ބަލީގެ ޝިކާރައަކަށް ވެފައިވާކަން ނޭނގި، ނުވަތަ އަލާމާތެއް ނުފެންނަ މީހެއްގެ ގައިންވެސް އެހެން މީހަކަށް ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިދާނެ ކަމަށް އެމެރިކާގެ "ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" އިން ބުނެފިއެވެ.

އެ އިދާރާއިން ނެރުނު ރިޕޯޓެއްގައި މިކަން ހާމަކޮށް ބުނެފައިވަނީ، ވައިރަސްގެ އެންމެ ބޮޑު އެއް އަލާމާތް ކަމަށްވާ ނޭވާލާ ނިޒާމަށް ބަލީގެ އަސަރުކޮށް ނޭވާލާން އުނދަގޫވުންފަދަ ކަންކަން ކުރިމަތިވުމުގެ ކުރީންވެސް ހަށިގަނޑަށް ވަރަށް ބޮޑަށް ވައިރަސް ފެތުރިފައި ވެދާނެ ކަމަށެވެ. އެހެންކަމުން ބަލީގެ ފުރަތަމަކޮޅު މިއިން އެއްވެސް އުނދަގުލަކާއި ކުރިމަތި ނުވާ މީހެއްގެ ގައިން އެހެން މީހުންގެ ގަޔަށް ވައިރަސް އެރުމުގެ ފުރުސަތު ބޮޑު ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

"މި ހޯދުންތަކުން އެނގޭ ކަމަކީ، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެކަހެރިވާން ޖެހެނީ ހަމައެކަނި ބަލީގެ އަލާމާތްތައް ފެންނަ މީހުން ނޫންކަން. އާންމުކޮށް ހުރިހާ އެންމެން ވެސް މި ދުވަސްވަރު ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ބޭރަށް ނުދިޔުމާއި، އެއްވެ ނޫޅުމަކީ މުޙިންމު ކަމެއް،" ރިޕޯޓުގައި ބުނެފައި ވެއެވެ.

އެމެރިކާގެ "ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" އިން ކޮވިޑް-19 ގެ މި ހޯދުންތަކާއި އެކު، ބަލީގެ ނުރައްކާތެރިކަން ހާމަކޮށް މި ރިޕޯޓް ނެރެފައިވާއިރު، އެޤައުމަކީ މިވަގުތު ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ. އާދަޔާއި ޚިލާފަށް ހަލުވިކަމާއެކު ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުގައި ވައިރަސް ފެތުރެމުން ދާއިރު މިހާތަނަށް އެޤައުމުން ޖުމްލަ 211408 މީހަކަށް ވައިރަސް ޖެހި، އޭގެތެރެއިން 4718 މީހަކު ވަނީ މަރުވެފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެމެރިކާގައި 22878 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން 665 މީހަކު މަރުވެފައި ވެއެވެ. އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 5000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

އެމެރިކާއިން ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 202 ޤައުމަކުން ކޮވިޑް-19 ފެނިފައި ވެއެވެ. އަދި މިހާތަނަށް ދުނިޔެއިން ޖުމްލަ 930819 މީހަކަށް މި ވައިރަސް ޖެހި އޭގެތެރެއިން 46781 މީހަކު ވަނީ މަރުވެފައެވެ. ދުނިޔެއިން މިހާތަނަށް މި ވައިރަސް އިން ސަލާމަތްވެފައި ވަނީ 193750 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޭޔަރު

    އެމެރިކާމިހާރު މިވަނީ ކޮވިޑަށް ފައްސި ވެގެން ގޮސް އައްސި ވެފާތާ؟

    • ޙީނާ

      ލޮލް!

      1
      1