އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއާޕޯޓު ލަންޑަންގެ ހީތްރޯ އެއާޕޯޓުން 50 ވުރެ ގިނަ ކިނބޫ އަތުލައިގަނެފިއެވެ.

އެއާޕޯޓުގެ އޮފިޝަލުން ބުނާގޮތުގައި އެ ކިނބޫތަކަކީ ގާނޫނާއި ޙިލާފަށް އެ ގައުމަށް އެތެރެކުރަން އުޅުނު ކިނބޫތަކެކެވެ. އެއް ފުޓޫގެ ދިގުމިން ހުރި އެ ކިނބޫތައް ދަތުރުމަތީގައި އެކަތި އަނެއްކައްޗަށް ހަމަލާދިނުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއްވެފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ކިނބޫތައް އޮތީ ކުދި ފޮށިތަކަކަށް ލައި ބަންދުކުރެވިފައިކަމަށް މައުލޫމާތު ލިބޭއިރު ކޮންމެ ފޮށްޓަކަށް އެންމެ ގިނަވެގެންވެސް ލެވޭނީ ހަތަރު ކިނބުލެވެ. އެހެންނަމަވެސް ކޮންމެ ފޮށްޓެއްގައި ދިހަ ކިނބޫ އޮތްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ކިނބޫތަކުގެ ތެރެއިން އެކަތި މިހާރު މަރުވެފައިވާއިރު އެ ކިނބޫތަކަކީ އޭގެ މަސް ކެއުމުގައި ބޭނުންކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ކެމްބްރިޖްޝަޔާގައި ހުންނަ ފާމްއަކަށް ދިރުވައި އާލާކުރުމަށް ގެންދެވުނު ކިނބޫތަކެކެވެ.

މިހާރު އެ ކިނބޫތައް ތިބީ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާރޑް ސްޕީސީސް ނުވަތަ ސައިޓްސްގެ އޮފިޝަލުންގެ ބެލުމުގެ ދަށުގައެވެ. އެ ކިނބޫތައް އެދެވޭ އެހެން ތަނަކަށް ގެންދިޔުމަށް މަސައްކަތްކުރެވެމުންދާކަމަށް މައުލޫމާތު ލިބިފައިވާއިރު އެ ކިނބޫތައް އިނގިރޭސިވިލާތަށް ގެނެސްފައިވަނީ މެލޭޝިޔާއިންނެވެ.

ސައިޓްސްގެ އޮފިޝަލުން ބުނާގޮތުގައި ކިނބޫފަދަ ޖަނަވާރު އެގޮތަށް ތަންތަނަށް ގެންދިޔުމަކީ ގަބޫލުކުރެވޭ ކަމެއް ނޫނެވެ. އަދި އެފަދަ ހާލަތްތަކުގައި އެ ޖަނަވާރުތައް އަތުލާނޭކަމަށް ބުނެ އެފަދަ ކަންކަން އިތުރަށް ކުރާ ފަރާތްތަކަށް ސައިޓްސްގެ އޮފިޝަލުން ވަނީ އިންޒާރު ދީފައެވެ. އޮފިޝަލުން ވަނީ އެ ކިނބޫތަކަށް އެއްވެސް ކަހަލަ އަޅާލުމެއް ދީފައިނުވާކަން އެ ކިނބޫތައް ހޯދުނު ހާލަތުން އެނގިގެންދާކަމަށްވެސް ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު