ކޮވިޑް-19 ގެ ބިރުވެރިކަން ނުފޯރާ ގައުމެއް، ސިޓީއެއް، ރަށެއް، އަދި އަވަށެއް ވެސް ނެތެވެ. މިބިރުވެރިކަމުގައި ކުދިކުދި އަވަށްތަކުން ވެސް އެތައް ބަޔަކު މަރުވެ، އަބަދަށް އަހަރެމެންނާއި ވަކިވެގެން ހިނގައްޖެއެވެ. މިހާރު ކޮވިޑް-19 އާއި ގުޅިގެން "މަރައި ހަނގުރާމަ ކުރަމުން ދަނީ" އެމެރިކާގެ ޖޯޖިއާގައި އޮންނަ ކުޑަ އަވަށެކެވެ.

މިއަވަށުގެ ހާލަތު ގޯސްވެގެން ދިޔައީ ޖޯންސަން ނަމަކަށް ކިޔާ މީހެއްގެ ޖަނާޒާގައި މިދިޔަ މަހު އަވަށުގެ އެންމެން ބައިވެރިވި ފަހުންނެވެ. އޭގެ ފަހުން "ހިކި ދަރުތަކެއްގައި އަލިފާން ރޯކޮށްލުމުން އަނދައިގެން ދާގޮތައް މުޅި އަވަށަށް ކޮވިޑް-19 ފެތުރިގެން ހިނގައްޖެ" ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އޮތް ޖަނާޒާއަށް ފަހު އަވަށުގެ ގިނަ ބަޔަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ޑޯފީ ކައުންޓީ ކިޔާ މިއަވަށުގެ އާބާދީއަކީ ގާތްގަނޑަކަށް 90000 މީހުންނެވެ. މިހާތަނަށް ކޮވިޑް-19 ޖެހިގެން އެއަވަށުން 24 މީހުން މަރުވެއްޖެއެވެ. އަދި އިތުރު ހަމީހަކު ވެސް މަރުވެފައި ވަނީ ކޮވިޑް-19 ޖެހިގެން ކަމަށް ބެލެވޭތީ އެކަމާއި ގުޅޭ ތަޙްޤީޤު ކުރިއަށް އެބަދެއެވެ.

އަވަށުގެ ހޮސްޕިޓަލް ވަނީ ފުރިފައެވެ. ހޮސްޕިޓަލްގެ ޖާގަ އަކީ 600 މީހުންނެވެ. އެއަށްވުރެ އެތައް ގުނައެއް އިތުރަށް މިހާރު ވެސް ހޮސްޕިޓަލްގައި މީހުން އެބަތިއްބެވެ. ހޮސްޕިޓަލްގައި ހުރި ހުސް ޖާގަތަކުގައި އިތުރު އެނދުތައް ބަހައްޓައިގެން ވެސް މީހުން ވަނީ އެޑްމިޓް ކޮށްފައެވެ.

އަވަށުގެ އޮފިޝަލަކު ވިދާޅުވީ އެއަވަށުން އެތައް ހާސް ބަޔަކު މަރުވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

"އެކަށީގެންވާ ވަސީލަތްތައް ހޮސްޕިޓަލްގައި ނެތުމުން ފަރުވާ ދެވޭނެ ގޮތެއް ނެތް. ވެންޓިލޭޓަރެއް ނެތް ގިނަ ބަޔަކު ބޭނުން ކުރާކަށް. ވަރަށް މަދު އަދަދެއްގެ ވެންޓިލޭޓަރު ހުރީ. އެހެންކަމުން ވެންޓިލޭޓަރަށް ލާން ޖެހޭ އެތައް ބަޔަކު މަރުވަމުންދާ މަންޒަރު ބަލަން އަހަރެމެން ތިބެން ޖެހޭނެ." އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލުން ލަފާކުރާ ގޮތުގައި އަވަށުގެ ދިހަ ވަރަކަށް ހާސް މީހުންނަށް މިހާރު ކޮވިޑް-19 ޖެހިފައި ވުން ވަރަށް ގާތެވެ. މިހާރު އަވަށުގެ މީހުން ބޭރަށް ނިކުތުން މަނާކޮށްފައި އޮތް ނަމަވެސް، ބިރުވެރިކަމަކަށް ނިމުމެއް ނާދެއެވެ. އާއިލާގެ މެންބަރުން، ނުވަތަ ގާތް ރަހުމަތްތެރިން ވަކިވެދިއުން، ނުވަތަ ވަކިވެދާނެ ކަމުގެ ބިރު އޮތުމުން އެންމެން ވެސް ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި މިކަމުން ވެސް އެނގެނީ މިވަގުތު ގިނަ މީހުން އެވެގެން ހަރަކާތްތައް ބޭއްވުމުގެ ނުރައްކާތެރި ކަމެވެ. އާއްމުންގެ ތެރެއަށް ނިކުމެ އުޅުމުގެ ނުރައްކާތެރިކަމެވެ.