އިޓަލީގެ މިލާންގައި ދެ ލޯބިވެރިން މަގުމަތީގައި ތިބެ އެކަކު އަނެކަކަށް ބޮސް ދިނުމުން 400 ޔޫރޯ (468 ޑޮލަރު) އިން ޖޫރިމަނާކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ދެ ލޯބިވެރިން 7،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހުނީ، މިލާންގެ މަގެއް މަތީގައި މާސްކް ނަގައިގެން ތިބެ ބޮސް ދިނުމުގެ ސަބަބުންނެވެ. އެ ދެ ލޯބިވެރިން މަގުމަތީގައި ކުރީ އިޓަލީގައި އާންމުކޮށްފައިވާ ގައިޑްލައިންތަކާ ހިލާފު އަމަލެކެވެ.

ދެ މީހުން އެކަން ކުރުމަށް ފަހު، ކައިރީގައި ހުރި ރެސްޓޯރަންޓަކަށް ދިޔަ މަގުމަތީގައި ފުލުހުންގެ ހަތަރު އޮފިސަރަކު ވަނީ ދެ ލޯބިވެރިން ވަށާލައިފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ދެ ލޯބިވެރިންގެ ތެރެެއިން ފިރިހެން މީހާގެ އުމުރު ގާތް ގަނޑަކަށް ސާޅީސް އަހަރު ވާނެއެވެ.

މި ދެ ލޯބިވެރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރާއި ހަ މަސް ދުވަސްވެދާނެ ކަމަށްވެއެވެ.

އިޓަލީން ހަދާފައިވާ ގައިޑްލައިންގައިވާ ގޮތުން މީހަކާ އެއް މީޓަރުގެ ދުރުމިނެއް ހުން ނަމަ، މާސްކް އެޅުން މަޖުބޫރުވާނެއެވެ. މިކަމާ ގުޅިގެން ދެ ލޯބިވެރިން ބުނީ އެމީހުން އެކަން ކުރި އިރު، ތިބީ އެކަނި ކަމަށެވެ. އަދި ކައިރީގައި އެއްވެސް މީހަކު ނެތް ކަމަށް އެމީހުން ބުންޏެވެ.

ނަމަވެސް ފުލުހުން ވަނީ އެންމެ ފަހުން އެ ދެ މީހުން ޖޫރިމަނާކޮށްފައެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ތެރެއިން އިޓަލީއަކީ ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ އެއް ގައުމެވެ. އެ ގައުމުން މިހާތަނަށް 402,536 މީހަކު ފައްސިވެ، 36,474 މީހަކު ވަނީ މަރުވެފައެވެ.

އިއްޔެ އެކަނި ވެސް އެ ގައުމުން 10,925 މީހަކު ފައްސިވެ، 47 މީހަކު މަރުވިއެވެ.