މި ރަތް ބިހިތަކަކީ ވައިރަލް އިންފެކްޝަނެކެވެ. މި ބިހިތައް އާންމުކޮށް ނަގާފައި ހުންނަނީ ކޮންމެވެސް ދިރޭ އެއްޗެއް ހަފައިގެންނެވެ. ނަމަވެސް މި ބިހިތައް ނަގާ ކޮންމެ ފަހަރަކީ ދިރޭ އެއްޗެއް ހަފައިގެން ނަގާ ބިހިތަކެއް ނޫނެވެ.

މި ބިހިތައް ކޮންމެ މީހެއްގެ ގައިގައި ވެސް ކޮންމެ އިރަކު ވެސް ނަގައިފާނެއެވެ. އާންމުކޮށް މި ބިހިތައް ނަގާނީ ދިފާއީ ނިޒާމް ބަލިކަށި އުމުރުން ދުވަސްވީ މީހުންގެ ގައިގައެވެ.

މީގެއިތުރުން ހާސްވުމާއި ކަންބޮޑުވުމުގެ ސަބަބުން ވެސް މި ބިހިތައް ނަގާފާނެއެވެ. އެއީ ހާސްވެ ކަންބޮޑުވާނަމަ ދިފާއީ ނިޒާމު ބަލިކަށިވެ ހިތުގެ ތަފާތު މައްސަލަތައް ކުރިމަތިވާތީއެވެ.

ޅަ އުމުރުގައި ހިމަ ބިހި ޖެހިފައިވާ ނަމަ މި ރަތް ބިހިތައް ނެގުން ވަރަށް ގާތެވެ. އެއީ ހިމަ ބިހި ޖެހުމަށް މެދުވެރިވާ ވެރިސެލާ ޒޮސްޓަ ވައިރަސްއަކީ މި ބިހިތައް ނެގުމަށް ވެސް މެދުވެރިވާ ވައިރަހަކަށް ވާތީއެވެ. ހާސްވެ ކަންބޮޑުވުމުން މި ވައިރަސްތައް އަލުން އެކްޓިވޭޓްވެއެވެ. އަދި ދިފާއީ ނިޒާމް ބަލިކަށި ކޮށްލައެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނުކެއުމާއި ހަށިގަނޑުން ނިއުޓްރިއަންޓްސް މަދުވުމާއި މޫޑަށް ޑިސްއޯޑާއާއި ކަންކަމާއި މާބޮޑަށް ހާސްވެ ކަންބޮޑުވުމަކީ ސިކުނޑިއަށާއި ދިފާއީ ނިޒާމަށް އަސަރު ކުރާ ކަމެކެވެ.

ދިރޭ އެއްޗެއް ހަފައިގެން މި ބިހިތައް ނެގުމަށްވުރެ ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ބިހި ނެގުމުން ތަދުވެއެވެ. އަދި ދިފާއީ ނިޒާމް ބަލިކަށިނަމަ މި ބިހިތައް ހިރުވުމާއި ރަތް ވުން ފަދަ ކަންތައްތައް ކުރިމަތިވާލެއް ބޮޑުވާނެއެވެ.

މި ބިހިތައް ނަގަނީ ހާސްވެ ކަންބޮޑުވުމުން ކަމަށްވާތީ މިކަމުން ދުރުވުމަށް ކަސްރަތު ކުރާށެވެ. ފޮތް ކިޔުމުގެ އާދަ ހަރުލައްވާށެވެ. ގުދުރަތީ މާހައުލެއްގައި ވަގުތު ހޭދަކޮށްލާށެވެ.