މިވަގުތު ދުނިޔެ ދެކެމުންދާ އެންމެ ބޮޑު ނުރައްކަލަކީ، ހަލުވިކަމާއެކު ބާރަށް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) އެވެ. މި ވައިރަސްގެ ޝިކާރައަކަށްވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު މި ދުނިޔެ ދޫކޮށް ގޮސްފައިވާއިރު، ބަލީގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވެ، މި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ ހީވެސް ނުކުރާހައި މައްޗަށް ދަމުންނެވެ.

އެއްވެސް ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ ކޮވިޑް-19 ޖެހިގެން ގިނަ ބަޔަކަށް ފަރުވާދެމުން ދާއިރު، މި ބަލިން ރައްކާތެރިކޮށް ސަލާމަތްކޮށްދޭނެ ވެކްސިނެއް ހޯދުމަށް ސައިންސްވެރިންނާއި ތަޖުރިބާކާރުން ކުރަމުންދާ މަސައްކަތަށް އަދި ހަޤީޤީ ކުލައެއް ޖެހިފައި ނުވުމަކީ މިވަގުތު ގިނަބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. މިއީ ވެސް އެގޮތުން ކޮވިޑް-19 އަށް ފައްސިވެފައިވާ އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖެއްގެ ކަންބޮޑުވުންތަކުގެ ވާހަކައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މި ކުއްޖާއަކީ ކޮވިޑް-19 ޖެހިގެން މަރާއި ހަނގުރާމަ ކުރަމުންދާ ކުއްޖެކެވެ. އެ އުމުރުގެ ކުދިންނަށް ކޮވިޑް-19 ޖެހުމަށް އޮންނަ ފުރުސަތު ކުޑަނަމަވެސް، އޭނާ މި ވައިރަސްގެ ޝިކާރައަކަށް ވެފައިވަނީ ބަލި ޖެހިފައިވާ އެހެން މީހަކާއި ބައްދަލުވުމުން ކަމަށް ވަނީ ބެލެވިފައެވެ. އެއަށްފަހު އޭނާގެ ހާލު ދެރަވެ ސީރިއަސް ހާލުގައި ފަރުވާދެމުންދާއިރު، އެކަމަށް ކުރެވޭނެ މާބޮޑު ފަރުވާއެއް ނެތެވެ.

އުންމީދެއް ނެތް ހާލުގައިވެސް އުންމީދު ކަނޑާލަން ބޭނުން ނުވާ އެކުއްޖާގެ އުމުރުން 30 އަހަރުގެ މަންމަ، ލައުރެން މީސްމީޑިއާގައި، އޭނާއަށް ދިމާވެފައިވާ ހިތްދަތިކަން ހާމަކޮށް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ބަލީގެ ޝިކާރައަކަށްވެ ތުއްތު ދަރިފުޅު ގިސްލާ ރޯތަން ފެނުމަކީ ހިތަށްކުރާ އެންމެ ބޮޑު އަސަރު ކަމަށެވެ. އަދި ވޭނުގައި އޮވެ ކުރެވޭނެ މާބޮޑުކަމެއް ނެތް މި ހާލުގައި ދަރިފުޅުގެ ކެކުޅުން އޭނާއަށް އިހުސާސް ކުރެވޭ ކަމަށް ލައުރެން ބުނެފައި ވެއެވެ.

ލައުރެން ބުނިގޮތުގައި ކޮވިޑަށް ފަރުވާދޭން ފެށުމުންނާއި، ފަރުވާގެ މަރުހަލާތައް ހިނގަމުންދާ ގޮތުން ތުއްތު ދަރިފުޅަށް ވެސް އެކަމުގެ ސީރިއަސްކަން އިހުސާސް ކުރެވޭ ކަމަށެވެ. އަދި ޖެހުނީ ކޮން ބައްޔެއްކަން ނޭނގުނު ކަމުގައި ވީނަމަވެސް އެ ބަލީގައި އޭނާގެ ހާލު ދެރަވެފައިވާ މިންވަރު ދަރިފުޅަށްވެސް އިހުސާސްކުރެވޭ ކަމަށް ލައުރެން ބުންޏެވެ.

"ދަރިފުޅު އަހަރެންގެ ގާތުގައި އެހި، މި ބަލީގައި އޭނާ މަރުވަނީތޯ. އޭނާވެސް މިކަމުގައި ކަންބޮޑުވެފައިވާ މިންވަރު އެކަމުން ސާފުވޭ. މިފަދަ ހާލަތެއް އިތުރު ބަޔަކަށް ކުރިމަތިވާން އަހަރެން ނޭދެން،" ލައުރެން ބުންޏެވެ.

ލައުރެންގެ ތުއްތު ދަރިފުޅަށް ކޮވިޑް-19 ޖެހިފައިވާކަން އެނގިފައިވަނީ، ބަލިވެގެން ހޮސްޕިޓަލަށް ގެންދިއުމުން ހެދި ޓެސްޓުތަކުންނެވެ. އެދުވަހު ކޮވިޑަށް ޓެސްޓު ކުރުމުގެ ކުރީން އޭނާގެ ސިއްޙީ އެއްވެސް މައްސަލައެއް ހުރިތޯ ބަލާފައިވާއިރު، ހުރިހައި ކަމެއް ހުރީ ރަނގަޅަށް ކަމަށް ލައުރެން ބުނެފައި ވެއެވެ. ލައުރެން ބުނިގޮތުގައި ދަރިފުޅަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ އެނޫން އެއްވެސް މައްސަލައެއް ނުފެނުމުން މި ވައިރަސްއަށް ޓެސްޓު ކުރުމުން ކަމަށެވެ.

އެއާއެކު ލައުރެން އާއި އޭނާގެ ތުއްތު ދަރިފުޅު ހޮސްޕިޓަލްގެ އައިސޮލޭޝަން ޔުނިޓަކަށް ބަދަލު ކުރެވުނެވެ. ނަމަވެސް ހޮސްޕިޓަލުން މި ބައްޔަށް ދެވޭނެ ސީދާ ފަރުވާއެއް ނެތުމުން ފަހުން ވަނީ އައިސޮލޭޝަނަށް ގެޔަށް ފޮނުވާލާފައެވެ. އެގޭގައި ލައުރެންގެ އިތުރު އަންހެން ދަރިއެއްވެސް އުޅެމުންދާއިރު، މިހާރު ލައުރެން އާއި އޭނާގެ އަންހެން ދަރިފުޅުވެސް ބަލި ކަމަށް އޭނާ ބުނެފައި ވެއެވެ.

ލައުރެން ބުނެފައިވާ ގޮތުގައި ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ވެސް އެއް ބަޔަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އުޅޭއިރު، އަނެއް ބަޔަކު މިކަން "ޖޯކަކަށް" ހަދާ ކަމަށެވެ. އޭނާ ބުނެފައި ވަނީ މި ބައްޔަކީ ކިހައިވަރެއްގެ ވޭނެއްކަން ގިނަ ބަޔަކަށް އެނގެނީ ބަލީގެ ޝިކާރައަކަށްވާ ފަހުން ކަމަށެވެ. އެހެންކަމުން އެ ތަޖުރިބާ މިހާރުވެސް ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން އެންމެން ވެސް ސަމާލުވެ ތިބުމަށް ލައުރެން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު