ބޮލީވުޑުގެ ބަތަލާ އަމްރިތާ ރާއޯއާއި އޭނާގެ ފިރިމީހާ އާރްޖޭ އަންމޯލްއަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. މިއީ މި ދެމަރިފިންގެ ފުރަތަމަ ދަރިފުޅެވެ. އަމްރިތާ ވިހައިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު އެވެ.

އަމްރިތާގެ ފަރާތުން ވާހަކަދެއްކި މީހަކު މިޑީއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަމްރިތާއާއި އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅުކަމަށާއި އަދި އެންމެންގެ ހެޔޮ ދުޢާއަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އަމްރިތާއާއި އަންމޯލް ކައިވެނި ކޮށްފައިވަނީ 2016 ވަނަ އަހަރެވެ. ޒާތީ ދިރިއުޅުން މީސްމީޑިއާއަށް ހާމަކުރަން ބޭނުންނުވާ މި ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަމުގެ ޚަބަރު ހިއްސާ ކޮށްފައިވަނީ އަމްރިތާގެ ބަނޑަށް ނުވަ މަހުގައެވެ.

އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު އިންސްޓަގުރާމުގައި ފޮޓޯއެއް ހިއްސާކޮށް އަމްރިތާ ބުނެފައިވަނީ އޭނާގެ ބަނޑަށް ނުވަ މަސް ކަމަށާއި މި އުފާވެރި ޚަބަރު އޭނާގެ ރަހުމަތްތެރިންނާއި ސަޕޯޓަރުންނާއި ހިއްސާ ކުރަނީ ނުހަނު އުފަލުން ކަމަށެވެ. އަމްރިތާއާއި އޭނާގެ ފިރިމީހާއާއި އެ ދެ އާއިލާއަށް ވެސް މި ފެށެނީ އުފާވެރި ދަތުރެއް ކަމަށާއި ހުރިހާ އެންމެންނަށް ޝުކުރުވެރިވާ ކަމަށް ވެސް އަމްރިތާގެ ޕޯސްޓުގައިވެއެވެ.

އިންޑިޔާގެ ފެސްޓިވަލެއް ކަމަށްވާ ''ނަވްރާތްރީ'' ފާހަގަ ކުރުމުގެ ތެރެއިން ސާރިއެއްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގުރާމުން ހިއްސާކޮށް ބުނެފައިވަނީ އެފަދަ ދުވަސްވަރެއްގައި އޭނާގެ މަންމައެއްގެ ދަތުރު ފަށަން ލިބުމުން އުފާ ކުރާ ކަމަށެވެ.

އަމްރިތާގެ ފިލްމީ ހަޔާތަށް ބަލާއިރު އޭނާގެ އެންމެ ފާހަގަކޮށްލެވޭ ފިލުމުތަކަކީ ''މެއި ހޫނާ''، ''އިޝްކު ވިޝްކު''، އަދި ''ވިވާހް''އެވެ. އަމްރިތާ އެންމެ ފަހުން ފެނިފައިވަނީ 2019 ވަނަ އަހަރު ''ތެކަރޭ'' ފިލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު