މާ ގަދަޔަށް މަސައްކަތްކުރުމަކީ މީހާގެ ސިއްހަތަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އިންޑޮނޭޝިޔާގައި ވަނީ ހަތަރު ދުވަސްވަންދެން ހުއްޓާނުލައި މަސައްކަތްކުރި ޑޮކްޓަރަކު މަރުވެފައެވެ. ޑރ. ސްޓެފަނުސް ޓައޮފިކް މަރުވެފައިވަނީ ހުއްޓާނުލައި ހަތަރު ދުވަސްވަންދެން އެގައުމުގެ ބަންދު ދުވަހެއްގައި ހޮސްޕިޓަލުގެ އެހެން ސްޓާފުންގެ ޝިފްޓް ހިފެހެއްޓުމުގެ މަސައްކަތްކުރަނިކޮށެވެ.

ޑރ. ސްޓެފަނުސް އަކީ އިންޑޮނޭޝިޔާގެ ބިންޓަރަ ޖަޔާ ނަމަކަށްކިޔާ ސަރަހައްދެއްގެ ރައްޔިތެކެވެ. އަދި ހޮސްޕިޓަލުގައި ޑޮކްޓަރުން މަދުވުމުގެ ސަބަބުން އިތުރު ޝިފްޓްތައް ނެގުމަށް ޑރ. ސްޓެފަނުސް އެއްބަސްވިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އިންސާނުންނަކީ ހަށިގަނޑަށް ކުރިމަތިވާ ބުރަތަކުން ސަލާމަތްވުމަށް ނިންޖާއި އަރާމު ކޮންމެހެންވެސް ބޭނުންވާ ބައެކެވެ.

ޑރ. ސްޓެފަނުސް ޓައޮފިކް

މާ ގަދަޔަށް އަރާމުކުރުމަށް ވަގުތެއް ނެތި މަސައްކަތްކުރުމަކީ އެކި ކަހަލަ ބަލިތަކާއި ސިއްހީ މައްސަލަތައްވެސް ކުރިމަތިވާ ކަމެކެވެ. ޑރ. ސްޓެފަނުސް ދިޔައީ އެގޮތުން ދެ ހޮސްޕިޓަލެއްގައި އެނަސްތީސިއޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

އަދި ހަތަރު ދުވަސްވަންދެން މަސައްކަތް ކުރުމަށްފަހު އެންމެ ފަހުން އޭނާ އަރާމުކުރަން ނެގި ވަގުތުކޮޅުގައި މަރުވިއިރު ހޮސްޕިޓަލުގައި ދެން ތިބި ފަރާތްތަކުން ވަނީ އަލުން އޭނާ ހޭއެރުވޭތޯވެސް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އޭރު ވަގުތު ވަނީ ފާއިތުވެފައެވެ. ޑރ. ސްޓެފަނުސް ވަނީ އޭރު މަރުވެފައެވެ.

ޑރ. ސްޓެފަނުސްގެ މަރުގެ ތަހުގީގުން ހޯދުނުގޮތުގައި އޭނާ މަރުވެފައި ވަނީ ނިދި ނުލިބުމުގެ ސަބަބުން ހިތް ހުއްޓިގެންނެވެ. އޭނާ މަރުވިއިރު އޭނާގެ އަންބަކާއި އެއް އަހަރުގެ ދަރިއެއްވެސް ހުއްޓެވެ. އެ ހާދިސާއިން ނަގަންވީ އިބުރަތަކީ ގަދައަޅައި މަސައްކަތްކުރިޔަސް ހަށިގަނޑަށް ކޮންމެހެން ބޭނުންވާ އަރާމާއި ނިދި ހޯދުމަށްވެސް ވަގުތުކޮޅެއް ހޭދަކުރުމުގެ މުހިންމު ކަމެވެ.

ކިޔުންތެރިންގެ ހިޔާލު