ކޮވިޑް-19 ޖެހުނު ރާމާމަކުނުތަކެއް ބަލިން ރަނގަޅުވިތާ 28 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ޗައިނާގެ ސައިންސްވެރިން ބުނެފިއެވެ.

ކޮވިޑް-19 ޖެހޭ މީހުން ބަލިން ރަނގަޅު ވުމުން ދެވަނަ ފަރަހަށް ބަލި ނުޖެހި ހުންނާނީ ކިހައި މުއްދަތެއްގައި ކަމެއް އަދި ނޭންގެއެވެ. ބައެއް ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުން ބަލިން ރަނގަޅުވާތާ ހައެއްކަ މަސް ތެރޭގައި އަނެއްކާވެސް ބަލި ޖެހިދާނެއެވެ. ނުވަތަ އެއަށްވުރެ ގިނަ ދުވަހު ވެސް ބަލި ނުޖެހި ހުރެދާނެއެވެ.

ކޮވިޑް-19 ޖެހޭ މީހުން ބަލިން ރަނގަޅު ވެފައި ތިބޭނީ ކިހައި ދުވަހަކުތޯ ކުރެވޭ ސުވާލަށް ޖަވާބެއް ހޯދަން ސައިންސްވެރިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ޕެކިން ޔޫނިއަން މެޑިކަލް ކޮލެޖުން ބުނީ އެތަނުގެ ސައިންސްވެރިން ކުރި ދިރާސާއެއްގައި ބޭނުން ކުރި ހަ ރާމާކުނަކަށް ކޮވިޑް-19 ވައިރަސްގެ ޑޯސްތަކެއް ދިން ކަމަށެވެ. ވައިރަސް ރާމާމަކުނުގެ ހަށިގަނޑަށް ފޮނުވާލުމުން ކޮވިޑް-19 ގެ އަލާމާތްތައް ފެނި، ބަލިން ރަނގަޅުވާން ދެހަފްތާ ދުވަސް ނެގިއެވެ.

އޭގެ 28 ދުވަސް ފަހުން އަނެއްކާވެސް ވައިރަސްގެ ޑޯސްތަކެއް ރާމާމަކުނުތަކަށް ދިނެވެ. މިފަހަރު ހުން އައުން ފިޔަވައި އިތުރު އަލާމާތެއް ނުފެނެއެވެ. ނަމަވެސް އަނެއްކާވެސް ހަށިގަނޑުގައި ކޮވިޑް-19 ވައިރަސްގެ އަސަރު ހުރިކަން ފާހަގަ ކުރެވުނެވެ.

ސައިންސްވެރިންގެ ޓީމުން ބުނި ގޮތުގައި ދެވަނަ ފަހަރަށް ބަލި ޖެއްސުމުން ރާމާމަކުނުތަކުގެ ދިފާޢީ ނިޒާމު ވަރުގަދަ ވެފައި ހުރިކަން އެނގުނެވެ. ނަމަވެސް އެއީ ވައިރަސް އިން އެއްކޮށް ރައްކާތެރި ވެވޭވަރަށް ދިފާއީ ނިޒާމު ވަރުގަދަ ވުން ނޫން ކަމަށް ވެސް ދިރާސާގައި ބުނެފައި ވެއެވެ.

ސައިންސްވެރިންގެ ޓީމުން ބުނީ ކޮވިޑް-19 ޖެހޭ މީހުންގެ ދިފާއީ ނިޒާމު ވައިރަސް އާއި ދެކޮޅަށް މަސައްކަތް ކުރާނީ ކިހައި ދުވަހަކަށް ކަން ކަށަވަރު ކުރަން އަދި ވަރަށް ގިނަ އިތުރު ދިރާސާތައް ބޭނުންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު