ސަލްމާން ޚާން އަކީ ބޮލީވުޑްގެ ވަންމޭން އާމީގެ ނަމުން މަޝްހޫރު ފަންނާނެކެވެ.

އޭނާއަކީ ފިލްމް ކުޅުމުގެ ހުނަރުގެ އިތުރުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަށް އާންމުންގެ މެދުގައި ބޮޑު މަގްބޫލް ކަމެއް ހޯދާފައިވާ މީހެކެވެ. ހަމައެއާއެކު އޭނާގެ ބުރަ މަސައްކަތް ކުރުމާއި، ކަންކަމުގައި ބަހައްޓާ އާދަޔާ ޚިލާފް ޝައުގުވެރިކަމަކީ އެތައް ބަޔަކަށް އެކަމުން ހިތްވަރު ލިބޭ ކަންކަމެވެ.

ފުރަބަންދުގައި ހުރި މި އެކްޓަރު ވަނީ އޭނާގެ ސްޓައިލް ކޮންމެވެސް ވަރަކަށް ބަދަލުކޮށްފައެވެ. އާންމުކޮށް ވަރަށް ސާފުކޮށް ތުބުޅި ބަހައްޓައި ކަސްމަތި ޖަހައިގެން ހުންނަން ލޯބި ކުރާ ސަލްމާން ވަނީ ތުނބުޅި ބެހެއްްޓުމުގެ އިތުރުން ހަށިގަނޑު ބިޔަ ކުރުމަށް މަސައްކަތްކޮށްފައެވެ.

ޖެކޮލައިން ފެނާންޑޭޒ

އޭނާގެ މިހާރުގެ ސްޓައިލް ފެންނަ ފޮޓޯއަކާ އެކު ބޮލީވުޑްގެ ބަތަލާ ޖެކޮލައިން ފެނާންޑޭޒް ވަނީ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އެ ފޮޓޯއަކީ ސަލްމާން ޖިމްގައި ނަގާފައިވާ ފޮޓޯއެކެވެ.

ޖެކޮލައިންގެ އެ ފޮޓޯ ހިއްސާ ކުރުމާއެކު އާންމުންގެ އެތައް ބަޔަކު ވެސް ސަލްމާންގެ އާ ސްޓައިލަށް ތައުރީފްކޮށް ވާހަކަދެއްކިއެވެ. އެގޮތުން އޭނާ ތުނބުޅި ހުރުމުން އިތުރަށް ރީތި ކަމާއި، މިހާރު އޭނާ ކުރިއަށް ވުރެ މާ ރީތިކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

ޖެކޮލައިން ވަނީ ސަލްމާންގެ ހަށިގަނޑަކީ ހަމައެކަނި ގުދުރަތުން ލިބުނު ހަދިޔާއެއް ނޫން ކަމަށާއި ސަލްމާން އަކީ ހަށިގަނޑު ރީތިކޮށް ބަހައްޓަން މަސައްކަތް ކުރާ މީހެއް ކަމަށް ބުނެފައެވެ.

އާންމުކޮށް ޒާތީ ދިރިއުޅުން ވަރަށް ބޮޑަށް ސިއްރުކޮށްގެން އުޅެން ލޯބިކުރާ ސަލްމާން ދަނީ މި ފުރަަބަންދުގައި އޭނާ ކުރާ ކަންކަމުގެ މައުލޫމާތު ވަރަށް ފުޅާ ދާއިރާއެއްގައި އާއްމުންނާ ހިއްސާކުރަމުންނެވެ. އެގޮތުން އޭނާ ގެންގުޅޭ ޖަނަވާރުތަކާއި އެކު ހޭދަކުރާ ވަގުތާއި، ކަސްރަތު ކުރުމުގެ އިތުރުން ކެއުން ފަދަ ކަންކަމުގެ މައުލޫމާތު އެނާ ދަނީ ފޭނުންނާއި ހިއްސާކުރަމުންނެވެ.