ބ. ކުޑަރިކިލު، އަހުމަދު ރަމްޒީއަކީ ހިތުގެ މައްސަލަތަކަށް ފަރުވާ ހޯދަމުން އަންނަ ތިން ކުދިންގެ ބައްޕައެކެވެ. ރަމްޒީ، އާންމު ނަމުން ނަމަ އަންމިއަކީ އުފެދުމުގައި ވެސް ހިތުގެ މައްސަލަތަކެއް ހުރި މީހެކެވެ. ކައިވެނީގެ ގޮތުން މީހަކާ ގުޅިގެން އުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ ރަމްޒީގެ ދެ ދަރިން ތިބި އިރު އޭނާގެ ދޮން ދަރިއެއް ވެސް ހުރެއެވެ.

ހިތުގެ ތިން ވަނަ ސާޖަރީއެއް މިހާރު ހަދާފައިވާއިރު އޭނާގެ ސިއްހީ ހާލަތު ދަށްވާ ކޮންމެ ފަހަރަކު ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ. އެހެންނަމަވެސް ފާތުންގެ އުއްމީދަކީ ޖެހިގެން އަންނަ ދުވަހަކީވެސް ލޯބިވާ ފިރިމީހާއެކީ ދަރިންނާއެކީ އުފަލުގައި ހޭދަވާނެ ދުވަހަކަށް ވުމެވެ. މި އުއްމީދުގައި ފާތުން ދަނީ ރަމްޒީއަށް އަދިވެސް ފަރުވާއެއް ލިބޭނެ ކަމަށް ޤަބޫލުކުރަމުންނެވެ. ދުނިޔޭގައި ހުރިހައި ހިނދަކުު ލޯބިވާ ފިރިމީހާއާ ވަކިވާކަށް ފާތުން ބޭނުމެއް ނޫނެވެ. ކިތަންމެ ބޮޑު ޚަރަދެއް ރަމްޒީގެ ބޭސްފަރުވާއަށް ދިޔަނަމަވެސް އޭނާގެ އުއްމީދު ގެއްލުންވާނުލައެވެ.

ހިތުގައި ލޯވަޅެއް ހުންނަ ރަމްޒީ ދަނީ އެކަމުގެ ސަބަބުން ގިނަ އުނދަގޫތައް ތަހައްމަލު ކުރަމުންނެވެ. އެގޮތުން އޮކްސިޖަން ލިބުމުގައި ދަތިތަކެއް ހުންނާތީ، ނޭވާއަށް އުނދަގޫވެ ދޭތެރެ ދޭތެރެއިން މެއަށް ތަދުއަރައެވެ. އަދި ނޭވާލާން އުނދަގޫވުމާއި ވަރުބަލިވެ ހިނގާ ބިނގާވެ އުޅެން ވެސް ދަތިވެ، އަތުގެ ނިޔަފަތިތައް ކަޅުވެއެވެ. އެންމެ ފުރަތަމަ އޭނާގެ ހިތުގެ ބަލި ހުރިކަން ވެސް އެނގިފައި ވަނީ އެފަދަ އަލާމަތްތައް ފެނިގެން ޑޮކްޓަރަށް ދެއްކުމުންނެވެ.

މީހަކާއިނދެގެން އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަނިކޮށް ރަމްޒީއަށް ދިމާވި ހިތްދަތިކަމުގެ ވާހަކަ އޭނާގެ އަންހެނުން ފާތުމަތު ރަޝީދާ (ފާތުން) ވަނީ "ވަގުތު"އަށް ކިޔައިދީފައެވެ.

ރަމްޒީގެ ފުރަތަމަ ސާޖަރީ ކޮށްފައި ވަނީ ޑިސެމްބަރު 3، 2002 ގައި އިންޑިއާގެ ޓްރިވެޑްރަމްގައި ހުންނަ ސްރީ ޗިތުރާ ހޮސްޕިޓަލުގައެވެ. އެ ފަހަރު ވަނީ އޭނާގެ ހިތުގައި ހުރި ލޯވަޅުތައް ބައްދަން މަސައްކަތް ކޮށްފައެވެ.

ފެބްރުއަރީ 14، 2019 ގައި ދިން ލިޔުމާއެކު އާސަންދައިގެ ދަށުން އެ ދެމަފިރިން ވަނީ ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ގޮސްފައެވެ. ނަމަވެސް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން އެ ދެމަފިރިންނަށް ދިނީ ހިތްދަތި ހަބަރެކެވެ. އެ ހޮސްޕިޓަލުން މުޅިންހެން އުންމީދު ކަނޑާލި ކަމަށާއި އަދި ސާޖަރީ ހެދުމަކީ ރަމްޒީގެ ފުރާނައަށް އޮތް ބޮޑު ރިސްކެއް ގޮތުގައި ބުނެފައިވާ ކަމަށް ރަމްޒީގެ އަންހެނުން ފާތުމަތު ރަޝީދާ ބުނެއެވެ. އެހެންކަމުން އެ ދެމަފިރިން އެނބުރި މާލެއަށް އައިސް ދެން ދެއްކީ އޭޑީކޭ ހޮސްޕިޓަލުގައި ބައްލަވާ ހިތުގެ ހާއްސަ ޑރ. މުހައްމަދު ޝާފިއު އަށެވެ.

ޑރ. ޝަފީއުއަށް ދެއްކުމުން ލިބުގެން ދިޔަ ޖަވާބަކީ އެ ދެމަފިރިންގެ ދިރިއުޅުމަށް އައި އަނދިރިކަން ފިލުވާދިނުމަށް ދިއްލުނު ހުޅުކޮޅެއްގެ ގޮތުގައި އެ އާއިލާއިން ސިފަކުރެއެވެ. ރަމްޒީގެ ޓެސްޓުތައް ހެއްދުމަށްފަހު ޑރ. ޝާފިއު ވަނީ އިތުރަށް އެންމެ ހިނދުކޮޅަކު ވެސް މަޑު ކުރުމަކީ ރަމްޒީގެ ފުރާނައަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެ ސާޖަރީ އަވަސް ކުރުމަށް ލަފާ ދީފައެވެ.

އެއަށް ފަހު އޭނާގެ ދެވަނަ އޮޕަރޭޝަންއެއް ކޮށްފައި ވަނީ އޮކްޓޯބަރު 19، 2019 ގައި އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ހިތުގެ ލޯވަޅު ބެއްދުމަށް ކުރެވުނު އޮޕަރޭޝަންއެވެ. އެފަހަރު ވެސް ވަނީ ކުރިން އިންޑިއާއިން ހިތުގެ ލޯވަޅު ބެއްދުމަށް ކުރި އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ގޯސްވެފައި ވާތީ އަނެއްކާ ވެސް ހިތުގެ ލޯވަޅުތައް ބައްދާފައެވެ.

ރަމްޒީގެ ހިތުގެ ތިން ވަނަ އޮޕަރޭޝަން ކުރީ 17 ފެންރުއަރީ 2021 ވަނަ ދުވަހުއެވެ. އޭޑީކޭ ހޮސްޕިޓަލުގައި އެ އޮޕަރޭޝަން ކޮށްފައިވާ އިރު އެއީ ކާމިޔާބު އޮޕަރޭޝަންއެއް ކަމަށް އާއިލާއިން ބުނެއެވެ. އަދި މާލީ ގޮތުން ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ އެ އާއިލާއަށް އެކި ގޮތްގޮތުން އެހީތެރިވި ހުރިހާ އެންމެންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރާ ކަމަށް އާއިލާއިން ބުނެއެވެ.

އެންމެ ފަހުން ކުރި އޮޕަރޭޝަނުގައި 8 ގަޑިއިރު ހޭދަވި، ހެދުނު 9 ޖެހިއިރު ސާޖަރީއަށް ވެއްދީ، ސާޖަރީ ނިންމާފަ ތިއޭޓަރުން ނެރުނީ އިރުއޮއްސި 6:30 ގައި." ފާތުން ކިޔައިދިނެވެ.

ތިން ވަނަ އޮޕަރެޝަނުގައި ރަމްޒީގެ ހިތުގައި ގުދުރަތީ ގޮތުން އުފެދިފައިވާ ވޭލްވް ނެގުމަށްފަހު ވަނީ އާޓިފިޝަލް ވޭލްވެއް ލައްވާފައެވެ. ތިންވަނަ އޮޕަރޭޝަން ކުރިއިރު ރަމްޒީ އެންމެ ބިރުގަތީ ލޯބިވާ އަނބިމީހާ އާއި ދަރިންނާއި ވަކިވާންޖެހިދާނެ ކަމަށްޓަކައެވެ. އަދި އޭނަ ނެތް ދުވަހަކުން ދަރިން ނިކަމެތިވެދާނެ ކަމަށް ހީކޮށް ރަމްޒީއަށް ރޮވުނެވެ.

"ދަރިންނޭ. މަންމަ އަށް އޯގާތެރިވާތި، މަންމަގެ ފައިތިލަ ދަށުން ސުވަރުގެ ހާސިލް ވާނީ އެރުން،" ރަމްޒީ ދަރިންނަށް ނަސޭހަތް ދެމުން ބުނެފައިވެއެވެ.

މީހުންނާ ގުޅޭ ހިތްހެޔޮ ސަކަ މިޒާޖެއް ހުންނަ ރަމްޒީ ވަނީ އޭނާގެ ދަރިން ގާތުގައި މަންމައަށް އޯގާތެރިވުމަށާއި މަންމަ ބުނާ ބަސް އަހައިގެން އުޅުމަށް ނަސޭހަތްތެރިވެފައެވެ. ތިން ދަރިން ދެކެ ވެސް އިންތިހާއަށް ލޯބިވާ ރަމްޒީ ވަނީ އޭނާގެ އަނބިމީހާގެ ރަނގަޅު ކަމުގެ ވާހަކަ ވެސް ހިއްސާ ކޮށްފައެވެ.

"މިވީ ހުރިހާ ދުވަހު އަހަންނަކީ ބަލި މީހެއް ކަމުގެ އިހުސާސް ވިޔަ ނުދޭ، ވަރުބަލި ކަމެއް ފޫހި ކަމެއް ނެތި ހިދުމަތްކޮށް ދިނުމުގައި އަވަދި ނެތި އުޅުނު. އަހަރެން ވަރަށް ލޯބިވޭ ރަޝީދާ ދެކެ." ރަމްޒީ ބުންޏެވެ.

އޮޕަރޭޝަނަށް ފަހު ރަމްޒީ ނެރުނު އިރު ހިތުގެ ވިންދު ދަށް ކަމުގައި ވިޔަސް އެއް ދުވަހަށް ވުރެ އަނެއް ދުވަހު ރަމްޒީގެ ހާލު ދިޔައީ ސްޓޭބަލް ވަމުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރަޝީދާ ބުނެއެވެ. މި އޮޕަރޭޝަން އޭޑީކޭގައި އެންމެ ފުރަތަމަ ވެސް ކުރަންޖެހުނީ އައިޖީއެމްއެޗުން މި އޮޕަރޭޝަން ނުކުރެވޭނެ ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދާން އެންގުމުން އިންޑިއާއިން ވެސް މިކަމަކީ އެއްވެސް އުންމީދެއް އޮތް ކަމެއް ނޫން ކަމަށް ބުނުމުންނެވެ.

ބަލި ހާލަތު ހުރި ގޮތުން ވަޒީފާއިން ވަކިވެގެން ހުންނަން ޖެހިފައި ވުމުން އެ އާއިލާއަށް ވަނީ މާލީ ގޮތުން ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށް އެ އާއިލާއިން ބުނެއެވެ. ނަމަވެސް ރަމްޒީގެ ފުރާނަ ސަލާމަތް ކުރަން މި ދަނޑިވަޅުގައި އޮޕަރޭޝަން ކުރަން ޖެހުމުން އާއިލާއާއި ރައްޓެހިންގެ އިތުރުން ހެޔޮ އެދޭ ގިނަ ބައެއްގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށް އެ އާއިލާއިން ބުނެއެވެ.

ހިތުގެ ތިން ވަނަ އޮޕަރޭޝަނަށް ފަހު ގިނަ އަދަދެއްގެ ބޭސް ރަމްޒީ ބޭނުން ކުރަން ޖެހެއެވެ. މިބޭސްތަކަކީ އެހާމެ އަގުބޮޑު އަދި އާސަންދައިން ކަވަރު ކުރާ ބޭސްތަކެއް ނޫނެވެ. އާއިލާއިން ބޭނުންވަނީ ރަމްޒީއަށް އިތުރު ފަރުވާއެއް ހޯދުމަށް އަދިވެސް ރާއްޖެއިން ބޭރު އެހެން ގައުމަކަށް ގޮސްގެން ނަމަވެސް ފަރުވާ ހޯދުމަށާއި ތިން މަހުން އެއްމަހު ހަދަން ޖެހޭ ޓެސްޓު ހެދުމަށް އަދި ކާން ޖެހޭ ގިނަ އަދަދެއްގެ ބޭސްތައް މަދުކޮށްލެވޭނެ ގޮތެއް ހޯދާށެވެ.

"ވަރަށް ގިނަ ބޭސް މިހާރު ބޭނުންކުރަނީ. އިތުރު ބޮޑީ ޗެކަޕެއް ހަދާލަން ތަންކޮޅެއްް ދުރަށްވެސް ދާން، އިންޑިއާ ލަންކާއިން އަނެއްހެން ފަރުވާއެއް ނެތް، އެތަންތަނުން އުއްމީދު ކަނޑާލުމުން ރާއްޖެއިން އޮޕަރޭޝަން ކުރީވެސް." ފާތުން ބުންޏެވެ.

މިކަމުގައި އާސަންދައިގެ އެހީ ހޯދަން އެދުމުންވެސް އާސަންދައިން އެއްވެސް އެހީތެރިކަމެއް މިފަހަރު ނުލިބުނު ކަމަށް އާއިލާއިން ބުނެއެވެ.

"ގާތްގަނޑަކަށް 5 އަހަރު މިދިޔައީ މަސައްކަތްކުރާތާ. އަދި އެހީއެއް ލިބޭ ގޮތެއް ނުވޭ." ފާތުން ބުންޏެވެ.

ރަމްޒީއަށް އެހީވުމަށް ބޭނުންވާ ފަރާތްތައް އަހުމަދު ރަމްޒީގެ ނަންބަރު 9684049 އަދި އޭނާގެ އަންހެނުން ފާތުމަތު ރަޝީދާގެ ނަންބަރު 7254540 އަށް ގުޅައިގެން އިތުރު މައުލޫމާތު ހޯދޭނެއެވެ.

އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ( 7705325082101 ) އަހުމަދު ރަމްޒީ

އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު ( 7730000257759 ) އަހުމަދު ރަމްޒީ

 

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ނޫސްތަކުން މިފަދަ ބޮޑެތި ބަލިތަކުގައި އުޅޭމީހުން ފެންނަމުންދާއިރު ޒަކާތްފަންޑު އާސަންދަ މިދެތަން ވަގުތުން ހަރަކާތްތެރި ނުވަނީ ކޮންކަމަކާއި ހުރެތޯ ބަލަންޖެހޭ. މިފަދަ ބޮޑެތި ބަލިތަކުގައި އުޅޭދިވެިން ތިބޭއިރު ޒަކާތްފަންޑު މިކަންކަމާއި އަޅާނުލައި މާދުރުގައިވާ ބަޔަކަށް ގައުމަކަށް ފަހަކުންވަނީ އެއްލައްކަ ޑޮލަރު ދިނީ ކޮންގޮތަކުންތޯ ބަލައި ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ

    47
    1
  2. ައަލީ

    އަވަސް ޝިފާއެއް ދެއްވާށި .އާމީން

    53
  3. Anonymous

    ބަލި މީހާ އަށް އަވަސް ޝިފާ އަކަށް އެދެން
    އްއ
    އެއްވެސް މީހަކު ބޭނުން ނުވާނެ އަސްލު މި ގޮތަށް
    އެހީ އަށް އެދެން އެއްވެސް ގޮތެއް ނެތީމަ ދޯ އެއީީ
    އެ ފެމެލީ އަށް މިހާރު އެއް ރުިފޔާ އެއީ
    ވަރަށް ބޮޑު އެހީ އަކަށް ވާނެކަން ޔަގީން

    16
  4. ކޮއްކޮ

    އާސަންދަ ވެސް ކުރީގައިވެސް މިހާރުވެސް ވަކި ބަޔަކު ބުނާ ގޮތަށް ދެނީ. ބައެއް މީހުންނަށް ކިތަންމެބޮޑު ޚަރަދެއް ކުރަން ޖެހުނަސް އާސަންދައިން އެއްކޮށް ހަމަޖައްސައިދޭ. އަނެއް ބަޔެއްގެ ގާތުގައި ބުނަނީ މިހާވަރަށޭ ދެވޭނީ، އިތުރަށް ހިނގާ ޚަރަދު އަމިއްލައަށޭ ހަމަޖައްސަަން ޖެހޭނީ. ނުވަތަ ބޭސްކުރާ ހޮސްޕިޓަލް މާ އަގުބޮޑޭ، މިވެނި އެވެނި ހޮސްޕިޓަލްތަކަކަށް ހަމަޖައްސައިދެވިދާނެޔޭ. އެހެން ބުނީމައި ކޮންމެވެސް ނުފޫޒުގަދަ މީހަކާ ގުޅީމައި، އެމީހަކު އާސަންދަ އޮފީހާ ގުޅައިގެން އެ ނިންމުން ބަދަލުކޮށްދީ، އެމީހާ އެދުނު ގޮތަށް ހަމަޖައްސައިދީފައިވެސް އެބަހުރި. މިގޮތަށް ތާށިކޮށް ފައިސާގެ ދަތިކަން އޮތްކަމަށް ސަރުކާރުން ބުނިނަމަވެސް، ބެންކޮކާއި ދުބާއީ ފަދަ ތަންތަނުން އެކޮމަޑޭޝަން ޚަރަދާއެކު ބަލިމީހާގެ ޚަރަދުތައް އާސަންދައިން ހަމަޖައްސައިދޭ ވާހަކަވެސް ދައްކާފައިއޮތީ. ފައިސާގެ ތާށިކަން ހުރިއިރު ކިހިނެއްބާ މިކަން ކުރާނީ؟ ދައްކާ ވާހަކައިގެ ދެކޮޅު ދިމައެއްނުވޭދޯ؟

    12