ކޮވިޑް-19 ޖެހިފައިވާ މީހަކު އާއިލާ މީހުން ކައިރީ އެހެން މީހުންނަށް އެ ބަލި ފަތުރާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނިކޮށް މަރުވެއްޖެއެވެ.

ޖަޕާނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބަލި ފަތުރާނެ ކަމަށް އިންޒާރުދީފައި ވަނީ އުމުރުން 57 އަހަރުގެ އެގައުމަށް އުފަން ފިރިހެނެކެވެ. އެމީހާ މަރުވީ ބަލި ޖެހިގެން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އޭނާ އަށް އެ ބަލި ޖެހުމުން ގޭގައި އެކަހެރި ވެގެން އޮންނަން އެ ގައުމުގެ ސިއްހީ ވުޒާރާ އިން ބުނި ކަމަށް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ނަމަވެސް ހެލްތުގެ ވާހަކަ އަޑު ނާހައި އޭނާ ބޭނުންވީ ވައިރަސް އެހެން މީހުންނަށް ފަތުރަން ކަމަށް އޭނާ ވަނީ އާއިލާ މީހުންގެ ގާތުގައި ބުނެފައެވެ. އެގޮތުން އޭނާ ވަނީ މީހުން އެއްވެ އުޅޭ ތަންތަނަށް ފައްސި (ޕޮޒިޓިވް) ވި ދުވަހު ގޮސްފައެވެ.

އޭގެ ފަހު ދުވަހު އޭނާ ވަނީ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެޑްމިޓް ކޮށްފައެވެ. އެމީހާގެ މަރާ އެކީ އޭނާ ދިޔަ ތަންތަނުގައި ތިބި ބައެއް މީހުންގެ ސާމްޕަލް ނަގައި ބެލިއިރު އެ ތަނުގައި ތިބި ބައެއް މީހުން ވަނީ އެ ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ޖަޕާނުން 3،139 މީހަކު ރިޕޯޓް ކޮށްފައިވާއިރު މި ބަލި ޖެހިގެން މިހާތަނަށް 77 މީހަކު ވަނީ އެގައުމުން މަރުވެފައެވެ. އަދި 514 މީހަކަށް ފަރުވާދީގެން ރަނގަޅު ކުރި އިރު، ހާލު ދެރަވެގެން 64 މީހަކަށް އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު