އިބްރާހިމް ޒިޔާއު މުހައްމަދު (ޒިޔާ) ގިނަ ބަޔަކު ދަންނަ، އާންމުންގެ މެދުގައި މަގުބޫލު މޫނެކެވެ. ޕްރެޒެންޓް ކުރުމުގައި ހުރި ކުޅަދާނަކަމުން އެތައް ބައެއްގެ ހިތްތައް އަތުލައިފިއެވެ. އެއީ ދޫ ފަރިތަ މޮޅު މީހެކެވެ. މިއީ ސިއްހީ ދާއިރާއިން ކުރިއަށް ދާން ފެށި ދަތުރު ނިންމާލައި ނޫސްވެރިކަމާއި، ޕްރެޒެންޓިންގ ދާއިރާއަށް ވަން ޒުވާނެެކެވެ.

ގދ. ފަރެސްމާތޮޑާއަށް އުފަން ޒިޔާއަކީ ކުޑައިރުން ފެށިގެން މާލޭގައި ދިރިއުޅެމުން އަންނަ ޒުވާނެކެވެ. ރަށުންނާއި ގދ. ތިނަދޫން ވެސް ތައުލީމް ހާސިލް ކުރިއެވެ. އެކަމަކު ދިރިއުޅުމުގެ ބޮޑުބައި ހޭދަ ކުރީ މާލޭ ގައެވެ. އޭނާ ގްރޭޑް 10 ނިންމާލީ ގދ. އެޓޯލް އެޑިއުކޭޝަން ސެންޓަރުގައެވެ. ކިޔެވުމަށް މާ މޮޅު ނުވި ނަމަވެސް ސްކޫލްގެ ހަރަކާތްތަކުން އޭނާ ފެނެއެވެ.

މި ޒުވާނާ މިހާ ހިސާބަށް އައީ ބޮޑު "ކަނޑެއްގައި" ފަތައިފައެވެ. އެ ކަަނޑުން އެއްގަަމަށް އަރަން ފެށި ދަތުރަކީ ބޮޑެތި ރާޅުތަކެއް ބޯ މައްޗަށް ބިންދާލި ދުވަސް ވަރެކެވެ. މިއަދު އެ ހަނދާންތައް އާ ވިޔަސް ހިތަށް ދަތި އުނދަގޫ ކަންތައްތައް ދިމާވެއެވެ. ޒިޔާ އެ ދުވަސްތައް ސިފަ ކުރީ މުޖުތަމައުގައި ބޭނުން ނެތް މީހެއްގެ ގޮތުގައި އުޅެން ޖެހުނު ދުވަސްތަކަކަށެވެ. ނަމަވެސް މިހާރު އެއީ މާޒީއެވެ.

ޒިޔާ ޕްރެޒެންޓިންގއަށް މޮޅު ޒުވާނެއް

"ވަރަށް ކުޑައިރުގައި ވިސްނަން ވެސް ނޭނގޭ ބައްޔަކަށް އަސްލު ފަރުވާ ކުރަން ކުއްލިއަކަށް ޖެހުނީމަ، އަހަރެންނަށް ހިތަށް އެރީ މުޖުތަމައުއިން ވަރަށް ބޮޑަށް ބޭކާރު މީހެއްގެ ގޮތުގައި، މުޖުތަމައުގެ ބޭނުން ނެތް މީހެއްގެ ގޮތުގައި، މިހާރުވެސް އޭގެ މަތިން ހަނދާންވޭ، ހަނދާންވީމަ ދެރަވެސް ވޭ،" އެ ދުވަސްތަކުގެ ވާހަކަ ޒިޔާ ފެށިއެވެ.

އެ ބަލީގެ ގޮތުން ޒިޔާ މުޖުތަމައު ތެރެއަށް ނުކުންނަން ޖެހެނީ ބޭސް ކައިގެންނެވެ. އޭނާ އެ ބައްޔަށް ބޭސް ކުރިއެވެ. އަދި ﷲ ގެ އިރާދަފުޅުން އޭނާ ވަނީ އެ ބަލިން ސަލާމަތްވެފައެވެ. އެ ވާހަކަ އޭނާ މީގެ ކުރިން އެއްވެސް ބައެއްގެ ކައިރީ ދައްކާފައެއް ނުވެއެވެ. އަދި އެ ބައްޔާއި ގުޅޭ ގޮތުން ވާހަކަވެސް ދައްކަން ބޭނުން ނުވެއެވެ.

ޒިޔާއަކީ ފުރަތަމަ ސިއްހީ ދާއިރާއިން ވަޒީފާއަށް ނުކުތް މީހެެކެވެ. ޕްރައިމަރީ ހެލްތް ކެއާ ކިޔެވުމަށްފަހު ފަރެސްމާތޮޑާ ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވީ އޭރު ޒިޔާގެ އުމުރުން 18 އަހަރެވެ.

"ވަރަށް ކުޑައިރު ގޮސް ޖެހުނީ، އޭރު އުޅުނު ފޫޅުމައިންނާއި ފެމަލީ ހެލްތް ވޯކަރުންގެ ވެރިއަކަށް،، ވަރަށް އުނދަގޫ އަސްލު، މާމަމެން އުމުރުގެ މީހުންނާއެކު ޑީލްކޮށްގެން އުޅެން، ހެލްތް ޕޯސްޓެއްގައި ހުއްޓާ، އެ ތަން ހެލްތް ސެންޓަރަކަށް ބަދަލު ކުރީ ޒިޔާ ހުއްޓާ، ދެން އެއިރު ޑޮކްޓަރުންނާއި، ނަރުހުންވެސް ލިބުނު އެ މީހުންގެ ވެރިއަކަށް ހުރީ،" ޒިޔާ ބުންޏެވެ.

ޒިޔާ "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އެތަނުގައި އޭނާ އެއް އަހަރާއި ހަތަރު މަސް ވަންދެން އުޅުނެވެ. އޭގެ ފަހުން އޭނާ ވަނީ، ތިނަދޫ ހޮސްޕިޓަލްގައި މަސައްކަތް ކޮށްފައެވެ. އޭގެ ފަހުން ހެލްތް މިނިސްޓްރީގް ސަޕްލައި ޑިޕާޓްމެންޓުގައި މަސައްކަތް ކުރިއެވެ.

އޭނާ ސްކޫލް ދައުރުން ފެށިގެން ބޭނުންވީ ޑޮޮކްޓަރަކަށް ވުމަށެވެ. އެ ޓާގެޓުގައި އޭނާ ކިޔަވަމުން އައިސް، ސިއްހީ ދާއިރާއަށް ނުކުމެފައި، ދެން އޭނާގެ ހިތަށް އެރީ މި ދާއިރާއަކީ މީހުން ބަލައިގަންނަ ދާއިރާއެއް ނޫން ކަމެވެ. އަދި އެކަން އެގޮތަށް ދިމާވީ އޭނާ ސިއްހީ ދާއިރާގައި މަސައްކަތް ކުރިއިރު، ދިމާވި ކަންތައްތަކާ ގުޅިގެންނެވެ.

"ޑޮކްޓަރާ ބެހޭ ގޮތުން ކިރިޔާ ކަމެއް ދިމާވިޔަސް އައިސް ވެސް އެ ވާހަކަ ދައްކާނީ ވެރިއެއް ކައިރީ، ހުރިހާ އެއްޗެއް އަޑު އިވެން ފެށީ، އަސްލު އެޕްރިޝިއޭޓް އެއް ނުކުރޭ އަސްލު ޑޮކްޓަރުން ކުރާ މަސައްކަތް،" ސިއްހީ ދާއިރާއިން ކުރިއަށްދާން ބޭނުން ނުވި ވާހަކަތައް ހިއްސާ ކުރަމުން ޒިޔާ ބުނެފައި ވެއެވެ.

އޭނާ ހެލްތް މިނިސްޓްރީގައި މަސައްކަތް ކުރަމުން ދަނިކޮށް އެ ދާއިރާއިން ދުރަށް ދާން ބޭނުންވިއެވެ.

ޒިޔާ އެކުގައި މަސައްކަތް ކުރި ބައެއް މީހުންނާއެކު

"އޭރު ވަރަށް ފެންނާނެ ހީނާ ވަލީދު މެން ޝިފްލާ މެން ޓީވީއަށް އަރާ ހަބަރު ކިޔާތަން، އޭރު އެ މީހުން ފެނިފައި ހިތަށް އަރާ އެ މީހުން ހާދަ މޮޅޭ.. އެއް ދުވަހު ގޮނޑީގައި އިށީންނަން ބޭނުންވީ، ކޮންމެވެސް ގޮތަކުން އެ ދާއިރާއަށް ވަދެގަންނަން ބޭނުންވީ، ދެން އިއުލާނުކޮށްފައި އޮއްވައި ފެނުނީ ޓީވީއެމް އިން ޖާނަލިސްޓުން ހޯދަން ވެގެން، ދެން އެޕްލައި ކުރީމަ ގުޅީ، ގުޅައިގެން އިންޓަވިއުއަށް ގޮސްފައި، އިންޓަވިއު އިން ފާސްވީ، އެއީ ނޫސްވެރިކަމުގެ ދާއިރާގެ ފެށުމަކީ،" ޒިޔާ ބުންޏެވެ.

ޒިޔާ ބުނީ، އުމުރުން 20 އަހަރުގައި ނޫސްވެރިކަމުގެ ދާއިރާއަށް ވަންއިރު، އެއީ ކޮން އެއްޗެއް ކަމެއް ނޭނގޭ ކަމަށެވެ.

ޒިޔާ ބުނީ، އޭނާ ޓީވީއެމްގައި މަސައްކަތް ކުރިއިރު ފުރަތަމަ އުޅުނީ ފޮރިން ޑެސްކުގައިި ކަމަށެވެ. އެތަނުން ޕޮލިޓިކަލް ޑެސްކަށް ގޮސް އޭގެ ފަހުން އޭނާ މަސައްކަތް ކުރީ ބިޒްނަސް ޑެސްކުގައެވެ. އޭނާ ބޮޑަށް ފިޓްވެގެން ދިޔައީވެސް ބިޒްނަސް ޑެސްކަށެވެ.

ޒިޔާ ނޫސްވެރިކަމުގެ ދާއިރާގައި ކުރި އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ މާކެޓުގައި ކުކިންގ އޮއިލްގެ އަގު ބޮޑުވެގެން ހެދި ރިޕޯޓެއް ކަމަށެވެ. އެއީ އޭނާ ވަރަށް ދިރާސާކޮށް، ކަމާއި ގުޅުން ހުރި ދާއިރާގެ ގިނަބައެއްގެ އިންޓަވިއު ނަގައިގެން ހެދި ރިޕޯޓެއްކަން ޒިޔާ ފާހަގަކުރިއެވެ.

"ކަސްޓަމްސްގެ ސްޓެޓިސްޓިކްސް އަށާއި، ކަސްޓަމްސްގެ މައުލޫމާތުތަކާއި، ވިޔަފާރިވެރިންގެ މައުލޫމާތު ހޯދައިގެން، ވިޔަފާރިވެެރިން ކުރާ ދަތުރުގެ މައުލޫމާތު އަމިއްލައަށް އޭތި އެކްސްޕީރިއަންސްކޮށްފައި، އަމިއްލައަށް މާކެޓް ތެރެއަށް ވަދެފައި މާކެޓް ތެރޭގައި އުޅެފައި، އެ މައުލޫމާތު ހިފައިގެން، ކުއްޔަށް ނަގާ ތަންތަނުގެ އަގާއި ފެނުގެ އަގާއި އެއްޗެހި ކަލްކިއުލޭޓްކޮށްފައި ހެދި ރިޕޯޓެއް އިންނާނެ،" ޒިޔާ ބުންޏެވެ.

ޒިޔާ ޓިވީއެމްގެ ހަބަރެއްގައި

ޒިޔާ ބުނީ، 2011، 2012 ހިސާބު ހެދި އެ ރިޕޯޓު މަތިން އެހާ ހަނދާން ހުންނަނީ އެއީ ވަރަށް މައްސަލަ ބޮޑު ރިޕޯޓަކަށް ވުމުން ކަމަށެވެ.

ޒިޔާ އެންމެ ފުރަތަމަ ޓީވީއެމްގެ ހަބަރަކުން ފެނުނީ 10 ގެ ހަބަރަށް އަރާނެ ކުއްޖަކު ނެތިގެން ލިބުނު ފުރުސަތުގައެވެ. އޭރު މޫސާ ވަސީމްގެ ބެލުމުގެ ދަށުން އެކަންކަން ދާއިރު، މޫސަގެ އެދުމުގެ މަތިން އޭނާ އެރީއެވެ. އެއިރު، އެ މީހުންނަށް ހަބަރަށް އަރަން ހުއްދައެއް ނޯވެއެވެ.

ޒިޔާ ޓީވީއެމްގެ ހަބަރަކަށް އަރާ

"މީހަކު ނެތިގެން އެ ދުވަހު އަސްލު ހަބަރަށް އެރީ، ވަރަށް ހާސްވެ ހުރެގެން ދިޔައީ، އެއީ ހަބަރު ކިޔާއިރު ކުށް ޖެހިއްޖެއްޔާ މީހުން ވަރަށް މަލާމާތް ކުރާނެ،" ޒިޔާ ބުންޏެވެ.

އަދި އޭގެ ފަހުން ޒިޔާ 10 ގެ ހަބަރު ކިޔަން ފުރުސަތު ލިބުނެވެ. އަދި 7 ގެ ހަބަރާއި 4 ގެ ހަބަރަށް އަރަން ވެސް ފުރުސަތު ލިބުނެވެ.

"2 ގެ ހަބަރު ނުކިޔާ ފެށީ 4 ގެ ހަބަރު ކިޔަން، އެއީ ރާއްޖޭގައި ފުރަތަމަ ބިޒްނަސް ހަބަރު ކިޔަން ފެއްޓި ދުވަހުގައި، ބިޒްނަސް އެންކަރެއްގެ ގޮތުގައި ޒިޔާ ފުރަތަމަ 4 ގެ ހަބަރުން ފެންނާނީ، އެ ފެނުނު ގޮތަށް އެއް މަސް ވަންދެން ބިޒްނަސް ހަބަރު ކީ އެއް މަސް ވަންދެން". ޒިޔާ ބުންޏެވެ.

ފަހުން ޒިޔާ ހަބަރުތަކަށްވުރެ ފެންނަން ފެށީ ޝޯތަކުންނެވެ. އެ ފުރުސަތު ލިބުނު ގޮތް ކިޔައި ދެމުން ޒިޔާ ބުނީ، މުނިފޫހިލުވުމުގެ ދާއިރާއަކީ އޭނާ ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ދާއިރާއެއް ކަމަށެވެ.

ޒިޔާ ޝޯވއެއްގެ ތެރެއިން

"ބިޒްނަސްގައި އުޅޭއިރުވެސް ދޭތެރެއަކުން މުނިފޫހިފުލުވުމުގެ ދާއިރާގެ ހަބަރު ލިޔަން.. ދެން އޭރު ނިއުސް ރޫމްގެ ވެރިއާއަށް ގަބޫލުކުރެވުނީ، ދެން އެންޓަޓައިންމެންޓް އެއްޗެހި ކަވަރު ކުރަން ޒިޔާ އާ ހަވާލު ކުރާނީއޭ، އޭރު އިންނަނީ ހަވާލުކޮށްފައި، ދެން ދޭތެރެއަކުން އެއްޗެއް އަޔަސް އަންނާނީ ޒިޔާއަށް، އޭގެ ފަހުން ނިއުސް ރޫމް އިން ހަދަން ފެއްޓި ޕްރޮގްރާމެއް އެއީ ކެފޭ ސިނަމާ، ބޭރުގެ ހިންދީ އިންގްލިޝް ފިލްމްތަކާއި ގުޅޭ މައުލޫމާތު ގެނެސްދޭ އެއްޗެއް، އޭގެ ފިރިހެން ޕްރެޒެންޓަރަކަށް ވާން ފުރުސަތު ލިބުނީ. ދެން އެއަށް އަރަން ފެށި ފަހުން، މީހުންނަށް ޒިޔާ އެނގެން ފެއްޓީ، އޭގެ އިން ދެ ސީޒަން،... އެއީ ކަން ނޭނގެ ޝޯ ހުށަހަޅަން ރަނގަޅުކަން މީހުންނަށް ފެންނަ ހިސާބަކީ،" ޒިޔާ ބުންޏެވެ.

އޭގެ ފަހުން އެންޓަޓެއިން ޝޯތަކުން ޒިޔާ ނުފެނި ދުވަސްކޮޅެއް ދިޔައެވެ. އޭގެ ފަހުން މޯލްޑިވިއަން އައިޑޮލްގެ ޕްރިމިއާ ނައިޓަށް ފަހުން އިތުރު ފުރުސަތު އޭނާއަށް ލިބިގެން ދިޔައެވެ. އެއީ ޖަޖަސް ރިވީލިން ނައިޓެވެ.

"އެއީ އަސްލު މުޅި ކެރިއާ ބަދަލުކޮށްލި ޝޯ ޖަޖަސް ރިވީލިން އާއި ޕްރެޒެންޓަ ރިވީލިން ޝޯވ."

ޒިޔާ މޯލްޑިވިއަން އައިޑޮލްގެ ޝޯވއެއްގެ ތެރެއިން

އޭގެ ފަހުން އައިޑޮލް އިންސައިޑާއިންވެސް އޭނާއަށް ފުރުސަތު ލިބުނެވެ. ޒިޔާ ބުނީ، މި ޝޯއަށް ޓީވީއެމްގައި ހީނުކުރާ ފަދަ ބޮޑެތި ޝޯތައް ހުށަހަޅަން އޭނައަށް ފުރުސަތު ލިބުނު ކަމަށެވެ.

"މޯލްޑިވިއަން އައިޑޮލްގެ ޖަޖެސް ރިވީލިން ޝޯ ޖެހިޖެހިގެން ތިން އަހަރު ހުށަހަޅަން ލިބުނީމަ ޒިޔާ ބެލީ އަސްލު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި، އަދި ފުރަތަމަ ހުށަހަޅާ މީހާއަށް ނުލިބިގެން ދެވަނައަށް ޒިޔާއަށް ލިބުނަސް އެއީވެސް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ކުރަން،" ޒިޔާ ބުންޏެވެ.

ޒިޔާ އާއި މިވަގުތު ޕްރޮގްރާމްގެ ޕްރެޒެންޓަރުން

ޒިޔާ ފަހުން ފެނިގެން ދިޔަ ބޮޑެތި ޝޯތަކަށް ބަލާއިރު، ޓީވީއެމްއިން ރޯދަ މަހު ގެނެސްދޭ މިވަގުތު ޕްރޮގްރާމާއި ހޭޔަމްބޯވެސް ހިމެނެއެވެ.

ޒިޔާ ހޭޔަމްބޯ ޝޯވއެއްގައި

ޒިޔާ ބުނީ، ޕްރެޒެންޓިން ދާއިރާގައި ލިބޭނެ މާ ބޮޑު ކުރިއެރުމެއް ނެތް ކަމަށެވެ.

"މިހާރު ވެއްޖެއްޔާ މި ލެވެލް އިން ދެން އަރަން އޮތް ލެވެލްއެއް ނެތް ފެންނަން، މިހާރު މި ހުށަހަޅައިދޭ ޕްރޮގްރާމް ހުށަހަޅައި ދީފައި ޒިޔާ ދެން މި ރާއްޖޭގައި ހުށަހަޅައިދޭނެ ޕްރޮގްރާމެއް އެއްވެސް ޓީވީ ޗެނަލަކު ނެތް، ލުކް ފޯވާޑް ކުރާނެ ވަރުގެ ޕްރޮގްރާމެއް އޮންނަންވާނެ ކަަމަށް ޒިޔާ ގަބޫލު ކުރަނީ، ޒިޔާ ގަބޫލު ކުރާ ގޮތުގައި، އަސްލު ޒިޔާ މެންނަނަކީ މި ދާއިރާގައި ވަރަށް ޖޫނިއާ ބައެއް، ޖޫނިއާ ލެވެލްގައެއް ވެސް ނެތޭ ލުކް ފޯވާޑްކޮށްފައި އަރާނެ ޕްރޮގްރާމެއް، އެއީ އަސްލު ޕްރެޒެންޓިން ކެރިއާގައި ވަރަށް ބޮޑު ވެއްޓުމެއް، އަދި މި ކުރިއަރުވަން އުޅޭ ބަޔަކުވެސް ނެތީ،" ޒިޔާގެ ކަންބޮޑުވުންތައް ހިއްސާ ކުރަމުން ބުނެފައި ވެއެވެ.

ޒިޔާ ބުނީ، އަދިވެސް ޓީވީ ޗެނަލްތަކުން ޕްރެޒެންޓަރުންގެ އަގެއް ބަލައެއް ނުގަނެއެވެ.

ޒިޔާ އައިޑޮލްގައި

"އަސްލު އަގު ބަލާ ނަމަ އަސްލު އެ ކުދިންގެ އަރާ މޭކަޕާއި އެ ކުދިން ހޯސްޓް ކުރުމަށް އަރާއިރު ލާ ކޮސްޓިއުމާއި އަސްލު ޕްރެޒެންޓަރުން ޕްރެޒެންޓަރުންގެ ގޮތުގައި ބަލައިގަތުމަކީ މިއީ، ކަން ނޭނގެ، ކޮސްޓިއުމް ދީފައި، މޭކަޕް ދީފައި ގެންގުޅުމަކީ، ދުނިޔޭގެ ލެވްލްގައި ޕްރެޒެންޓަރެކޭ ބުނީމަ ވަރަށް ރަނގަޅު ޝަހުސިއްޔަތެއް އެއީ. ރާއްޖޭގައި ވާގޮތަކީ މަގުމަތީގައި އޮންނަ ކުނި ކޮޅަށް ވެސް ނަހަދަނީ، ނަހަދާތީވެ، ޕްރެޒެންޓިން ސްކިލް ހުންނަ ކުދިން މީގެ ތެރެއަށް ނާންނަނީ،" ޒިޔާ ބުންޏެވެ.

ޒިޔާ ބުނީ، މިކަން ބަލައިގަންނަ ނަމަ ކިޔަވައިގެން ތިބި މޮޅެތި ކުދިން ޝޯތަކުން ފެނުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ. އަދި އެކަމަށް ދޭނެ ރަނގަޅު އަގެއް ވެސް ނެތް ކަމަށާއި، ކޮލެޓީ މީހުން އުފައްދަން އެވަރުގެ ވުޒާރާއެއް ނެތް ކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެހެން ކަމުން ޕްރެޒެންޓިން ދާއިރާގައި މުސްތަގުބަލެއް އޮތް ކަމަށް ޒިޔާ ގަބޫލެއް ނުކުރެއެވެ.

ޒިޔާ ސިއްހީ ދާއިރާގައި މަސައްކަތް ކޮށްފިއެވެ. ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފިއެވެ. ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފިއެވެ. އަދި މިހާރު އޭނާ އެދަނީ މާކެޓިންގ ދާއިރާގެ ހުނަރާއެކު ކުރިއަށެވެ. އަދި އޭނާ ދަނީ ޓީވީއެމްގެ ބައެއް ޕްރޮގްރާމްތައް އަދިވެސް ހުށަހަޅަމުންނެވެ.

ޒިޔާ ބުނީ، މި ދާއިރާއިން ކުރިއަށް ދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އެގޮތުން މިހާރު އޭނާ އައިސް ހުރި ހިސާބަށް އާދެވުނީ މަންމަ އާއި ބައްޕަ އަދި ދައްތަ މެންނާއި ބޭބެ މެން އަދި އަނބިމީހާ ސުހާ ޖަލީލްގެ ސަބަބުންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބބ

    ބުޅާ ދެކެ ބިރުގަނޭތަ؟؟

    22
    3
  2. އޮން

    ސްޓެލްކޯގައި އުޅެފައި ގެއްލިއްޖެ ކިހެނެއްވީބާ ؟

    21
  3. އާދަނު

    ދިގު ކަމުން އެއްބައި ކިޔުނީ..

    31
  4. Anonymous

    ޒިޔާއަށް މަރުހަބާ ކިޔަމެވެ ދުނިޔޭގެ ކާމިޔާބު މީހުންނަށްބަލާފިއްޔާ ފެނިގެންދާނީ ފަގީރުކަމާގޮންޖެހުންތަކާ ބަލިތަކުޝިކާރަޔަކަށްވެފަކުޑައިރު ނުވަތަ ފުރާވަރު ހޭދަކޮށްފައިވާ ބަޔެކެވެ

    20
    5
  5. ރާއްޖެ ތެރެ

    ސިއްހީ ދާއިރާ ވެސް ނޫސްވެރިކަމުގެ ދާއިރާވެސް ޒިޔާއަށް ކަމަކު ނުދިޔަ؟

    27
    4
  6. އެޑްމުންޑޯ

    އެއްވެސް ދާއިރާއެއްގައި ޒިޔާ އަށް ހިފަހައްޓާ ނުލެވޭކަން ފާހަގަކުރެވިއްޖެ ، ކިހިނެއް މުސްތަގުބަލް އުޖާލާވަނީ ތިގޮތަށް

    21
    6
  7. ސަރޭ

    މެރީ ނުކުރޭދޯ އަދިވެސް.

    5
    13
  8. ހަރިބޯ

    ޕުރެޒެންޓަރުން ބޮޑަށް ވިސްނަނީ، ރީތިހެދުން އެޅުމަށާ، ރީތި ގޮތްގޮތަށް މޭކަޕް ކުރުމަށް.
    ކުށް ނުލާ، ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް މާބޮޑު ސަމާލުކަމެއް ދޭތީއެއް ނުފެނޭ. ތިކަމުން ކުރިއެރުމެއް ނުލިބެނީ އެހެންވެ ކަމަށްވެސް ވެދާނެ.

    29
    3
  9. ޜަނާ

    ދެއަހަ ރު ދުވަހުގެ ތެ ރޭގަ (އުމު ރުން 18އާ20އާ ދޭތެ ރޭގަ) ހާދަ ކަމެއް ކޮއްފިޔޭ ދޮއްތަ

    7
    1
  10. Anonymous

    ބައްޔަށް ޝިފާ ލިބުނީމަ މުޖުތަމައަށް އެންމެ ބޭނުންހުރި ސިއްހީ ދާއިރާ ދޫކޮށްފަ ޕްރެޒެންޓަރަކަށް ތިވީ، އެތަނުގައި ހެދި ފައިދާހުރި ބިނާކުރަނިވި ރިޕޯޓެއް ނޫނީ ކޮން ކަމެއް އޮތީ ފައިދާހުރި ކަމެއް. ހިންދީ ފިލްމާ އައިޑޯލް ޝޯވްތައް ހުށަހަޅައިގެން ކުރާނެ ފައިދާއެއް ނެތް،