އަވައްޓެރި އިންޑިއާގެ މަހާރަޝްތްރާ ސްޓޭޓުގައި އޮންނަ ޒަމާންވީ މަޝްހޫރު ފެންގަނޑެއްގެ ކުލަ ފާއިތުވެދިޔަ ދުވަސްތަކުގައި ބަދަލުވެފައިވުމުން ގިނަ ބައެއްގެ ސަމާލުކަމަށް އެކަން އައިސްފިއެވެ.
ރިޕޯޓްތައް ބުނާގޮތުން މިދިޔަ ދުވަސްތަކުގައި ފެންގަނޑުގެ ކުލަ މަޑުމަޑުން ބަދަލުވަމުން އައިސް މިހާރު އެ ފެންގަނޑު އޮތީ ފިޔާތޮށި ކުލައިގައެވެ. "ލޯނާ ލޭކް" ގެ ނަމުން ނަންދީފައިވާ މި ފެންގަނޑަކީ 50,000 އަހަރުވެފައިވާ ފެންގަނޑެކެވެ.
ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު މަންޒިލެއްގައި އޮންނަ މި ފެންގަނޑުގެ ކުލަ ބަދަލުވާން މެދުވެރިވި ސަބަބެއް އަދި އިދާރާތަކާއި ތަޖުރިބާކާރުން ގުޅިގެން ކުރި މަސައްކަތްތަކުންވެސް ވަނީ ނުހޯދިއެވެ. ނަމަވެސް ފެންގަނޑުގައި ލޮނުގެ މިންވަރު އިތުރުވުމުން މިފަދަ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވިފައި ވެއެވެ.
މިކަމާއި ގުޅިގެން އިންޑިއާގެ ތާރީޚު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުން، މީގެ ކުރިންވެސް މި ފެންގަނޑުގެ ކުލައަށް ބަދަލު އައިސްފައިވާކަން ތާރީޚުން އެނގޭ ކަމަށެވެ. ނަމަވެސް މިއީ މިހައި ބޮޑަށް ފާހަނގަވާގޮތަށް ފެންގަނޑުގެ ކުލަ ބަދަލުވި ފުރަތަމަ ފަހަރު ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.
ރިޕޯޓްތައް ބުނާގޮތުން އަދިވެސް މި ފެންގަނޑަށް އަންނަނީ ބަދަލު އަންނަމުންނެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މި ފެންގަނޑުގެ ކުލަ އިތުރަށް ގަދަވެ، ރަތްކުލައަށް ބަދަލުވެދާނެ ކަމަށްވެސް ބައެއް ތަޖުރިބާކާރުން ލަފާކޮށްފައި ވެއެވެ.
އެހެން އަހަރުތަކާއި އަޅާބަލާއިރު މިއަހަރު "ލޯނާ ލޭކް" ގައި ލޮނުހުރި މިންވަރު އިތުރުވެފައިވާކަން ހާމަވެފައި ވެއެވެ. އަދި ފަހަކަށް އައިސް އެ ފެންގަނޑުގައި ހުރި ފެނުގެ މިންވަރު މަދުވަމުން އަންނަކަން ވެސް ހޯދުންތަކުން ހާމަވެފައި ވެއެވެ. މި ފެންގަނޑަށް އަންނަމުންދާ ބަދަލުތައް އިތުރަށް ދިރާސާ ކުރުމަށް މިހާރު ތަޖުރިބާކާރުންގެ އެކި ޓީމްތަކުން ވަނީ ފެނުގެ ސާމްޕަލް ނަގާފައެވެ.
މުމްބާއީގެ އިރުމަތިން 500 ކިލޯމީޓަރު ދުރުގައި އޮންނަ މި ފެންގަނޑަކީ ދުނިޔެއަށް މީގެ ފަންސާސްހާސް އަހަރު ކުރިން ވެއްޓުނު ގިނިހިލައެއްގެ ސަބަބުން އުފެދިފައިވާ ފެންގަނޑެއް ކަމަށް ވެއެވެ. އެއް ކިލޯމީޓަރަށްވުރެ ފުޅާ މި ފެންގަނޑުގެ ފުންމިނުގައި 449 ފޫޓު ހުރެއެވެ.
މިހާރު ތި ފެންގަނޑަށް އަޅުކަންކުރާނެ! އެހައި ގަމާރުވާނެ!
އަސްތާ ތިޔަވީ ދެން އެފެންގަޑަށް އަޅުކަން ކުރަން...