އިންޑިއާގެ ގާޒީއާބަދަށް އުފަން ލައްލަން ނަމަކަށް ކިޔާ މި މީހާ އޭނާގެ އާއިލާއާއެކު އެނބުރި ގޮރަހްޕޫރްގައި ހުންނަ ގެއަށް ދިއުމަށް ރެއިލްވޭ ސްޓޭޝަންގައި ހުންނަތާ ތިން ދުވަސްވީއިރު ވެސް ގެއަށް ދެވޭނެ ގޮތެއް ނުވިއެވެ. ކޮވިޑް-19 އާ ހެދި އިންޑިއާ ފުރަބަންދުކޮށް، އެ ގައުމުގައި ދަތުރުފަތުރު ހުއްޓިފައި އޮތް މި ދަނޑިވަޅުގައި، އޭނާ ގެއަށް ދެވޭނެ އިތުރު ގޮތެއް ނެތިފައި ހުއްޓާ އައި ހިޔާލަކީ ކާރެއް ގަނެގެން ގެއަށް ދިއުމަށެވެ. އެކަން އޭނާ އެގޮތަށް ކުރަން ބޭނުންވީވެސް އާއިލާގެ ރައްކާތެރިކަަމަށްޓަކައެވެ.

އެގޮތުން އެ ރޭލް ސްޓޭޝަންގައި އޭނާ މަޑުކުރިތާ ހަތަރު ވަނައަށް ވީ ދުވަހު އޭނާ ވަނީ ބޭންކަށް ގޮސް، އެއްކޮށްފައި ހުރި 1.9 ލައްކަ ރުޕީސް ހިފައިގެން، ސެކެންޑް ހޭންޑްގެ ކާރު ވިއްކާ ތަނަކަށް ގޮސް ކާރެއް ގަނެފިއެވެ.

ލައްލަން އެ ކާރު ގަނެފައި ވަނީ 1.5 ލައްކަ ރުޕީސް (2000 އެއްހާ ޑޮލަރު) އަށެވެ. އަދި އާއިލާއެކު، އެނބުރ ގެއަށް ވަނީ ގޮސްފައެވެ.

"ފުރަބަންދަށް ފަހުވެސް އަހަރެން އުއްމީދުކޮށްގެން ހުރީ ހުރިހާ ކަމެއްވެސް ހަަމައަކަށް އެޅޭނެ ކަމަށް. ނަމަވެސް ފުރަބަންދުގެ މުއްދަތު އިތުރު ކުރަމުން ދިއުމުން، އަހަރެންނަށް ދެން އެންމެ ރައްކާތެރިކަމަށް ފެނުނީ އާއިލާ ގޮވައިގެން އެނބުރި ވިލޭޖަށް ދިއުން ކަން، އަހަރުމެންނަށް ފުރުސަތެއް ނުލިބުނު ބަހަކުންވެސް ރޭލަކުންވެސް ދަތުރު ކުރާކަަށް،" ލައްލަން ބުނެފައި ވެއެވެ.

އޭނާ ބުނީ، ބަސްތައް ހުރި ވަރަށް ފުރިފައި ކަމުން، ގައިދުރު ކަމެއް ނެތި މިގޮތަށް ދަތުރު ކުރުމުން އާއިލާ އަށް ބަލި ޖެހިދާނެ ކަމުގެ ބިރުވެސް އޮތެވެ.

އެހެންވެ ޝްރަމިކް ރޭލުން އޭނާއަށް ޖާގަ ނުލިބުމުން ގެއަށް ދިއުމަށް ކާރެއް ގަންނަން ބޭނުންވީ ކަަމަށް ލައްލަން ބުނެފައި ވެއެވެ.

ލައްލަން ބުނީ، އަތުގައި ހުރި ހުރިހާ ފައިސާއެއް ދައްކައިގެން ވިޔަސް ބޭނުންވީ އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދޭން ކަމަށެވެ.

އާއިލާ އާ އެކީގައި ލައްލަން ގާޒީއާބާދުން ދަތުރު ފެށީ މެއި 29 ވަނަ ދުވަހުއެވެ. އެ މީހުންނަށް ގޮރަޙްޕޫރްއަށް ދެވުނީ 14 ގަޑިއިރުގެ ދަތުރަކަށް ފަހުއެވެ.

އޭނާ އެނބުރި ގެއަށް އައިސް އެ ހުރީ 14 ދުވަހުގެ ކަރަންޓީންގައެވެ. އުއްމީދު ކުރަނީ އެތަނުން އޭނާއަށް ވަޒީފާ ލިބި އެނބުރި ގާޒީއާބަދަށް ދާން ނުޖެހުމެވެ.

ކިޔުންތެރިންގެ ހިޔާލު