މީގެ 172،000 އަހަރު ކުރިން ނުވަތަ 1720 ގަރުނު ކުރިން އުފެދި، އަދި އެއަށްފަހު ގެއްލިފައިވާ ކަމަށް ބުނާ ކޯރެއް ދާދިފަހުން ފެނިއްޖެއެވެ.

މި ކޯރު އޮތް ސަރަހައްދުގައި އަދިވެސް އެކި ކަހަލަ ދިރުންތައް ވާ ކަމަށް ސައިންސްވެރިން ބުނެފައިވާއިރު، އެކަމުގެ ސަބަބުން އެތަނުގައި އިތުރު ދިރުންތައް އާލާވާނެ ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިކޯރަކީ އިންޑިއާގެ ސްޓޭޓެއް ކަމުގައިވާ ރާޖަސްތާނުގެ ހަނަފަސް ސަހަރާއެއްގެ ތެރެއިން އުފެދިފައިވާ ކޯރެކެވެ. މި ހޯދުމާއި އެކު މި ކޯރު ވެގެން ގޮސްފައި ވަނީ މުޅި އެ ސަރަހައްދުންވެސް ފެނުނު އެންމެ ޒަމާންވީ ކޯރަށެވެ.

ޖަރުމަނުގައި ހުންނަ މެކްސް ޕްލޭންކް އިންސްޓިޓުއުޓް ފޯ ސައިންސް އޮފް ހިއުމަން ހިސްޓޮރީ އާއި ތަމިލް ނާޑޫގައި ހުންނަ އައްނާ ޔުނިވާސިޓީ އަދި އައިއައިއެސްއީއާރު ކޮލްކަޓާއިން ވަނީ “ސްޓޯން އޭޖް“ ޒަމާނުގައި އެތަނުގައި މީހުން އުޅުނު ކަމަށް ބުނެފައެވެ.

މި ކޯރަކީ އެޒަމާނުގެ މީހުން މިފަދަ ހަނަފަސް ހިސާބެއްގައި ދިރިއުޅުމަށް ވަރަށް މުހިއްމު ބައެއް ކަމުގައިވާއިރު، އޭރުގެ މީހުންގެ ދިރިއުޅުން ބޮޑަށް ބިނާވެފައި ވާނީ މި ކޯރުގެ ވަށައިގެންކަމާއި، އެ ސަރަހައްދުގައި ދިރިއުޅުނު ގިނަ އަދަދެއްގެ ބަޔަކު ކޯރު ކައިރިއަށް ދިރިއުޅުން ބަދަލު ކޮށްފައިވާނެކަމަށް ސައިންސްވެރިން މިހާރު ދަނީ ބުނަމުންނެވެ.

މި ކޯރަކީ 1720 ގަރުނު ވެފައިވާ ކޯރެއް އޮތް ސަރަހައްދެއްކަން ސައިންސްވެރިން ދެނެގެންފައި ވަނީ އެ ސަހަރާގެ މެދުން ވެލިތައް ނަގައި، ތަފާތު ސާމްޕަލްތައް ދިރާސާ ކުރުމަށް ފަހުގައެވެ.