އިންޑިއަން ޓެލެވިޜަން އިންޑަސްޓްރީގެ ދެ އެކްޓަރުންކަމަށްވާ ގުރުމީތު ޗައުދަރީއާއި އޭނާގެ އަންހެނުން ޑެބީނާ ބޮނަރޖީ ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

މިކަން އާއްމުންނާ ހިއްސާކޮށްފައިވަނީ އެ ދެ ފަންނާނުންގެ އިންސްޓަގުރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓަކުންނެވެ.

ކޮވިޑް-19 އަށް ފައްސިވުމުން މި ދެ ފަންނާނުން ވެސް މިހާރު ތިބީ ހޯމް އައިސޮލޭޝަންގައެވެ. އެ ދެ މީހުންގެ ހާލު އަދި ރަނގަޅުކަމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފައިވާ ކަމަށް ވެސް އެ މީހުންގެ އިންސްޓަގުރާމް ޕޯސްޓުގައިވެއެވެ.

އެެހެންކަމުން ފާއިތުވި ދުވަސްތަކުގައި މި ދެ ފަންނާނުންނާއި އެއްވެސް ގޮތަކުން ނަމަވެސް ދިމާވެފައިވާ ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިވުމަށް އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓުގައިވެއެވެ.

ގުރްމީތާއި ޑެބީނާ ވެސް އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ ޕޯސްތުގައި ވަނީ އެއް ވާހަކަތަކެކެވެ. ނަމަވެސް ޑެބީނާ އިތުރަށް ވަނީ އެެ ދެ މީހުންނަށް އަވަސް ޝިފާއެއް ލިބުން އެދި ދުޢާ ކޮށްދިނުމަށް އެދިފައެވެ.

ގުރްމީތާއި ޑެބީނާ ދިމާވެފައިވަނީ 2008 ވަނަ އަހަރު ޓީވީން ދެއްކި ''ރާމާޔަން''އިންނެވެ. މި ޑްރާމައިގައި މި ދެ ފަންނާނުން ވެސް ކުޅެފައިވަނީ ލީޑް ރޯލެވެ. އޭގެ އިތުރުން ރިއަލިޓީ ޝޯ ''ޕަތީ ޕަތުނީ އޮރު ވޮ''އާއި ''ނަޗްބަލިޔޭ 6''ގައި ވެސް ދެ ފަންނާނުން އެކުގައި ބައިވެރިވެފައިވެއެވެ.

ޓީވީ އިންޑަސްޓްރީގައި އެެކުގައި މަސައްކަތް ކުރި މި ދެ ފަންނާނުން ކައިވެނީގެ ގޮތުން ގުޅިފައިވަނީ 2011 ވަނަ އަހަރުއެވެ.

ގުރުމީތު ބޮލީވުޑަށް ތަޢާރަފްވީ ފިލުމު ''ޚާމޯޝިއާ''އިންއެވެ. އަދި އޭގެ ފަހުން ''ވަޖާ ތުމް ހޯ'' ގައި ވެސް މަސައްކަތްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު