ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޤައުމު ކަަމަށްވާ ޗައިނާގެ ސިއްހީ ހިދުމަތްތެރިން ވަނީ އެގައުމަށް އަގުހުރި ބުރަ މަސައްކަތްތަކެއް ކޮށްދީފައެވެ. ބާރު ދުވެލީގައި ފެތުރެމުން ދިޔަ ވައިރަސް އެންމެ ފުރަތަމަ ދެނެގަނެވުނު ހިސާބުން މުހިންމު ފިޔަވަޅުތަކެއް އަޅައި މިހާރު އެގައުމުން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކޮށްފައެވެ.

މިކަމުގައި އެންމެ އިސްކޮށް ހަލާކާތްތެރިވީ ނިންޖާއި، އަރާމުން މަހުރޫމްވެ މަސައްކަތް ކުރަމުން ދިޔަ އެގައުމުގެ ސިއްހީ ހިދުމަތްތެރިންނެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. ވައިރަސް ކޮންޓްރޯލް ވުމާއި އެކު އެގައުމުގެ ގިނަ ސިއްހީ ހިދުމަތްތެރިންތަކެއް ދަނީ އާއިލާތަކާއި ބައްދަލުކުރުމަށް ފޮނުވަމުންނެވެ.

އިއްޔެ ވެސް ބެއިޖިންގެ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ވަނީ އެމީހުންގެ އާއިލާތައް ކައިރިއަށް ދިއުމުގެ ފުރުސަތު ދީފައެވެ. މިހާރު މީސް މީޑިއާގައި ދަތުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި ޗައިނާގެ ސިއްހީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ފަރާތްތަކުން އެމީހުންގެ އާއިލާތަކާއި ދިމާވުމުން، ލޮލުން ކަރުނަ އަޅައި ނުރޯ އެއްވެސް މީހަކު ނެތެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމުގެ ކުލަވަރުތަކެވެ.

ޗައިނާގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އިއްޔެ ގެއަށް ދޫކޮށްލާފައި ވަނީ ފުޖިންގައި އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ 194 ފަރާތެއް ކަމަށް ޑެއިލީ މެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ. އެމީހުން ގެއަށް ދޫކޮށްލާފައި ވަނީ 14 ދުވަހުގެ ކަރަންޓީނުވެސް ނިންމާފައި ކަމަށް އެނޫހުން ވަނީރިސޕޯޓު ކޮށްފައެވެ.

އެމީހުން އާއިލާތައް ދޫކޮށް ހިދުމަތަށް ނިކުމެފައި ވަނީ މި ދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކަމަށް ވެއެވެ.

ޑިސެމްބަރ މަހު ޗައިނާގައި ކޮވިޑް-19 ފެތުރެން ފަށައި، ދުވަހުން ދުވަހަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން ޗައިނާގައި އަވަހަށް ބަލި ކޮންޓްރޯލް ކުރެވިދާނެ ކަމާއި މެދު ސުވާލު އުފެދުނެވެ. ނަމަވެސް ޗައިނާ އިން ވަރަށް އަވަހަށް އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާ އިން މިހާރު ވަނީ ބަލި ކޮންޓްރޯލް ކޮށްފައެވެ. އެންމެ ބޮޑަށް ބަލި ފެތުރުނު ހުބެއީ ޕްރޮވިންސާއި އެޕްރޮވިންސްގެ ވެރިރަށް ވޫހާން ވެސް މިހާރު އަންނަނީ އާއްމު ހާލަތަކަށް ރުޖޫޢަ ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު