ދައްކަން މިއުޅެނީކީ މީމު އަތޮޅުގެ އޮޑިޝަންގެ ވާހަކައެއް ނޫނެވެ. މީސްމީޑިޔާގައި ދައުރުވަމުން އަންނަ 'މީމް' ތަކާއި 'ގިފް' ތަކާއި ވީޑިއޯ ކްލިޕްސްތަކުގެ ވާހަކައެވެ.

ޕީއެސްއެމްއިން ބާއްވަމުން އަންނަ ފްރެންޗައިސް ޝޯއެއް ކަމަށްވާ މޯލްޑިވިއަން އައިޑަލްގެ ހަތަރު ވަނަ ސީޒަންގެ އޮޑިޝަން ބުރާސްފަތި ދުވަހުގެ ރޭ ދައްކަން ފަށާފައިވާއިރު މީސްމީޑިޔާގައި މޯލްޑިވިއަން އައިޑަލްގެ އަޑު ދަނީ ބާރުވަމުންނެވެ. ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ޤައުމު

އޮތްނަމަވެސް މޯލްޑިވިއަން އައިޑަލްގެ ސަޕޯޓަކަށް ބަދަލެއް ނާދެއެވެ. މިކަމުގެ ހެއްކަކަށް ސިޔާސީ މީހުންގެ ޕޯސްޓްތަށް ނޫން އިތުރު ޕޯސްޓެއް ކުރިން ނުފެންނަ ޓުވިޓަރ އަށް ނަޒަރު ހިންގާލިޔަސް އެގޭނެއެވެ.

 

މޯލްޑިވިއަން އައިޑަލްގެ އަޑު އެންމެ ގަދައީ ޓުވިޓަރގައެވެ. އަހަރަކަށްފަހު ހޭޝްޓެގް މޯލްޑިވިއަންއައިޑަލް ޓުރެންޑިންއަށް އަރާފައިވާއިރު، ގިނަބަޔަކު މޯލްޑިވިއަން އައިޑަލް ދެއްކިވަގުތު ދިޔައީ ޓުވީތްތައް ކުރަމުންނެވެ. އަދި އަހަރަކަށްފަހު މޯލްޑިވިއަން އައިޑަލް ޓުވިޓަރ ހޭންޑަލްވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ފޭސްބުކްގައިވެސް މޯލްޑިވިއަން އައިޑަލްގެ އަޑުތައްވަނީ ގަދަވެފައެވެ. އޮޑިޝަންތަކުގައި ކަންހިނގި ގޮތުގެ ކުދި ކުދި ވީޑިއޯ ކުލިޕްތައް ލުމާއި، މީމްތައް ހެދުމުގައި ޕޭޖްތަކުގެ ވެރިން ރޭގައި ތިބީ ނުނިދައެވެ.

 

މޯލްޑިވިއަން އައިޑަލްގެ ރަސްމީ ޕޭޖުންވެސް މިފަދަ އެތައް ޕޯސްޓެއް ޝެއަރކޮށްފައިވާއިރު، ގިނަ ބަޔަކަށް މިކަން ވެގެން ދިޔައީ މަޖާކަމަކަށެވެ. މިފަދަ ޕޯސްޓްތަކަށް ލިބިފައިވާ ޝެއަރސްއިން މިކަން ރަނގަޅަށް އެގެއެވެ.