އެކްތާ ކަޕޫރްގެ ކާމިޔާބު ސީރީޒް ކަސޯޓީ ޒިންދަގީކޭގެ ސީކުއެލް އެއް ގޮތަށް ގެންދާ ކަަސޯޓީ ޒިންދަގީކޭ 2 ގެ ރޯލުތަކުގެ ނަންތަކާއި އަވަށާއި، ދިރިއުޅުމުގެ ވައްޓަފާޅި ވެސް އެއްގޮތެވެ. ނަމަވެސް މި ފަހަރު ސީރީޒް އަށް އާންމުންގެ ސަމާލުކަން ހޯދަން އެތައް ބައިވަރު ޓްވިސްޓްތަކެއް ގެނެސްގެން ވެސް އެކްތާއަށް ވަނީ ޝޯގެ ޓީއާރްޕީ ހިފެހެއްޓުމަށް ނުކުޅެދިފައެވެ.

ސްޓާ ޕްލަސްގެ އެންމެ މަޝްޙޫރު އެއް ޑްރާމާ ސިލްސިލާ، "ކަސޯޓީ ޒިންދަގީ ކޭ" ގެ މަޝްހޫރު ބަތަލު، ކަރަން ސިންގް އެ ސިލްސިލާ ދޫކޮށްލުމަށް ފަހު އެނބުރި އައީ މީގެ ހަތަރު ވަރަކަށް މަސް ކުރިންނެވެ. ނަމަވެސް މިހާރު އަނެއްކާވެސް އޭނާ އާއި ކަސޯޓީގެ ޕްރޮޑަކްޝަން ޓީމާ މެދު ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރެން ފަށާފައެވެ.

އެހެންކަމުން ބަޖާޖްގެ ރޯލުން މިހާރު ފެންނަ ކަރަން ސިންގް ގްރޯވާގެ ބަދަލުގައި އެހެން މީހަކު އެ ރޯލުން ފެނިދާނެ ކަަމަށް ކުރިން އޮތީ ހީވެފައެވެ.

އަޑުތައް ފެތުރިފައިވާ ގޮތުން ކަރަންގެ ބަދަލުގައި އެ މަގާމަށް ގެންނަން ޝޯގެ ޕްރޮޑިއުސަރު އެކްތާ ހުށަހެޅި ނަމަކީ ގޯރަވް ޗޯޕްރާގެ ނަމެވެ.

ގޯރަވްއަކީ ކުރިން ކުޑަ ސްކްރީންގައި ކާމިޔާބު އެތައް ސީރީސްއަކުން ފެނިފައިވާ ފަންނާނަކަށް ވާއިރު އޭނާ ވަނީ މީގެ ކުރިން ވެސް އެކްތާ އާއި އެކު މަސައްކަތްކޮށްފައެވެ.

ބަޖާޖް އަކީ މެދު އުމުރުގެ ނުބައި، މުއްސަނދި ވިޔަފާރިވެރިއެއްގެ ރޯލު ދައްކުވައިދޭ ކެރެކްޓައެވެ. އެ ރޯލަކީ ކަރަންގެ އެކްޓިން ހުނަރު އެންމެ ބޮޑަށް ދައްކާލެވޭ ކަހަލަ ރޯލަކަށް ނުވެ ފޭނުން ތިބީ މާޔޫސްވެފައެވެ. ބަޖާޖުގެ ރޯލުން ފުރަތަމަ ކަސޯޓީ ވާހަކައިގައި އެކްޓު ކޮށްދިނީ ރޯނިތު ބޯސްއެވެ. އޭނާ ވަނީ ގިނަ އަހަރުތަކެއް ވަންދެން މެދުނުކެނޑި ދައްކަމުން ދިޔަ އެ ސިލްސިލާ އެއްކޮށް ފުރިހަމަ ކޮށްފައެވެ. ރޯނިތްގެ އެކްޓިން އާއި ގާތަށް ވެސް ކަރަން އަށް އެކްޓް ނުކުރެވުމަކީ ކަރަން އަށް ކަސޯޓީގައި ރަނގަޅު ކާމިޔާބެއް ނުލިބުނު އެއް ސަބަބެވެ.