ސޭން ޑިއޭގޯ ޒޫއިން އިންސްޓަގުރާމުގައި ވީޑިއޯއެއް ހިއްސާކޮށް، ދުނިޔޭގެ އެންމެ ފުރަތަމަ ކުލޯން ކުރެވުނު އަސް ތަޢާރަފް ކޮށްދީފައެވެ. މި އަހަށް ކިޔަނީ ކަރޓްއެވެ.

ކަރޓްގެ ނަން ދެވިފައިވާ މި އަހުގެ އުފަންދުވަހުގެ ގޮތުގައި ބަލައިފައި ވަނީ މި އަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަސްކަމަށް ޒޫ އިން ސެޕްޓެމްބަރ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.

ކަރޓްއަކީ ޝްވަލްސްކީޒް ފިރިހެން އަހެއްގެ ޑީއެންއޭ ބޭނުންކޮށްގެން ކްލޯން ކޮށްފައިވާ އަހެކެވެ. މި ޑީއެންއޭ ކްރިޔޮޕްރިޒަރވް ކޮށްފައިވަނީ މީގެ 40 އަހަރު ކުރިންނެވެ. ކަރޓް ކްލޯން ކުރުމުގެ ތެރޭގައި ހޯދި ހޯދުންތަކުން އިތުރު އަސް ކްލޯން ކުރެވޭނެ ކަމަށް ވެސް ޒޫ އިން ބުނެފައިވެއެވެ.

ސޭން ޑިއޭގޯ ގްލޯބަލްއާއި ވިއާޖެން އެކުއިންއާއި ޕާޓްނަރށިޕް ހަދާފައިވާ ރިވައިވް އެންޑް ރީސްޓޯރުގެ އެގްޒެކެޓިވް ޑައިރެކްޓަރ ރިޔާން ފެލްޓަން ސީއެންއެންއަށް ދިން އިންޓަވިއުއެެއްގައި ބުނެފައިވަނީ ކްލޯން ކުރުން ފަދަ ފަހުގެ ގޮތްތައް ބޭނުން ކޮށްގެން ހުސްވެ ނެތިދާ ފަދަ ޖަނަވާރުތައް އުފެއްދޭނެ ކަމަށެވެ.

މީގެ ދެ ދުވަސް ކުރިން ކަރޓް ތަޢާރަފް ކުރުމަށް އިންސްޓަގުރާމުގައި ސޭން ޑިއޭގޯ ޒޫއިން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މިއީ ކުރިން އުޅުނު އަހެއް ކަމަށާއި މި އަސް އަނެއްކާ ވެސް ޒޫއަށް ގެނެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ މީގެ 40 އަހަރު ކުރިން އުޅެފައިވާ އަހެއްގެ ކްލޯންއެކެވެ.

އިންސްޓަގުރާމުގައި މި ޕޯސްޓަށް 16،000 ލައިކްސް ލިބިފައިވާއިރު ތަފާތު އެކި ވައްތަރުގެ ކޮމެންޓްސްތައް ވެސް ލިބިފައިވެއެވެ. އެއްބަޔަކު ކަރޓްއަށާއި އެ މަސައްކަތް ކުރި މީހުންނަށް ތަޢުރީފުކޮށްފައިވާއިރު އަނެއް ބަޔަކު އެއަށް ފާޑު ކިޔައިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފައްޔާޒު

    އަންނި ކޮލޯން ކޮއްލަންވީނުން ދިވެހިން ވަރަށް އުފާވާނެ އޭރަށް.

    11
    6