ދެކުނު ކޮރެއާގެ ''ޝައި ބޯއީ'' ޖީ ޗެން ވުކް އާއި ކިމް ޖީ ވޮން ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާނެ ކަމަށް އެ ދެ ފަންނާނުންގެ އެޖެންސީއިން ކަށަވަރު ކޮށްދީފިއެވެ. ''ސިޓީ ކަޕްލްސް ވޭ އޮފް ލަވް'' ޑްރާމާގެ ލީޑް ރޯލު ކުޅުމަށް ވުކްއާއި ވޮން ކަށަވަރު ކޮށްދީފައިވަނީ މިއަދެވެ.

މިއަހަރު ނިމުމުގެ ކުރިން ޕްރިމިއާ ކުރަން ހަމަޖެހިފައިވާ މި ޑްރާމާގެ އެޕިސޯޑުގެ އަދަދު ކަނޑައެޅިފައި ނެތް ނަމަވެސް އެހެން ޑްރާމާތަކާއި ޚިލާފަށް މި ޑްރާމާގައި އެޕިސޯޑުތައް ގިނަވާނެއެވެ. ފުރަތަމަ އެޕިސޯޑަކީ ''މައި ލަވަބަލް ކެމެރާ ތީފް''އެވެ. މި ޑްރާމާގައި ދައްކުވައިދޭނީ ހަލަބޮލި ސަހަރެއްގައި ދެ ލޯބިވެރިޔަކު ލޯބިން އުޅުމަށް ކުރާ މަސައްކަތެވެ.

އެޕިސޯޑެއްގައި ތިރީސް މިނިޓް ހިމެނޭ މި ޑްރާމާގެ ޑައިރެކްޓަރަކީ އިޓްސް އޯކޭ ނޮޓް ޓު ބީ އޯކޭ ފަދަ ކާމިޔާބު ޑްރާމާތައް ޑައިރެކްޓްކޮށްފައިވާ ޕާކް ޝިން ވޫއެވެ.

މި ޑްރާމާގައި ޖީ ޗެން ވުކް ފެނިގެންދާނީ އާކިޓެކްޓެއްގެ ގޮތުގައެވެ. އަދި ކިމް ޖީ ވޮން ފެނިގެންދާނީ ފްރީލެންސް މާކެޓާއެއްގެ ގޮތުގައެވެ. މި ދެ ތަރިން ވެސް ތިބީ މި ޑްރާމާއަށް ވަރަށް އެކްސައިޓްވެފައެވެ. ޖީ ޗެން ވުކް ބުނެފައިވަނީ މި ޑްރާމާ ލިޔުންތެރިޔާ ޖަން ހުއަން ޖަންއާއި ޑައިރެކްޓަރ ޕާކް ޝިން ވޫއާއިއެކު މަސައްކަތް ކޮށްލަން އަބަދުވެސް ބޭނުންވާ ކަމަށެވެ. އެ ފުރުސަތު ލިބުމުން އޭނާ ހުރީ އެކަމާ ވަރަށް އުފަލުން ކަމަށާއި އަދި ޑްރާމާއަށް ތައްޔާރުވެފައިވާކަަމަށް ވެސް ބުނެފައިވެއެވެ.

ޖީ ޗެން ވުކް ކުޅެފައިވާ ޑްރާމާތަކުގެ ތެރޭގައި ހީލަ، ކޭ 2، ސަސްޕީޝިއަށް ޕާޓްނަ ފަދަ އެތައް ޑްރާމާއެއް ހިމެނެއެވެ. ކިމް ޖީ ވޮން ކުޅެފައިވާ ޑްރާމާތަކުގެ ތެރޭގައި ފައިޓް ފޮ މައި ވޭ، ޑިސެންޑެންޓްސް އޮފް ދަ ސަން ފަދަ ޑްރާމާތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޭން

    އޯއެމް ޖީ!
    އައިކާންޓް ވެއިޓް.😊

    3
    1