ކޮންމެ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ސޯނަމް ކަޕޫރުގެ ''ހެލޮވިން ލުކް'' ވަރަށް ތަފާތެވެ. މި އަހަރުގެ ހެލޮވީންއަށް ހެދުން އެޅުމަށް ސޯނަމް އިޚްތިޔާރު ކުރީ އެމެރިކާގެ އެކްޓްރެސް، މޮޑެލް އަދި ލަވަކިޔުންތެރިއެއްކަމަށްވާ މަރިލީން މޮންރޯއެވެ.

ސޯނަމްގެ މި ތަފާތު ފެނިލުން އިންސަޓަގުރާމުގައި ހިއްސާކޮށްފައިވަނީ ފޮޓޯތަކާއި އަދި މި ތަފާތު މޭކަޕް ކުރިއަށް ދިޔައިރުގެ ވީޑިއޯއަކާއި ވެސް އެކުގައެެވެ.


މޭކަޕް ކުރިއަށް ދިޔައިރުގެ މި ފޮޓޯ ހިއްސާ ކުރަމުން ސޯނަމް ބުނެފައިވަނީ ސޯނަމް ކަޕޫރު އަހޫޖާއިން މަރިލީން މޮންރޯއަށް ބަދަލުކޮށްލުމުގައި އޭނާގެ މޭކަޕް އާޓިސްޓުންގެ ހުނަރާއި އެތައް ގަޑިއިރެއްގެ ބުރަ މަސައްކަތާއި އަދި އޭނާ ގިނައިރުތަކެއް ވަންދެން އިށީނދެ އިންނަން ޖެހުނު ކަމަށެވެ.

އަދި މީގެއިތުރުން ސޯނަމްގެ މި ތަފާތު ފެނިލުމަށް އޭނާގެ ސަޕޯޓަރުންގެ ހިޔާލު ހުރިގޮތް ބުނެދިނުމަށް ވެސް އެދިފައިވެއެވެ.


ފުރިހަމަ މޭކަޕަކަށްފަހު މަރިލީންގެ ''ލުކް''އާއިއެެކު ފޮޓޯއެެއް ހިއްސާކުރަމުން ސޯނަމް ބުނެފައިވަނީ މަރިލީން ފަދަ އެކްޓްރެސްއަކަށް ވުމަށް އޭނާ ކުރި މަސައްކަތަކީ އޭނާއަށާއި އޭނާގެ ޓީމަށް މަޖާ އަދި އެެހާމެ ހިތްހަމަޖެހޭ ތަޖުރިބާއެއް ކަމަށެވެ.

އިތުރަށް މި ''ލުކް''އާއި މެދު ސޯނަމް ބުނެފައިވަނީ މި އަހަރުގެ ހެލޮވިންއަށް ހެދުން އަޅައި މޭކަޕް ކުރެވުނު ގޮތަކީ މިހާތަނަށް އޭނާއަށް އެންމެ ކަމުދާ އަދި އެންމެ ހިތްހަމަ ޖެހޭ ''ލުކް'' ކަމަށެވެ.


ސޯނަމްގެ މި އަހަރުގެ ހެލޮވިންއަށް ތައްޔާރުުވުމުގެ ގޮތުން އޭނާ ވަނީ 1970ގެ އަހަރުތަކުން ފެށިގެން 2000ގެ އަހަރުތަކުގެ ބައެއް ބިރުވެރި ފިލުމުތައް ވެސް ބަލައިފައެެވެ.

ސޯނަމްގެ މި ތަފާތު ފެނިލުން ގިނަ ބަޔަކަށް ކަމުދާކަން ދޭހަވަނީ މި ފޮޓޯތަކަށް ލިބިފައިވާ ތަރުހީބުގެ ސަބަބުންނެވެ.