އިންޑިއާގެ ވެސްޓް ބެންގަލްގައި ކޮވިޑް-19 ޖެހިފައިވާ މީހަކު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ މަރުވެއްޖެއެވެ.

ޕަރްބަތީ ސައު ނަމަކަށް ކިޔާ މި އަންހެން މީހާ ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ ހާލަތު ގޯސްވެ، އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދަނިކޮށް ދަނިކޮށް ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

އެ މީހާއަކީ ވެސްޓް ބެންގަލްގެ ހައުރާގެ ތޮއްޖެހިފައިވާ ހިސާބެއްގައި ދިރިއުޅުން އައި މީހެކެވެ. އޭނާ މަރުވެފައިވަނީ ކޮވިޑް-19 އަށް ޝައްކުވެގެން ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ގެއަށް ދޫކޮށްލިތާ ތިން ވަނަ ދުވަހުއެވެ.

"މަރުވުމުގެ 3 ދުވަސް ކުރިން ހޮސްޕިޓަލަށް ދިއުމުން އޭނާގެ ސުންކު ވަނީ ނަގާފައި. އޭގެ ފަހުން ބޭސް ސިޓީ ލިޔެދީފައި ގެއަށް ފޮނުވާލީ" އާއިލާގެ މީހަކާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ބޭސް ބޭނުން ކޮށްގެންވެސް ހާލަތައް ބަދަލެއް ނައިސް ދުވަހުން ދުވަހަށް ހާލު ދެރަވާން ފެށިއެވެ. އެންމެ ފަހުން އާއިލާއިން ނިންމީ އޭނާ ހޮސްޕިޓަލަށް ގެންދިއުމަށެވެ. އޭނާ މަރުވެފައި ވަނީ ބެލުރު ސްޓޭޓްގެ ޖެނެރަލް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.

އޭނާގެ މަރުވުމުން، އޭނާގެ ހަށިގަނޑު އޭނާ ދިރިއުޅުމުން އައި އެޕާޓްމެންޓަށް ގެނައުމުން، އެހިސާބުގައި ތިބި މީހުން އޭނާގެ ހަށިގަނޑު އެތެރެއަށް ވެއްދުވަށް ދެކޮޅުހެދިއެވެ. އެހެން ކަމުން އޭނާގެ ހަށިގަނޑު ބާއްވަން ޖެހުނީ ބޭރުގައެވެ.

"އެހިސާބު މީހުން އެ ސަރަހައްދަށް މަންމަގެ ހަށިގަނޑު ނުވެއްދުމަށް އެދުމުން ދެން ގުޅީ ސަރުކާރުގެ މީހުންނަށް. އެމީހުންގެ ހަބަރެއް ނުވެގެން ކުރީގެ ކައުންސިލަރަކަށް ގުޅުމުން އޭނާ އައިސް ކަމާއި ބެހޭ ފަރާތްތަކަށް ގުޅައި މަންމަގެ ހަށިގަނޑާއި ހަވާލުވީ" ސައުގެ ދަރިފުޅު ގަނަޝްޔަމް ބުންޏެވެ.

ގަނަޝްޔަމް ބުނީ، އެހިސާބުގެ މީހުން މަންމަގެ ހަށިގަނޑު އެތެރެއަށް ވެއްދުމާއި ދެކޮޅު ހަދާފައިވަނީ ކޮވިޑް-19 ފެތުރިދާނެ ބިރު އޮތުމުން ކަމަށެވެ. އެހެންވެ ކަމާއި ބެހޭ ފަރާތްތަކުން އަންނަންދެން އޭނާ ބޭރުގައި ހަތް ގަޑިއިރު ހޭދަ ކުރި ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު