އިންޑިއާގެ ވެރިރަށް ދިއްލީއިން މޮސްކޯއަށް ދަތުރުކުރަމުންދިޔަ އެއާއިންޑިއާގެ މަތިންދާބޯޓެއްގެ ފައިލެޓަކު ކޮވިޑް-19 އަށް ފައްސިވިކަން އެނގުމުން ދަތުރުގެ މެދުތެރެއިން އަނބުރާލައިފިއެވެ.

މީޑީއާ ރިޕޯޓްތަކުން ބުނާގޮތުގައި މި ބޯޓު އަނބުރާލަން ޖެހުނީ ޕައިލެޓުންގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ގްރައުންޑް ސްޓާފުންނަށް ކަށަވަރުވުމުންނެވެ. އޭނާ ބައްޔަށް ފައްސިވެފައިވާކަން އެނގިފައިވަނީ ދަތުރުގެ ވަކި ހިސާބަކަށް ދެވުނު ފަހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު ފުރުމުގެ ކުރިން ޕައިލެޓުން ހަދާފައިވާ ޓެސްޓްތަކުގެ ނަތީޖާ ގްރައުންޑް ސްޓާފުންނަށް ވަނީ އޮޅިފައެވެ. އެގޮތުން ގްރައުންޑް ސްޓާފުން ވަނީ އޭނާ ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ކަމަށް ބުނެފައެވެ.

އެއާ އިންޑިއާގެ އޮފިޝަލަކު މީޑީއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ބޯޓަކީ މޮސްކޯގައި ތިބި އިންޑިއާ ރައްޔިތުން ބަލާ ދިއުމަށް ފުރާފައިވާ ބޯޓެއް ކަމުން އޭގައި އެއްވެސް ޕަސެންޖަރަކު ނެތް ކަމަށެވެ. އަދި އެ ބޯޓު ދަތުރު ކުރަމުން ދިޔައީ އުޒުބަކިސްތާނު ވައިގެ ސަރަހައްދުން ކަމަށެވެ.

ބޯޓު އަނބުރާ ނިއުދިއްލީ އަށް ޖެއްސުމާއެކު ކަނޑައެޅުފައި އޮންނަ އުސޫލުގެ ތެރެއިން ޕައިލެޓުންނާއި ކްރޫއިން ޓެސްޓްކޮށް އެންމެން ކަރަންޓީން ކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ ބޯޓުވެސް ޑިސްއިންފެކްޓް ކުރުމަށް ގްރައުންޑް ކޮށްފައިވާ ކަމަށް އެއާއިންޑިއާގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

ބޯޓު އަނބުރާ އިންޑިއާއަށް ޖައްސާފައިވާއިރު، އެގައުމުން ވަނީ އިތުރު ފްލައިޓެއް މޮސްކޯގައި ތިބި އެގައުމުގެ ރައްޔިތުން އަނބުރާ ގެނައުމަށް ފޮނުވާފައެވެ.

ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު