ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރިފައިވާ އިރު، މި ބަލި ޖެހޭނެ ކަމަށް އެންމެ ގިނަ ބަޔަކު ލަފާ ކުރަނީ ނަރުހުންނާއި ޑޮކްޓަރުންނަށެވެ. އެއީ އެމީހުންނަކީ އެ ބަލި ޖެހިގެން އެނދުމަތިވެފައިވާ މީހުންނާ އެންމެ ކައިރިން އަދި ކެރިގެން މަސައްކަތް ކުރަމުން އަންނަ މީހުންނަށްވުމުންނެވެ.

މިއީ ނިއުޔޯކުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރަކު އެ ބަލީގެ ސަބަބުން އޭނާ މަރުވެދާނެ ކަމަށް ބަލައި އޭނާގެ ދަރިންނަށް ލިޔުނު ވަދާއި ސިޓީއެއްގެ ވާހަކައެވެ.

ޑރ. ކޯނެލިއާ އަކީ ނިއުޔޯކުގައި ބަލި ޖެހިގެން އަންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ޑޮކްޓަރެކެވެ. މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަނީ އޭނާ ދަރިންނަށް ފޮނުވާފައިވާ ސިޓީއެވެ.

އެ ސިޓީގައި އޭނާ ބުނެފައިވަނީ، އޭނާގެ ތިބި ކުދިންނަކީ އަދި ލިޔެފައި ހުންނަ އެއްޗެއް ކިޔަން އިނގޭނެ ކުދިން ނޫން ކަމަށެވެ. އަދި އެ މެސެޖު ނުފެނުނަސް ކޮވިޑް-19 ގެ ސަބަބުން އޭނާ މަރުވެއްޖެނަމަ އެ ދާއިރާގައި އޭނާ މަސައްކަތް ކުރީ ކެރިގެން ކަން އެންމެންނަށް ހާމަކުރަން ބޭނުންވާ ކަމަށް ބުންޏެވެ.

"މި މެސެޖު ކިޔޭ ވަރަށް ވުރެ އަޅުގަނޑުގެ ދަރިން ޅަ. އަދި މި މާސްކާއި ގޮގުލް އަޅައިގެން ހުންނަ ވަގުތު އަޅުގަނޑު ވަކި ކުރަން ވެސް ދަރިންނަށް ނޭނގޭނެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އަޅުގަނޑު މަރުވެއްޖެނަމަ ބުނެލަން ބޭނުންވަނީ މަންމަ މި ދާއިރާގައި މަސައްކަތް ކުރީ ވަރަށް ކެރިގެން ރަނގަޅަށް ކުރެވޭތޯ" ކޯނެލިއާ ޓްވިޓާގައި ޖަހާފައިވާ މެސެޖުގައި ވެއެވެ.

ކެނެލިއޯގެ އެ ޓްވިޓް ލައްކައަކަށްވުރެ ގިނަ މީހުން ރީޓްވިޓް ކޮށްފައިވާއިރު، ފަސް ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ އެ ޓްވިޓް ބަލާފައެވެ.

ނިއުޔޯކުގައި ކޮވިޑް-19 ޖެހިގެން 59،000 ވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން 965 މީހަކު ވަނީ މަރުވެފައެވެ. ބަލި ޖެހިގެން ގިނަ އަދަދެއްގެ މީހުން ދުނިޔެއިން މަރުވަމުން އަންނައިރު، މިހާތަނަށް ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުން އަންނަ ގިނަ އަދަދެއްގެ ޑޮކްޓަރުންވެސް ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އެމެރިކާގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ލައްކަ އަކަށް ވުރެ މައްޗަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ﷲއީއެންމެހާ މަޚްލޫގުންގެވެރިރަސްކަލާންގެ ﷲ ކޯނިއުލާތިޔަކުރައްވާ އިންސާނީ ޚިދުމަތުގެއަގުވަޒަންކުރައްވާ އެކަމައްއެންމެއެކަށީގެންވާ ޖަޒާދެއްވާނެ އިންޝާﷲ

    10
    1
  2. ޙަސަން

    ރާއްޖޭގެ ހުރިހާ ކަމެއްވެސް ބޭރުމީހުންނަށް އޯކޭ ވާނެ.