ރިބެކާ މެތިވް ނަމަކަށް ކިޔާ އަށް އަހަރުގެ މި އަންހެން ކުއްޖާއަކީ ބޮލީވުޑުގެ މަޝްހޫރު ތަރިން ކަމަށްވާ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރަށް ވަރަށް ބޮަޑަށް ތާއީދު ކުރާ ކުއްޖެކެވެ.

ރިބެކާ އޭނާގެ ޕިގީ ބޭންކު ހަލާކުކޮށްލީ ހިންދީ ކުރު ފިލުމެއް ތައްޔާރު ކުރުމަށެވެ. ކަލްޔާންގެ ހޯލީ ކްރޮސް ކޮންވެންޓް ސުކޫލުގެ ތިންވަނަ ގްރޭޑުގައި ކިޔަވަމުންދާ ރިބެކާގެ މި ކުރު ފިލުމު ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެެ.

''މިސިންގް ޔޫ އައްމާ''ގެ ނަމުގައި ހަދާ މި ކުރު ފިލުމު ޑައިރެކްޓްކޮށް އަދި ސްކްރިޕްޓް ވެސް ލިޔެފައިވަނީ ރިބެކާއެވެ. މި ފިލުމުގެ ޑިޒައިނިން އާއި އެހެނިހެން މަސައްކަތްތައް ކުރުމުގައި އެެހީތެރިވެދިނީ ރިބެކާގެ 17 އަހަރުގެ ބޭބެ، ރިޔާން މެތިވްއެވެ. މި ފިލުމުން ފެނިގެންދާނީ ރިބެކާ އާއި އޭނާގެ ބައެއް ރަހުމަތްތެރިންނެވެ. މި ފިލުމުގައި ދައްކުވައިދޭނީ މި ފުރަބަންދުގައި މަންމައަކާ ނުލައި މުމްބާއީގައި ކުޑަ އަންހެން ކުއްޖަކު އުޅެމުންދާ ގޮތެވެ.

ރިބެކާއަކީ ހިންދީ ފިލުމާއި އިނގިރޭސި ފިލުމު ބެލުމަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ވަރުން ދަވަންއާ ޝްރަދާ ކަޕޫރުގެ ހުރިހާ ފިލުމެއް ވެސް ބަލައި ކަމަށް ރިބެކާ ބުނެފައިވެއެވެ. ފިލުމަށް ހުންނަ ޝައުގެއްގެ ބޮޑު ކަމުން އޭނާގެ އަމިއްލަ ހިންދީ ފިލުމެއް އުފައްދަން ބޭނުންވެގެން އަމިއްލަ ޕިގީ ބޭންކު ހަލާކުކޮށްލީ އެ ފިލުމުގެ މަސައްކަތަށް ފައިސާ ހޯދުމަށް ކަމަށް ބޮމެބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ރިބެކާ ބުނެފައިވެއެވެ.

ވަރުން ދަވަން އާ ޝްރަދާ ކަޕޫރު އެކުގައި އެތައް ފިލުމެއް ކުޅެފައިވާ އިރު އެ ދެ ފަންނާނުން އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ ސްޓްރީޓް ޑާންސާއެވެ.

 

ކިޔުންތެރިންގެ ހިޔާލު