މުޅި ދުނިޔެ ސިއްސުވާލާފައިވާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން 6 މިނަޓު ތެރޭ 51 އަހަރުވަންދެން ކައިވެނި ކޮށްގެން، އެކީ އުޅުނު ދެމަފިރިއަކު މަރުވެއްޖެއެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ފްލޮރިޑާގައި ފިރިއުޅުމުން އައި އުމުރުން 74ގެ ސްޓުއާޓް އާއި އެޑްރިއަން (72) އަކީ ބަލި ޖެހުމުގެ ކުރިން އެއްވެސް ކަހަލަ އިތުރު ބަލިމަޑު ކަމެއް ދިމާވެގެން ދާއިމަށް ބޭސް ކާން ޖެހިފައިވާ ބައެއް ނޫނެވެ. އެ ދެމަފިރިންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބައެކެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮވިޑް-19 ގެ އަލާމާތްތައް ދެމަފިރިންނަށް ކުރަން ފަށާފައިވަނީ ނިމިދިޔަ މާޗްމަހުގެ މެދުތެރޭގައެވެ. އެދެމަފިރިން މަރުވެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. ދެމީހުން މަރުވި އިރު މަރުގެ ދޭތެރޭ 6 މިނެޓު ނުވާނެ ކަމަށް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ދެމަފިރިންގެ މަރާއި ގުޅިގެން އެމީހުންގެ ފިރިހެން ދަރިފުޅު ވަނީ ކޮވިޑް-19 އަކީ ނުރައްކާތެރި ވައިރަސްއެއް ކަމަށާއި ބަލި ޖެހުމުގެ ކުރިން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައި ސޯޝަލް ޑިސްޓެންސް ބެހެއްޓުމަށް އާންމު ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އަދި ކަމާއި ބެހޭ އިދާރާތްތަކުގެ އިރުޝާދުތަކަށް ތަބާވުމަށް ވަނީ ގޮވާލާފައެވެ.

"ބަލި ޖެހުމުން ނޫނީ އޭގެ ނުރައްކާތެރިކަން ގިނަ ބަޔަކަށް އިއުސާސް ނުކުރެވޭނެ. އެހެން ނަމަވެސް ބަލި ޖެހުމުން އެބަލި ތިމާއަށް ނުޖެހުނު ނަމައޭ ހިތަށް އަރާނެ. އެހެންކަމުން މިހާރުން މިހާރަށް ރައްކާތެރިވުމުގެ ފިޔަވަޅު އެޅުން މުހިންމު" އެކްސްކްލޫސިވް ސްޕޯޓްސް ގްރޫޕުގެ ސީއީއޯ ބަޑީ ބޭކާ ސީއެންއެން އަށް ދިން އިންޓަވިއުގައި ބުންޏެވެ.

އެ ބަލި ޖެހުމުން އަޅާ ވޭނަކީ އިންސާނާއަށް ކެއްކުރަން ދަތިވާނެ ވޭނެ ކަމަށާއި އެހެން ނަމަވެސް އޭނަގެ މައިންބަފައިން ދުނިޔެ ދޫކޮށް ގޮސްފައިވަނީ އެ ވޭނުގައި ނުޖެހި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެން ކަމުން ގިނަ ބަޔަކު އެކަމަށް ވިސްނުމަށް އޭނާ ވަނީ އެދިފައެވެ.

ކޮވިޑް-19 ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ފައްސި (ޕޮޒިޓިވް) ވެފައިވަނީ އެމެރިކާގައެވެ. އެގައުމުގައި މިހާތަނަސް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 367,650 އަށް އަރާފައެވެ. އަދި މިހާތަނަށް 10,943 މީހަކު ވަނީ ބަލި ޖެހިގެން އެގައުމުން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާހް ރ.ވާދޫ

    ތިފޮޓޯ ނަސްރީނާ އާއި މައުމޫނުގެ ވެޑިން ފޮޓޯއާ ހާދަވައްތަރޭ.