ކޮވިޑް-19 ގެ ޝިކާރައަކަށްވާ ގިނަ މީހުން ދުނިޔެ ދޫކޮށް ދަނީ އާއިލާގެ އެއްވެސް މީހެއްގެ މޫނުވެސް ބަލާނެ ފުރުސަތެއްވެސް ނުލިބެއެވެ. މިފަދަ ފުރުސަތު ލިބެނީ މަދު ބަޔަކަށް ކަން އެންމެންވެސް ގަބޫލު ކުރާނެއެވެ. މިއީ ކޮވިޑް-19 ޖެހިގެން މަރާއި ހަނގުރާމަ ކުރަމުން ދިޔަ މަންމަ (މައިދަތަ)ގެ މޫނު ދެކިލަން އައިސީޔޫއަށް ވަދެވުނު އެއާއިލާއަށް ނިސްބަތްވާ ނަރުހެއްގެ އިހުސާސްތަކެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނިއުޖާޒީގެ ހޮލީ ނޭމް މެޑިކަލް ސެންޓަރުގެ ޑިރެކްޓަރ އޮފް ނާސް މިކޭލް އަސީތޯ ބުނެފައިވަނީ، އޭނާގެ މައިދައިތައާއި ޅިޔަނުގެ އިތުރުން ފަހަރިއަށް އަންނަނީ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ކަމަށެވެ. މީގެ ތެރެއިން މައިދައިތަ ވަނީ އެ ބަލީގައި މަރުވެެފައެވެ.

މިކޭލް ވަނީ އެ މީހުންނަށް ފަރުވާ ދިނުމަށް އޭނާ އަށް ވަދެވޭތީ އެކަމާއި ޝުކުރު ކޮށްފައެވެ.

"މިއީ އަޅުގަނޑުގެ އާއިލާ. މިއާއިލާގެ 3 މިހާރު ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އަންނައިރު، އެމީހުންނަށް ފަރުވާ ދިނުމަށް ފުރުސަތު ލިބުނީ އެކަމާއި ޝުކުރުވެރިވަން. ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ނުވަތަ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ގިނަ މީހުން ދުނިޔެ ދޫކޮށް ދަނީ އާއިލާގެ އެއްވެސް މީހެއްގެ މޫނު ނުފެނި" މިކޭލް ބުންޏެވެ.

މިކޭލް ބުނެފައިވަނީ ފަހަރި އާއި ޅިޔަނު މި ބަލިން ރަނގަޅުވަމުން ދިޔަ ނަމަވެސް މަންމަ އަކަށް މި ބައްޔާއި ހަނގުރާމަ ނުކުރެވުނު ކަމަށެވެ.

"ބަލި ހާލަތުގައި މަރާއި ހަނގުރާމަ ކުރަމުން ދިޔަ މައިދައިތަ އަށް ފަރުވާ ދިނުމަށް ފުރުސަތު ލިބުން އެއީ ވަރަށް ހާއްސަ ކަމެށް. އާއިލާގެ ގިނަ މީހުން ހީކުރީ މަންމަ މަރުވެގެން ދާނީ އެއްވެސް މީހަކަށް ނުފެނި ކަމަށް. އެހެން ނަމަވެސް އެމީހުން ކައިރީ ފަހުން ބުނިން މަންމަ ކައިރިއަށްދާން ފުރުސަތު ލިބުނު ވާހަކަ. އެހެންކަމުން އެމީޙުންގެ ހިތަށް ކޮންމެވެސް ކަހަލަ ފިނި ކަމެއް މިހާރު ވަނީ ލިބިފައި، މަންމަ ދުނިޔެ ދޫކޮށް ދިޔައީ އެކަނި ނޫންކަން އެނގުމުން" މިކޭލް ބުންޏެވެ.

މީގެ އިތުރުން މިކޭލް ބުނެފައިވަނީ އެގޮތަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބަލި މީހުން އާއިލާއަށް ނުފެނި ދުނިޔެ ދޫކޮށް ދާ ކަމަށާއި އެމީހުންނަށް އާއިލާގެ މީހުންނާއި ވާހަކަ ދެއްކުމުގެ ފުރުސަތު ކޮންމެވެސް ގޮތަކަށް ފަހި ކޮށްދޭން ޖެހޭ ކަމަށެވެ.

"އެމީހުންގެ އާއިލާގެ މީހުންނަށް އެނގެން އެބަ ޖެހޭ ނަރުހުން އެމީހުންނާއި އެކީ ތިބޭކަން. އެގޮތަށް ތިބޭއިރު ވީޑިއޯ ކޯލް މެދުވެރިކޮށް ވިއަސް އެމީހުންނަށް އެކަކު އަނެކަކު ދައްކައި ކުޑަކޮށް ވާހަކަ ދައްކަން ފުރުސަތު ދޭން އެބަ ޖެހޭ. މިއީ ކޮންމެ އާއިލާއަކަށްވެސް ލިބޭނެ ހިތްހަމަ ޖެހުމެއް" މިކޭލް ބުނެފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީން ފެތުރެން ފެށި، އިންސާނާގެ ނޭވާލާ ނިޒާމު އެއްކޮށް ދަށްކޮށްލާ ނުރައްކާތެރި ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިވާއިރު، މި ބައްޔަށް ފައްސިވެގެން މިއަދާއި ހަމައަށް މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މި ބަލިޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 82،210 އަށް އަރާފައެވެ.

މި ބަލި ޖެހޭ ކޮންމެ މީހަކު މަރުވާ މީހެއް ނޫނެވެ. މި ބަލި ޖެހިގެން މިހާތަނަށް 303،020 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު