މިސްކިތްތަކަކީ ދުނިޔެ މަތީގައިވާ މާތްﷲގެ ގެކޮޅުތަކެވެ. އިންސާނުން ތަރައްޤީވެ ކުރިއަރައިގެން ގޮސް، އިމާރާތް ކުރުމުގެ ވައްޓަފާޅި އަށް ބައްދަލުތައް އަންނަން ފެށުމާއި އެކު މިސްކިތްތަކުގެ ޑިޒައިނަށް ވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތައް އައިސްފައެވެ. ބަލައި ފޫހި ނުވާނެ ފަދަ ރީތި ކަމެއް ލިބިފައިވާ އެތައް މިސްކިތެއް ދުނިޔޭގެ އެކި ގައުމުތަކުގައި އެބަހުއްޓެވެ.

މިގޮތުން މިލިޔުމުގައި މިބަލާލަނީ އެފަދަ ރީތި ބައެއް މިސްކިތްތަކަށެވެ.

ޝައިހް ޒައިދު ގްރާޑް މޮސްކް

ޝައިހް ޒައިދު ގްރާޑް މޮސްކަކީ އެކުވެރި އަރަބި އިމާރާތުގެ ވެރިރަށް އަބޫދާބީގައި ހުންނަ މިސްކިތެކެވެ. އެކުވެރި އަރަބި އިމާރާތުގައި ހުރި އެންމެ ބޮޑު މިސްކިތަކީ މިއީ އެވެ. މިމިސްކިތުގައި 41000 މީހުންނަށް އެއްފަހަރާއި ނަމާދު ކުރެވެއެވެ. 1996 ވަނަ އަހަރު އިމާރާތް ކުރުމުގެ މަސައްކަތް ފެށި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލެވުނީ 2007 ވަނަ އަހަރު އެވެ.

ސީރިއާގެ ރައްޔިތެއް ކަމަށްވާ ޔޫސުފް އަބްދެލްޚީ ޑިޒައިން ކުރި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ކުރީ އިޓަލީވިލާތުގެ އިމްޕްރެގިލޯ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކުންފުނީގެ 3000 އަށް ވުރެ ގިނަ މަސައްކަތްތެރިން މިމިސްކިތް ބިނާ ކުރުމުގައި ބައިވެރިވިއެވެ. އަދި އިތުރު 38 ސަބް ކޮންޓެކްޓަރުން ވެސް އެކި މަރުހަލާތަކުގެ މަސައްކަތުގައި ބައިވެރިވެފައި ވެއެވެ.

މަސްޖިދު އަލް ހަސަން ޘާނީ

މޮރޮކޯގެ ކަސަބްލަންކާގައި ހުންނަ މަސްޖިދު އަލް ހަސަން ޘާނީ ނުވަތަ ހަސަން ރަސްގެފާން ދެވަނަ އަށް ނިސްބަތްވާ މިސްކިތަކީ އެފްރިކާގައި ހުރި ދެވަނަ އަށް އެންމެ ބޮޑު މިސްކިތެވެ. އަދި ދުނިޔޭގައި ހުރި ހަތް ވަނަ އަށް އެންމެ ބޮޑު މިސްކިތެވެ.

1993 ވަނަ އަހަރު މަސައްކަތް ނިންމި މިސްކިތުގައި 689 ފޫޓު އުސް މުންނާރެއް އެބަހުއްޓެވެ.

އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށުގައި ހުރި މިމިސްކިތުގައި 10500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވެއެވެ. މިމިސްކިތް ބިނާ ކުރަން 585 މިލިއަން ޔޫރޯ ޚަރަދު ކޮށްފައި ވެއެވެ.

މަސްޖިދު ނާސިރު އަލް މުލްކު

މަސްޖިދު ނާސިރު އަލް މުލްކު އަކީ އީރާންގައި ހުންނަ މިސްކިތެކެވެ. ފިޔައިތޮށި މިސްކިތް ނުވަތަ މަސްޖިދު އަލް ސުރާތީ ވެސް މިމިސްކިތައް ކިޔައި އުޅެއެވެ. މިމިސްކިތް ބިނާ ކުރުމުގެ މަސައްކަތް ފެށީ 1876 ވަނަ އަހަރު އެވެ. މިސްކިތުގެ މަސައްކަތް ނިންމީ 1888 ވަނަ އަހަރު އެވެ.

މިމިސްކިތަކީ ހުޅަނގުގެ ގައުމުތަކުގެ އާކިޓެކްޗަރުންގެ ޚިޔާލުތަކާއި އެއްގޮތައް ޑިޒައިންކޮށް، ބިނާ ކުރެވުނު މިސްކިތެވެ. އެދުވަސްވަރު އީރާންގެ އިމާރާތް ކުރުމުގެ ދާއިރާގައި ހާއްސަކޮށް އިނގިރޭސިވިލާތުގެ ނުފޫޒު ގަދައެވެ. އެހެންކަމުން މިމިސްކިތުގެ ޑިޒައިނަކީ ވެސް އިނގިރޭސީންގެ ބައިވެރިވުން އޮވެގެން ކުރެވިފައިވާ ޑިޒައިނެކެވެ.

