މަދުން ނޫނީ ނުފެންނަ ވައްތަރުގެ ދެ ޖަވާހިރެއް ހޮވައިގެން މިލިއަނަރަކަށްވި ތަންޒާނިއާއަށް ނިސްބަތްވާ ސަނިއުނިއު ލެއިޒާ އިތުރު ޖަވާހިރެއް ވިއްކާލައިފިއެވެ. އޭނާ އެންމެ ފަހުން ވިއްކާލި ޖަވާހިރުގެ އަގު ދެ މިލިއަން ޑޮލަރަށް އަރާނެއެވެ. ދިވެހި ފައިސާގެ ގޮތުން ބަލާނަމަ އެއީ 30 މިލިއަން އަށް ލައްކަ ރުފިޔާއެވެ.
އޭނާއަށް މީގެ ކުރިން ފެނިފައި ވަނީ ޓެންޒޭނިއާ އިން ފެންނަ ޖަވާހިރެކެެވެ. އެއީ މިހާތަނަށް ފެނުނު "ޓެންޒަނައިޓް" ނަމަކަށް ކިޔާ ޖަވާހިރުގެ އެންމެ ބޮޑު ދެ ޖަވާހިރު ކަމަށް ވެއެވެ. އަދި މިއީ ދުނިޔެއިންވެސް ވަރަށް މަދުން ނޫނީ ނުފެންނަ، ގަހަނާގެ ގޮތުގައި ބޭނުން ކުރާ ވައްތަރުގެ ޖަވާހިރުތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލެއިޒާ އަށް ފުރަތަމަ ދެ ޖަވާހިރު ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ އޭނާއަށް 3.35 މިލިއަން ޑޮލަރުގެ ޗެކެއް ހަވާލުކޮށްފައެވެ. މިހާރު އޭނާ ތިން ވަނަ ޖަވާހިރު ވިއްކާލިރު، އޭގެ ބަރުދަނުގައި ހަ ކިލޯ ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެފްރިކާގެ ނޫސްތައް ބުނާގޮތުގައި، އޭނާ އަށް ލިބުނު ފައިސާއިން އޭނާ ބޭނުންވަނީ އާއްމުންނަށް އެހީތެރިވުމަށެވެ. އެގޮތުން އެ ފައިސާއިން އޭނާވަނީ ކުދިންނަށް ހާއްސަކޮށް ދެ ސްކޫލް އަޅާފައެވެ.
އަދި އޭނާއަށް ފެނުނު ތިން ވަނަ ޖަވާހިރާއެކު ދިިރިއުޅުމަށް ބަދަލުތަކެއް ގެންނަން ނުވިސްނާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ލެއިޒާ ފުރަތަމަ ހޮވި ޖަވާހިރުތަކުގެ ތެރެއިން އެކަތީގައި ހުރީ 9.72 ކިލޯއެވެ. ދެވަނަ ޖަވާހިރުގައި ހުރީ 5.103 ކިލޯއެވެ.
މިދިޔަ ޖޫން މަހު އޭނާ ހޯދި މި ޖަވާހިރުތަކާއި ގުޅިގެން އެ ގައުމުގެ ރައީސް ޖޯން މަގުފުލީވެސް ވަނީ އޭނާއަށް ގުޅާފައެވެ.
ﷲ އެކަލާނގެ އިރާދަކުރައްވާއަޅަކަށް ހިސާބެއްނެތި ދެއްވާ. އަދި އިރާދަކުރައްވާ އަޅަކަށް ދަތިކުރައްވާ. މިއިން ކޮންމެ ހާލަތެއްގައިވެސް އަޅުންނަށް އޮތީ ޝުކުރުވެރިވުން.