ޓީވީ ސީރީޒްތަކުން ފެންނަ ތަރިންގެ ރީތި ހަންގަނޑާއި އިސްތަށިގަނޑު ބަލާފައި އެ ކަހަލަ އިސްތަށިގަނޑަކާއި ހަންގަނޑެއް ތިމަންނަގެ ވެސް ހުންނަ ނަމައޭ ހިތަށް އަރައެވެ.

ޓީވީ ސްކްރީނުން ފެންނަ ތަރިންގެ ތެރެއިން ހަމަގައިމު ވެސް އެންމެ ރީތި އެއް ފަންނާނަކަށް ވާނީ ކަސޯޓީ ޒިންދަގީކީ 2 ގައި ޕްރޭނާގެ ރޯލުން ފެންނަ އެރިކާ ފެނާންޑެސްއެވެ. އޭނާގެ އިސްތަށިގަނޑު ވަރުގަދަވެފައި ރީތިކަމުން އެތައް ބަޔަކު ތިބެނީ ހައިރާންވެފައެވެ.

އެރިކާ ބުނާ ގޮތުން އަބަދުވެސް އޭނާގެ އިސްތަށިގަނޑު ޑީޕްކޮންޑިޝާންކޮށް ވަރަށް ރަނގަޅަށް ބަލަހައްޓައެވެ.

އަދި ބާރުގަދަ ޕްރޮޑަކްޓްތައް ބޭނުންކުރުމުން އިސްތަށިގަނޑަށް ލިބޭ ގެއްލުން ރަނގަޅުކުރުމަށް ހޭއާ މާސްކް ބޭނުން ކުރާ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން އޭނާ ބޭނުންކުރާ މާސްކްތައް ހަދަނީ އޯބަތް އަދި މުގު ބޭނުންކޮށްގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި ވީހާވެސް ގަވާއިދުން ނިދަން އާދަކޮށް ގިނަގިނައިން ފެން ބުއިމަކީ ވަރަށް މުހިންމު ކަމެއް އެރިކާ ވަނީ ފާހަގަކޮށްފައެވެ.

އެރިކާ ބުނާ ގޮތުން އޯބަތާއި މުގު ބޭނުންކޮށްގެން މާސްކް ހެދުމުން މޫނު އުޖާލާކޮށްދެއެވެ.

އަދި ބައެއް ފަހަކު މިތަކެތި ބޭނުންކޮށްގެން ހަދާފައިވާ މާސްކްތައް ވެސް އޭނާ ބޭނުންކުރާކަން އެރިކާ ވަނީ ފާހަގަކޮށްފައެވެ.

އަދި އޯބަތް ބޭނުންކުރުމުން މޫނުގައި ބިހި ނެގުމުން ދުރުކޮށްދީ، މޫނުގައި ހުންނަ ކަޅު ލައްތައް މަދުވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އަދި މިގޮތަށް ގުދުރަތީ އެއްޗެހި ބޭނުންކުރުމުން އަގުހެޔޮކޮށް، ރީތި ހަންގަނޑަކާއި އިސްތަށިގަނޑެއް ލިބޭ ކަމަށާއި ކެމިކަލްތަކުން ލިބޭ ގެއްލުންވެސް ކުޑަވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެރިކާގެ އިސްތަށިގަނޑު ރީތިކުރާ މާސްކަށް އޯބަތާއި މުގު، އަދި ކާށިތެޔޮ (ބޭނުން ތެލެއް ބޭނުންކުރެވިދާނެ) އެއްކުރުމަށް ފަހު ބޮލުގައި ހާކާލާނީއެވެ. އަދި ބޭނުންނަމަ މިއަށް ހީނާފަތްވެސް އެއްކުރެވިދާނެއެވެ.

އަދި މޫނުގައި އަޅަން ބޭނުންކުރާ މާސްކަށް އޯބަތް/މުގު ފެނަށް މަޑުކޮށްފައި ޕޭސްޓެއް ހެދުމަށް ފަހު، ޔޯގަޓްއާ އެއްކުރުމަށް ފަހު ބޭނުން ކުރާނީއެވެ. އެރިކާ ވަނީ އެ މާސްކް ހެދޭނެ އިތުރު ގޮތްތައް ވެސް އޭނާގެ ޔޫޓިއުބް ޗެނަލްގައި ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު