އޮސްޓްރިއާ އިން މީގެ އަހަރުތަކެއް ކުރިން ފެނުނު ކުނިނުވާގޮތް ހަދާފައިވާ ކުޑަކުއްޖާގެ ހަށިގަނޑުގެ އިތުރު ދިރާސާތަކެއްކޮށް، އެދިރާސާތަކުގެ ނަތީޖާ ސައިންސްވެރިން ހާމަކޮށްފިއެވެ.

ބުނެވޭ ގޮތުގައި މިއީ ރިޗާޑް ވިލްހެމް ނަމަކަށް ކިޔާ ކުއްޖެކެވެ. އެއީ އޮސްޓްރިއާގެ ވެރިކަން 14 ވަނަ ގަރުނާއި 17 ވަނަ ގަރުނާއި ދެމެދު ކުރެވެމުން އައިއިރު އުފަންވި ރަސްކަން ވާރުތަވާނެ ކުއްޖެކެވެ. ނަމަވެސް އުމުރުން ދިހަ މަހާއި 18 މަހާއި ދެމެދުގެ އުމުރެއްގައި ރިޗާޑް މަރުވީއެވެ.

ރަސްކަމުގެ ތަހުތު ލިބޭނެ ކަމަށް އުއްމީދު ކޮށްގެން ހުރި ތުއްތު ކުއްޖާގެ ކުއްލި މަރު ޝާހީ އާއިލާއަށް ގަބޫލެއް ނުކުރެވުނެވެ. އޭރު ރޯމަން އެމްޕަވާގެ ރަސްކަމުގައި ވެސް ނޫފުޒުގަދަ އޮސްޓްރިއާގެ ޝާހީ އާއިލާ އިން ރިޗަޑްގެ ހަށިގަނޑު ކުނިނުވާ ގޮތް ހަދައި، ގިނަ ދުވަސްތަކަކަށް ހަށިގަނޑު ރައްކާ ކުރިއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އޮސްޓްރިއާގެ ޝާހީ އާއިލާ މެންބަރުން މަރުވުމުން ހަށިގަނޑު ކުނިނުވާ ގޮތް ހެދުން އެއީ އާއްމު ކަމެއް ނޫނެވެ. އެހެންކަމުން ރިޗަޑްގެ ހަށިގަނޑަށް ހާއްސަކަމެއް ދިނީ މުޅި އާއިލާ އިން ވެސް އުއްމީދު ނުކުރާ ފަދަ ގޮތަކަށް ރިޗަޑް މަރުވުމުން ކަމަށް ގަބޫލު ކުރެވެއެވެ.

ޖަރުމަންވިލާތުގެ ސައިންސްވެރިންގެ ޓީމަކުން ވަނީ މިހަށިގަނޑުގެ "ވާޗްއަލް އޮޓޮޕްސީއެއް" ހަދާފައެވެ. ސީޓީ ސްކޭންތަކާއި، އަދިވެސް ހެދެން އޮތިއްޔާ އޮތް ޓެސްޓެއް ހެދުމަށްފަހު ސައިންސްވެރިންގެ ޓީމުން ބުނެފައި ވަނީ ރިޗަޑް މަރުވެފައި ވަނީ އެކަށީގެންވާ ވަރަށް އިރުގެ އަލި ނުލިބުމުގެ ސަބަބުން ކަމަށެވެ.

ރިޗަޑް ވަރަށް ހަގު އުމުރެއްގައި މަރުވާން މެދުވެރިވި ސަބަބެއްގެ ގޮތުގައި ސައިންސްވެރިން ކަނޑައަޅާފައި ވަނީ ނިއުމޯނިއާ ޖެހުމެވެ. ރިޗަޑްގެ ކަށިތަކަށް އައިސްފައި ހުރި ބަދަލަށް ބަލާއިރު ސައިންސްވެރިންނަށް އެއްބަސްވެވުނީ ވަރަށް ބޮޑަށް ވިޓަމިން ޑީ މަދުވެފައިވާ ކަމަށެވެ.

"ވިޓަމިންތައް ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަ ކުރެވުނު. ހާއްސަކޮށް ވިޓަމިން ޑީ ވަނީ ވަރަށް ބޮޑަށް މަދުވެފައި. އެންމެ ފާހަގަ ކުރެވޭ ކަމަކީ އެކަށީގެންވާ މިިންވަރާއި ގާތައް ވެސް އިރުގެ އަލި ނުލިބުމުގެ ސަބަބުން ސިއްހީ މައްސަލަތަކެއް ކުރިމަތީ ކަމަށް." ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.