގެއްލި އިތުރު ވަމުންނެވެ. އެއާއެކު މި ނުރައްކަލުން ސަލާމަތްވުމަށް ގިނަ ބަޔަކު އެޅެންހުރި ފިޔަވަޅުތައް އަޅަމުންދާ މަންޒަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް ދަނީ ފެންނަމުންނެވެ.

ކޮވިޑް-19 ގެ ނުރައްކަލަށް ދުނިޔެ ހުށަހެޅުނު ހިސާބުން ފެށިގެން އެންމެ ގިނަ ބަޔަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭނުންކުރަމުން ދަނީ ފޭސް މާސްކެވެ. ނަމަވެސް މިފަދަ ފޭސް މާސްކަކީ ކޮވިޑް-19 ފަދަ ވައިރަސް އަކުން ރައްކާތެރިކޮށްދޭ އެއްޗެއްތޯ އާއި، މާސްކު އެޅުމުން ބަލި ޖެހުމުގެ ފުރުސަތު އޮންނަ މިންވަރަށް އަންނަ ބަދަލާއި މެދު އެކި މީހުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

މިކަމާއި ގުޅޭގޮތުން ތަޖުރިބާކާރުން ދައްކާ ވާހަކަތަކަށް ބަލާއިރު، ފޭސް މާސްކަކީ ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރުން ރަނގަޅު އެއްޗެކެވެ. އެހެން ނަމަވެސް މާސްކު އެޅުމަކީ ބަލިތައް ޖެހުމަށް އޮންނަ ދޮރު އެކީގައި ބަންދުކޮށްދޭ އެއްޗެއްކަމުގައި ދެކިގެން ނުވާނެ އެވެ. އެއީ ބަލިތަކުން ސަލާމަތްވުމުގެ "ގެރެންޓީ" އެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް އެފަރާތަތްކުން ބުނެއެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ފޭސް މާސްކު ބޭނުންކުރި ނަމަވެސް، އެކެއްގެ ހަށިގަޑުން އަނެކާގެ ހަށިގަނޑަށް ވައިރަސް އެއްގެ އަސަރު ކުރާނެ އެހެން ގިނަ ގޮތްގޮތްތައް ހުރެއެވެ. އެގޮތުން އަނގަމަތީގައި މާސްކު އަޅައިގެން ހުރި ނަމަވެސް ލޮލުންވެސް ވައިރަސްއަކަށް ހަށިގަނޑުގެ ތެރެއަށް ވާސިލުވެވިދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން މާސްކު ބޭނުންކުރި ނަމަވެސް، ސާފުތާހިރުކަމަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ނުދިނުމަކީވެސް ވައިރަސްއެއްގެ ޝިކާރައަކަށް ތިމާ ވެދާނެ ކަމެކެވެ.

ހޯދުންތަކުގެ އަލީގައި ތަޖުރިބާކާރުން ބުނާގޮތުގައި މާސްކެއް އެޅުމަކީ ބަލިތައް ފެތުރުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. ޚާއްސަކޮށް ބަލި ޖެހިފައިވާ މީހަކު މާސްކެއް އެޅުމަކީ އެ ބައްޔެއްގެ ޝިކާރައަކަށް ވެފައިނުވާ އެހެން މީހުންގެ ރައްކަލަކަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އަދި ބައްޔެއް ޖެހިފައިވާ މީހަކާއި ގާތުގައި އުޅޭ މީހުންވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން މާސްކު ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއްކަން ދިރާސާތަކުން އެނގެއެވެ.

އެހެންކަމުން އާންމުކޮށް ބޭރުތެރޭގައި އުޅޭ އުޅުމުގައި ފޭސް މާސްކެއް އެޅުމަކީ އޭގެ ސަބަބުން މާބޮޑު ތަފާތެއް ފެންނާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ނުދެކެއެވެ. އަދި އެކަމަކީ ކޮރޯނާ ވައިރަސް ފަދަ ބައްޔަކުން ރައްކާތެރިވުމަށް ބަލި ނުޖެހޭ މީހުން ކޮންމެހެން އަޅަން ޖެހޭ އެއްޗެއް ކަމުގައި ވެސް އެފަރާތްތަކުން ނުދެކެއެވެ. އޭގެ ބަދަލުގައި، ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ގިނަ ކަންކަމާއި އެޅިދާނެ އެތައް ފިޔަވަޅެއް ހުންނާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު