ކޮވިޑް-19 އިން ސަލާމަތްވި އިންޑިއާގެ ކެރެލާ ޒުވާން ދެމަފިރިއެއްގެ ވާހަކަ އިންޑިއާގެ މީޑިއާތަކުގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ. އެ މީހުންނަށް ފަރުވާދިނީ ކޮޓަޔަމްގައި ހުންނަ ހޮސްޕިޓަލެއްގައެވެ.

ދެމަފިރިން 14 ދުވަހަށް ގޭގައި ކަރަންޓީންކޮށްފައި ތިބިއިރު، އެ މީހުން ބުނަނީ ކަމާއި ބެހޭ ފަރާތްތަކުން ދައްކާ ވާހަކަތަކަށް އަމަލު ކުރުމަށެވެ. އަދި ސަރުކާރަށް އިތުބާރު ކުރުމަށެވެ. އެ ދެމަފިރިން ބުނާ ގޮތުގައި އެމީހުންނާ ދޭތެރޭގައި ޑޮކްޓަރުން އަމަލު ކުރަމުން ދިޔައީ ވަރަށް ފުރިހަމަކޮށެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަހުގެ ކުރީކޮޅު އެ ދެމަފިރިންނާއި، އެ މީހުންގެ ހަތަރު އަހަރުގެ ދަރިފުޅު ދިޔައީ ކޮޗިން އެއާޕޯޓަށް އަންހެން މީހާގެ މައިންބަފައިންނާއި ބޭބެ ބަލައެވެ. އެ މީހުންނަކީ އިޓަލީން އެ ދުވަހު އައި ބައެކެވެ.

"މާރިޗް އަށް ވަނަ ދުވަހު އަންހެން މީހާގެ މައިންބަފައިން ކޮވިޑް-19 އަށް ފައްސިވި (ޕޮޒިޓިވް). އެމީހުން ފައްސިވިކަން އަހަރެމެން ސިއްހީ ކަންކަމާ ގުޅުން ހުރި މީހުންނާ ވާހަކަ ދައްކައިގެން އަހަރެމެން ވެސް އެ މީހުންނާއެކު ތިބިކަން ހާމަ ކުރިން، އެއާއެކު އޮފިޝަލުން އަހަރެމެން އެމްބިއުލާންސްގައި ކޮޓަޔަމް މެޑިކަލް ކޮލެޖަށް ގެންދިޔަ،" އަންހެން މީހާގެ ފިރިމީހާ ބުންޏެވެ.

ފިރިހެން މީހާ ބުނީ، ފުރަތަމަ ދުވަސްކޮޅު އުޅެން ޖެހުނީ ވަރަށް ހާލުގައި ކަމަށާއި، އެއީ އެ މީހުންގެ އާއިލާއާ ގުޅޭ ގޮތުން މީހުން އެކި ޕްލެޓްފޯމްތަކުގައި ފާޑު ފާޑުގެ ވާހަކަ ދައްކަން ފެށުމުން ކަމަށެވެ.

"ނަމަވެސް އަހަރުމެންނަށް ސަޕޯޓް ދިނުމަށް ރަހުމަތްތެރިންނާއި ނަރުހުންނާއި ޑޮކްޓަރުން ތިބި،"

އޭނާ ބުނީ، ހޮސްޕިޓަލުން އޭނާއަށާއި، އާއިލާއަށް ފަރުވާ ދީފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

"ކޮންމެ ގަޑިއަކުން އެއް ފަހަރު އަހަރުމެން ކައިރި އަށް އައިސް ބޭނުން ވަނީ ކޮން އެއްޗެއްތޯ އަހާ އޮޅުން ފިލުވާ،"

އެ ދެމަފިރިންނަށް ފަރުވާދިން އިރު، ދަރިފުޅު ވެސް އެ މީހުން ކައިރީ ބެހެއްޓޭ ގޮތަށް ހެދިއެވެ. ނަމަވެސް އެ ކުއްޖާ އަށް މި ބަލި ޖެހިފައެއް ނުވެއެވެ.

އެ ކުއްޖާ މައިންބަފައިން ކައިރީ މަޑުކުރީ ކަމާ ބެހޭ ފަރާތްތަކުގެ ފުރިހަމަ މަޝްވަރާއަށް ފަހުއެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޓަލީން އައި އެ އަންހެން މީހާގެ މައިންބަފައިންނާއި، ބޭބެ އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔައީ ޕަތަނަމްތިއްޓާ ގައެވެ. އެ މީހުންގެ ޓެސްޓުގެ ނަތީޖާތައް ވަނީ ނައްސި ވެފައެވެ. އަދި އެ އަންހެން މީހާގެ އުމުރުން ދުވަސްވީ މާމާ އާއި ކާފަ ކުރިން މި ވައިރަހަށް ފައްސިވެ، ހާލަތު ދަށްވި ނަމަވެސް، ފަހުން އެ ޓެސްޓުތަކުގެ ނަތީޖާ ވަނީ ނައްސިވެފައެވެ. އަދި އިތުރު ޓެސްޓުތައް ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު