އިންޑިއާގެ އެއާލައިން އިންޑިގޯގެ މަތިންދާ ބޯޓެއްގެ ތެރޭގައި އުފަންވި ކުޑަ ކުއްޖަކަށް އާންމުންގެ ސަމާލުކަން ލިބިއްޖެެއެވެ.

ފިރިހެން ކުއްޖާ ބޯޓު ތެރޭގައި އުފަން ވެފައި ވަނީ ކެބިން ކްރިއު އާއި ބޯޓުގައި ތިބި ބައެއް އާންމުންގެ އެހީތެރިކަމާ އެކީގައެވެ. އެއާލައިންގައި މަސައްކަތް ކުރާ މީހުން އެ ކުއްޖާ އުރާލައިގެން ހުރެ ނަގާފައިވާ ފޮޓޯތައް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

ނިއު ދިއްލީން ބެންގަލޫރަށް މިދިޔަ ބުދަ ދުވަހު އިންޑިގޯ އިން ކުރި ދަތުރުމަތީގައި އުފަންވި ފިރިހެން ކުއްޖާ އާއި އެ ކުއްޖާގެ މަންމަގެ ހާލު ރަނގަޅެވެ. މަތިންދާބޯޓު ތެރޭ އުފަންވި ކުއްޖާއަށް އުމުރުދުވަހު ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދޭން އިންޑިގޯ އިން މިހާރު ނިންމާފައިވާ ކަމަށްވެއެވެ.

އިންޑިގޯ އިން ނެރުނު ބަޔާނެއްގައި ބުނީ ދަތުރުމަތީގައި އުފަންވި ކުއްޖާ އަކީ ދުވަސްނުފުރާ ވިހޭ ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާ ވިހެއީ، މަތިންދާ ބޯޓު 30،000 ފޫޓު މަތީގައި އޮއްވައި ކަމަށާއި ދެ މައިންނަށް ހެޔޮ ދުއާކޮށްދޭ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ އަންހެން މީހާ ވިހެއި އިރު، މަތިންދާ ބޯޓުގައި ޑޮކްޓަރަކު ވެސް އިނެވެ. އެހެންވެ، އޭނާގެ އެހީތެރިކަން ވެސް ލިބުނެވެ.

އަންހެން މީހާ ފްލައިޓް ތެރޭގައި ވިހޭ ވާހަކަ ފްލައިޓްގެ ކެޕްޓަނުން ކޮންޓްރޯލް ރޫމާ ހިއްސާކުރުމުން ބެންގަލޫރް އެއާޕޯޓަށް ޖެއްސި އިރު، އިންޑިގޯ އާއި އެއާޕޯޓްގެ މުވައްޒަފުން އަންހެން މީހާ އާއި ދަރިފުޅަށް މަރުހަބާ ކިޔާފައިވެއެވެ.