މަސްޖިދު ފައިސަލް

ޕާކިސްތާންގެ އިސްލާމްއާބާދުގައި ހުންނަ މަސްޖިދު ފައިސަލް އަކީ ސައުދީ އަރަބިއްޔާގެ ފައިސަލް ރަސްގެފާންގެ އެހީގައި ހަދާފައިވާ މިސްކިތެކެވެ. މިމިސްކިތް ބިނާ ކުރަން 120 މިލިއަން ޑޮލަރު ޚަރަދު ކޮށްފައި ވެއެވެ. މިސްކިތް ބިނާ ކޮށްފައި ވަނީ 1976 ވަނަ އަހަރު އެވެ.

10000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މިސްކިތުގެ މަސައްކަތް ކޮށްފައި ވަނީ ތުރުކީގެ މަސައްކަތްތެރިންނެވެ.

މަސްޖިދު އުމަރު އަލީ ސައިފުއްދީން

މަސްޖިދު އުމަރު އަލީ ސައިފުއްދީން އަކީ ބުރޫނާއީގައި ހުންނަ މިސްކިތެކެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ހުރި އެންމެ ރީތި އެއް މިސްކިތެވެ. 1958 ވަނަ އަހަރު ބިނާ ކުރި މިމިސްކިތަކީ އިސްލާމީ އާކިޓެކްޗަރުންގެ ހުނަރު ވަރަށް ފުރިހަމައަށް ފެނިގެންދާ މަސައްކަތްތަކެއް ކޮށްފައިވާ މިސްކިތެކެވެ.

ބުރޫނާއީ ކޯރުގެ އައްސޭރިފަށުގައި ހުންނަ މިސްކިތް ބިނާ ކުރަން ގާތްގަނޑަކަށް ހުރިހާ ތަކެއްޗެއް ވެސް ގެނައީ ބޭރުގެ އެކި ގައުމުތަކުންނެވެ.

މިފަދަ އެތައް މިސްކިތްތަކެއް ދުނިޔޭގެ އެކި ގައުމުތަކުގައި އެބަހުއްޓެވެ. ފަހަކަށް އައިސް ޔޫރަޕްގެ ގައުމުތަކުގައި ރީތި މިސްކިތްތައް ބިނާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ މަންޒަރު ފެނެއެވެ. އިތުރު އެހެން ފުރުސަތެއްގައި އެފަދަ މިސްކިތްތަކާއި ބެހޭ ބައެއް މައުލޫމާތު ގެނެސްދޭނަމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމިގިލީ މީހާ

    ކޮބައިތަ؟ ރަސިޔާގެ ކަޒާންގަ ހުރި ކުލްސަރީފް މިސްކިތް. މިއީ ދުނިޔޭގެ އެންމެ ރީތި އެއް މިސްކިތް. ވަގުތު ނޫހަކަށް ނޭގޭ މިކަމެއް ދޯ.

    28
  2. ޑިސްއަޕޮއިންޓް

    ކޮބާ އިސްތަންބޫލް ގަ ހުންނަ މިސްކިއް

    23
    1
  3. މޮޔަސޮރު

    ކޮބާ ދިވެހިރާއްޖޭގައި ހުރި މިސްކިތް

    14
    3
  4. ޔާމިން

    ދިވެހިރާއްޖޭގަ ހުރި ކިންގު ސަލްމާން މިސްކިއް ކޮބާ.

    7
    1
  5. މުހައި

    ދުނިޔޭގަ ހު ރި އެންމެ ރީތި މިސްކިތަކާއި މަސްޖިދުއްލްް ހަ ރަމް ..އެޔައްފަހު މަސްޖިދުުއް ނަބަވީ.. އަޅުގަނޑުގެ ޚިޔާލު.

    14
  6. މުހައި

    ދުނިޔޭގަ ހު ރި އެންމެ ރީތި މިސްކިތަކާއި މަސްޖިދުއްލްް ހަ ރަމް ..އެޔައްފަހު މަސްޖިދުުއް ނަބަވީ.. އަޅުގަނޑުގެ ޚިޔާލު...

  7. މޮގޮމްބޯޯޯ

    އެއްމެ ރީތީ މިސްކިތަކީ ޝެއިހް މޮޝާ މިސްކިތް. މިމިސްކިތް ހުންނަނީ އޮމާން ގައި

  8. ޙުސައިން

    ކޮމެންޓް ލިޔާ މީސް މީހުން ކިހިނެއްވެފަ މި ތިބީ މާމިގިލީ މިހާ ...
    ޚަބަރު އެއްކޮށް ނުކިޔާތަ ކޮމެންޓު ކުރަނީ، އެ މިސްކިތައް ދިޔަކަން ބޮޑާ ކަމާއެކު އަންގާލީ ކަންނޭގެ ދޯ މީސްމީހުން
    އެހެންނާ ، ރީތި އެހެން މިސްކިތް ތައް ހުރިވާހަކަ އަދި އެހެން ޚަބަރެއްގެ އެ މިސްކިތްތައް ގެންނާނެ ވާހަކަ ވެސް އެބަ އޮތް ، ޚަބަރުގެ އެންމެ ފަހު ޕެރެގްރާފް ގަ

    • ނާނާ

      ހެހެހެހެހެހޭ