އެމެރިކާގައި މިހާރު ކުރިޔަށްދާ އެޤައުމުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އެޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިގޮތަށް ބުނެފައި ވަނީ، އިންތިޚާބުގައި ނިކުންނަ ކޮންމެ ނަތީޖާއަކާއިވެސް ކުރިމަތިލާން އޭނާ ތައްޔާރަށް ހުރިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ޓްރަމްޕް ބުނެފައި ވަނީ އޭނާއަށް މި އިންތިޚާބުން ކާމިޔާބުވި ނަމަވެސް އަދި ރައްޔިތުންނަށް ދޭން ހިތާބެއް ލިޔެ ތައްޔާރު ނުކުރާ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ހީނުކުރާ ފަދަ ގޮތަކަށް ނިކުތަސް ދައްކާނެ ވާހަކައަކަށް އަދި ތައްޔާރު ނުވެވޭ ކަމަށް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ވަނީ މިފަހަރުގެ ރިޔާސީ ރޭހުން ކާމިޔާބު ލިބޭނެ ކަމުގެ އުންމީދުގައި ހުރިކަމަށް މިއަދުވެސް ބުނެފައެވެ. އަދި އިންތިޚާބުން ކުރި ހޯދުމަކީ އޭނާއަށް ވަރަށް ފަސޭހައިން ހާސިލް ކުރެވިދާނެ ކަމެއް ކަމަށްވެސް ބުންޏެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ އުންމީދުގައި ޓްރަމްޕް ހުރިއިރު، މިއަހަރުގެ އިންތިޚާބަކީ ވަރަށް ވާދަވެރިވާނެ އިންތިޚާބެއް ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ހަމައެހެންމެ ފާއިތުވެދިޔަ ދުވަސްތަކުގައި އެމެރިކާގެ މަޝްރަހު އޮތްގޮތަށް ބަލާއިރު ޓްރަމްޕް އަށް ވަރަށް ބޮޑަށް ތާޢީދު ކުޑަވެފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި ވެރިކަމުގެ ސިޔާސަތުތަކަށް ބަލާއިރުވެސް ޓްރަމްޕް އާއި ވާދަކުރައްވާ އެމެރިކާގެ ކުރީގެ ނައިބު ރައީސްއަށް އިންތިޚާބުން ކުރި ހޯދަން ފަސޭހަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މީގެ އިތުރުން 2016 ވަނަ އަހަރުގެ އިންތިޚާބާއި އަޅާބަލާއިރު، ޓްރަމްޕް އަށް އެންމެ ބޮޑު ތަފާތަކުން ކާމިޔާބު ކުރެވުނު ސްޓޭޓްތަކުން ވެސް އޭނާއަށް އޮތް ތާޢީދު ވަނީ ކުޑަވެފައެވެ. އަދި އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންނާއި އެމެރިކާގެ ކުރީގެ ރައީސުންގެ ތާޢީދުވެސް ޓްރަމްޕް އަށް ވަނީ ގެއްލިފައެވެ.

މިފަހަރުގެ އިންތިޚާބުން ޓްރަމްޕް އަށް ނާކާމިޔާބު ވެއްޖެނަމަ އޭނާ ވާނީ 1992 ވަނަ އަހަރަށްފަހު އެމެރިކާގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިޚާބުނުވާ ފުރަތަމަ ފަހަރަށެވެ. އެންމެ ފަހުން ދެވަނަ ދައުރެއްގެ އިންތިޚާބުން ބަލިވި ރައީސަކީ ޖޯޖް ޑަބްލިއު ބުޝްގެ ބައްޕާފުޅު، ޖޯޖް އެޗް.ޑަބްލިއު ބުޝް އެވެ.

މިއަދު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިޔަށްދާއިރު، މިހާތަނަށް އެޤައުމުގެ ސަތޭކަ މިލިއަނަށްވުރެ ގިނަ މީހުން ވަނީ ވޯޓު ލާފައެވެ. އެހެންކަމުން މާދަމާގެ ވަގުތެއްގައި އިންތިޚާބުގެ ވަގުތީ ނަތީޖާތައް ލިބެން ފަށާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮމް

    ޓުރަ މްޕަސް. ޑުރަ މްޕަސް އުނދަގުލަސް ރޮވުނަސް ފެއިލް ވީ މަޖެހޭނީ ހަ މަ ފައިބަން!

    14
  2. ކޮތަރު

    ތިޔައެތި ވެރިކަމުގަ ބަހައްޓައިގެން އުޅޭކަށް އެމެރިކާގެ ރައްޔިތުންނަކަށް ފަސޭހައެއްނޫން.

  3. އަންނި

    އަޅުގަނޑު ހިތަކައްވެސް ކެތެއް ނުވާނެ.