ބޮލީވުޑްގެ ކުޅަދާނަ ތަރި ސަލްމާން ޚާންއާއި މަޝްހޫރް އެކްޓްރެސް ކަރީނާ ކަޕޫރާއި އޮންނަ ގުޅުމަށްވުރެ، ކަރީނާގެ ދައްތަ އެކްޓްރެސް ކަރިސްމާ ކަޕޫރާއި ސަލްމާންއާއި އޮންނަ ގުޅުން މާ ގާތް ކަމުގައި ކަރިސްމާ ބުނެފިއެވެ.

މުނިފޫހިފިލުމުގެ ދާއިރާއަށް ހާއްސަ ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ކަރިސްމާ ބުނެފައިވަނީ އޭނާއާއި ސަލްމާން އާއި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ސަލްމާން ދެކެނީ ކަރީނާއަކީ ކުޑަކުއްޖެއްގެ ގޮތުގައި ކަމަށެވެ.

"ސަލްމާން އަހަރެންނާ މާ ގާތް ވާނެ ކަރީނާ އަށްވުރެ. އަހަރެމެންގެ މި ގުޅުމަށް ވަރަށް ދުވަސްވެސް ވެއްޖެ. ސަލްމާންއަށް ކަރީނާއަކީ އަދިވެސް ކުޑަކުއްޖެއް. އޭނާ ދެކެނީވެސް އެއީ ކޮއްކޮއެއްގެ ގޮތަށް." ކަރިސްމާ ބުނެފައިވެއެވެ.

ކަރިސްމާއާއި ސަލްމާން ވަނީ 1990 ގެ އަހަރުތަކުގައި ގިނަ ފިލްމުތަކަކުން ދެތަރިން އެއްކޮށް ފެނިގެން ގޮސްފައެވެ. ނަމަވެސް މިހާރު ގިނަ ފިލްމުތަކުން ސަލްމާން އާއިއެކު ފެނިގެންދަނީ ކަރިސްމާއަށްވުރެ ބޮޑަށް ކަރީނާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

"ސަލްމާންއާއި ކަރީނާ ކުޅުނު ފިލްމެއް "ބޮޑީގާޑް" އަކީ. އެކަމަކު އެ ފިލްމުގައިވެސް އަހަރެން އުޅޭނެ." ކަރިސްމާ އިތުރަށް ބުނެފައިވެއެވެ.

އުމުރުން 43 އަހަރުގެ ކަރިސްމާ ވަނީ މީގެ ކުރިން ސަންޖޭ ކަޕޫރާއި ކައިވެނިކޮށްފައެވެ. ނަމަވެސް 2016 ވަނަ އަހަރު މި ކައިވެނި ނިމުމަކަށް އައިސްފައިވާއިރު، މި ކައިވެންނަށް ދެ ކުދިންވެސް ވަނީ ލިބިފައެވެ.

ސައިފް އަލީ ޚާން އާއި ކައިވެނިކޮށްގެން އުޅޭ ކަރީނާ އާއި ކަރިސްމާއަކީ އެކްޓަރު ރަންދިރް ކަޕޫރާއި ބަބިތާގެ ދެ ދަރިންނެވެ.