މީސްމީޑިޔާގައި އެންމެ ގަދައަށް ދެކެވޭ ވާހަކަތަކުން އެއް ވާހަކައަކީ ބޮލީވުޑުގެ ބަތަލް، އަނިލް ކަޕޫރު އުމުރުން ދުވަސްވީ ވަރަކަށް ޒުވާންވަމުންދާ ވާހަކައެވެ.

އުމުރުން 63 އަހަރުގައި ވެސް އަނިލް ކަޕޫރު ފެންނަނީ ވަރަށް ފިޓް އަދި އެހާމެ ޒުވާންކޮށެވެ. މީސްމީޑިޔާގައި އަނިލް ކަޕޫރު ހިއްސާކޮށްލާ ކޮންމެ ފޮޓޯއަކަށް އަދި ވެސް އޭނާގެ ޒުވާންކަމަށާއި ފިޓްކަމަށް ތަޢުރީފު ކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ފިޓްކޮށް ހުރުމަށް ލޯބިކުރާ މި އެކްޓަރ އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލައިފައި ގިނަ މީހުން ބުނަމުން ދަނީ އުމުރުން ދުވަސްވީ ވަރަކަށް އަނިލް ކަޕޫރު ޒުވާންވަމުންދާ ކަމަށެވެ.

ކޮވިޑް-19ގެ ފުރަބަންދަށް ފަހު ކަސްރަތު ކުރުމަށް އަނިލް ކަޕޫރު ހާއްސަ ސަމާލުކަމެއް ދެއެވެ. އަދި އެކަމަށް އޭނާގެ ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރާއި އޭނާގެ ފިޓްނަސް ޓްރެއިނަރގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަަމަށް އަނިލް ކަޕޫރު ބުނެފައިވެއެވެ.

އަނިލް ކަޕޫރު ޓީޝާޓްނުލައި ބީޗެއްގައި ހުރި ފޮޓޯއެއް ދާދީފަހުން އޭނާ ވަނީ އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ. އެ ފޮޓޯ އެންމެންނަށް ވެސް އަޖައިބު ކުރުވަނިވި ފޮޓޯއަކަށްވީ އޭނާގެ ގައިގައި މީގެ ކުރިން ހުންނަ އިސްތަށިތައް ނެތި، މުޅިން ތަފާތު ހަށިގަނޑެއް ދައްކައިލުމުންނެވެެ.

މި ފޮޓޯއަށްފަހު ދެން ހިއްސާކުރި ފޮޓޯގައި އޭނާ ހުންނަނީ ޕޫލެއްގައެވެ. މި ފޮޓޯއަށް ވެސް އެތައް ބަޔަކު ތައުރީފު ކޮށްފައިވެއެވެ. އަނިލް ކަޕޫރަކީ 63 އަހަރުގެ މީހެއް ނަމަވެސް މި ފޮޓޯއިން އޭނާ ފެންނަނީ ވަރަށް ޒުވާން ކޮށެވެ.